މުޅި މާލެއިން ފެން ކެނޑުމުގެ ކުރިން ފެން ފޯރުކޮށްދިން ގޮތަށް ފެން ފޯރުކޮށްދޭން އަދި ހަތެއް ނުވަތަ 10 ދުވަސް ވަރު ހޭދަވާނެ ކަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މާލެއިން ފެން ކެނޑުމާއި ގުޅިގެން އެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޓާސްކް ފޯސް ކޮމިޓީގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ޕެނަލް ބޯޑުގައި އަލިފާން ރޯވުމާއި ގުޅިގެން ޕެނަލްތަކާއި ކޭބަލްތައް ހުރީ އެއްކޮށް އަނދާ ހުލިވެފައި ކަަމަށެވެ.
"އެހެންކަމުން ޕެނަލްތައް ޖެހެނީ ސިންގަޕޫރުގައި އެސެމްބްލްކޮށްގެން ގެންނަން. ކޭބަލްތައް ވެސް ހުރީ މުޅިން ހަލާކުވެފައި،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ ތިން ފެން ޕްލާންޓަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު މިހާރު ހިދުމަތް ދެނީ އެންމެ ފެން ޕްލާންޓަކުން ކަމަށެެވެ. މިރޭގެ ވަގުތެއްގައި ދެވަނަ ޕްލާންޓަކުން ހިދުމަތް ދެވޭނެ ކަމަށާއި އަދި މާދަމާގެ ވަގުތެއްގައި ތިންވަނަ ފެން ޕްލާންޓް ބޭނުން ކުރަން ފެށުމުން މިހާރު އެއްގަޑިއިރަށް ގޭގެއަށް ދޫކުރާ ފެން ދެ ގަޑިއިރަށް ދޫކޮށްލެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ތިންވަނަ ފެން ޕްލާންޓުގެ ހިދުމަތް ލިބެން ފެށުމުން ބުރިބުރިއަށް ހަދާފައި ހުންނަ އިމާރާތްތަކުގެ މަތީ ބައިތަކަށް ފެން ނުލިބިގެން މިހާރު ދިމާވަމުންދާ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ކޮންމެ އަށް ގަޑިއިރަކުން ގޭގެއަށް ފެން ފޯރުކޮށްދޭނެ ކަަމަށެވެ. އޭގެ ފަހުން ކޮންމެ 24 ގަޑިއިރަކު ކޮންމެ ހަގަޑިއިރަކުން ގޭގެއަށް ފެން ދޫކުރާނެ ކަމަށާ ފެން ކެނޑުމުގެ ކުރިން ހުރިގޮތަށް 24 ގަޑިއިރު ހިދުމަތް ދޭން އަދި ހަތް ދުވަހާއި 10 ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށެެވެ.
އުމަރު ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ޕެނަލް ބޯޑުގައި އަލިފާން ރޯވީ ބަޔަކު ގަސްދުގައި ކުރި ކަމަކުން ނޫން ކަމަށާއި އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ވަރަށް ބުރަކޮށް މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަަމަށެވެ.
"އަޅުގަނޑުމެންނަށް އިނގޭ އަދި ފެނޭ ރައްޔިތުން ކުރާ އިހްސާސް. އަޅުގަނޑުމެން ވެސް މިދަނީ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން،" އުމަރު ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އުމަރު ވިދާޅުވީ ރައްޔިތުންނަށް ފެން ނުލިބި މިދާ މުއްދަތުގައި ފެން ބިލްތަކުން ޑިސްކައުންޓެއް ދިނުމަށް އެކުންފުނިން ނިންމާފައިވާ ކަމަށެވެ. މިހާދިސާގެ އެންމެ ފުރިހަމަ މައުލޫމާތު ދެވޭނީ ތަހުގީގަށްފަހު ކަމުގައިވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ޕެނަލް ބޯޑުތައް ހުރި ތަން ހުރީ ސެކިއުރިޓީ މައްސަލައަކަށް ތައްޔާރުވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ކަމަށެވެ. އަދި އެތަނުގެ މިންގަނޑުތައް ހުރީ ބައިނަލްއަގްވާމީ ހަމަތަކާއި އެއްގޮތަށް ކަމަށާއި ލިބުނު ގެއްލުމުގެ އޮޑިޓެއް ވެސް މިހާރު ހަދަމުންދާ ކަމުގައި ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީގެ ޕެނަލް ބޯޑުގައި އަލިފާން ރޯވެ މުޅި މާލެއިން ފެން ކެނޑުނީ މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ޖަހާ އެހާއިރު އެވެ.
24 ގަޑިއިރު ފެން ފޯރުކޮށްދޭން އަދި 10 ދުވަސް ނަގާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ