ނަޝީދަށް ރައްކާތެރިކަން ލިބިވަޑައިގަންނަވާނެ: އުމަރު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރާއިރު އެމަނިކުފާނަށް ސަލާމަތާއި ރައްކާތެރިކަން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ސަރުކާރުގެ ފަރާތުން ދެއްވާ ކަަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ މިރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ.
އުމަރު ވިދާޅުވީ ރައީސް ނަޝީދު ޖަލުގައި ހުންނަވާއިރު އެމަނިކުފާނާ ދޭތެރޭ އަމަލުކުރައްވަނީ އިހްތިރާމާ ގަދަރުވެރިކަމާއެކު ކަަމަށެވެ.
ނަޝީދަށް ސަލާމަތާ ރައްކާތެރިކަން ލިބިވަޑައިގަންނަވާނެ ކަމުގައި ހޯމް މިނިސްޓަރު މިރޭ ވިދާޅުވެފައި މިވަނީ ނަޝީދުގެ ވެރިކަމުގައި އިންސާނުން ބައިތިއްބަން ކަމުުނުދާކަމަށް ކަނޑައަޅާފައިވާ މާފުށީ ޖަލުގެ އެމް ބްލޮކްގައި އެމަނިކުފާނަށް ހާއްސަކޮށް ގޮޅިއެއް ތައްޔާރު ކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ނަޝީދުގެ ގާނޫނީ ޓީމުން މިއަދު ބުނެފައިވަނިކޮށެވެ.
ރައީސް ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފު ވިދާޅުވީ މައުލޫމާތު ލިބޭ ގޮތުގައި އެގޮޅި ހަދަން ނިންމާފައިވަނީ މީހުން އުޅޭ ސަރަހައްދާއި، ނުވަތަ އެހެން ގައިދީން އުޅޭ ސަރަހައްދާއި 200 ވަރަކަށް ފޫޓް ދުރުގައި ހުންނަ ކުރީގެ އެމް ބްލޮކްގައި ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އަދި އެގޮޅި ހަދަނީ ދެގޮޅި އެއްކޮށްލައިގެން 8 ފޫޓު 10 ފޫޓު ސައިޒަށް ކަމަށާއި، އެތަނަށް ދޮންވެލި ލައި ފަންކާ ހަރުކޮށް، އަދި ވައި ގަދަވުމުން ގޮޅީގެ ތެރެއަށް ވެލި ބުރައިގެންދާ ގޮތަށް ގޮޅި ފަރުމާ ކުރާ ކަމަށް މައުލޫމާތު ލިބެމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.
ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭގަ އެވެ. ނަމަވެސް ރާއްޖެއާއި ބޭރު ދުނިޔޭގެ ވެސް އެތައް ބަޔަކު ދަނީ އެ ދައުވާ އަކީ ސިޔާސީ ދައުވާއެއް ކަމަށް ބުނެ ފާޑު ކިޔަމުންނެވެ.
ނަޝީދު ޖަލަށް ލުމަށް ހުކުމް ކުރުމާއި ގުޅިގެން އެމެރިކާ، އިނގިރޭސިވިލާތް އަދި އިންޑިއާ ފަދަ ބޮޑެތި ގައުމުތަކާއި އީޔޫއާއި ކޮމަންވެލްތާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ބޮޑެތި ޖަމިއްުޔާ ތަކުން ގެންދަނީ ނަޝީދުގެ ޝަރީއަތް ދިޔަ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް ރާއްޖެއަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.
ނަޝީދުގެ ޝަރީއަތް ދިޔަ ގޮތާއި ގުޅޭ ގޮތުން ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ބަޔާނެއްގައިވެސް ބުނެފައިވަނީ ނަޝީދުގެ ޝަރީއަތަކީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ