ސްކޫލް ދަރިވަރުންނަށް ޗެސް ކުޅެން ދަސްކޮށްދެނީ

ސްކޫލްތަކަށް އަމާޒުކޮށްގެން ދަރިވަރުންނަށް ޗެސް ކުޅެން ދަސްކޮށް ދިނުމަށްޓަކައި އަންނަ ހުކުރު ދުވަހުގެ ރޭ ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޗެސް ފެޑެރޭޝަނުން ބުނެފި އެވެ.
ވީ ނިއުސް އަށް މައުލޫމާތު ދެއްވަމުން އެ ފެޑެރޭޝަންގެ ޓެކްނިކަލް މެނޭޖަރު އާދަމް ޒާހިރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް އަމާޒުކޮށްގެން ހާއްސަކޮށް މާލޭގެ ސްކޫލްތަކަށް ހިންގާ މި ޕްރޮގްރާމު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ ދަރުމަވަންތަ ސްކޫލުގައި ކަމަށެވެ. އަދި އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު 19 އަހަރުން ދަށުގެ ކޮންމެ ދަރިވަރުންނަށް ހުޅުވާލެވިފައިވާ ކަމަށް ޗެސް ޗެސް ފެޑެރޭޝަންއިން މައުލުމާތު ދެއެވެ.
ޒާހިރު އިތުރަށް ވިދާޅުވީ މި ޕްރޮގްރާމުގެ ސަބަބުން ޗެސް ކުޅެން ދަސްވުމުގެ އިތުރުން ދަރިވަރުންނަށް ކިޔެވުމުގައި އިތުރު ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށާއި، ހަމަ އެއާއެކު މި ކުޅިވަރުގެ ސަބަބުން ކަންތައްތަކުގައި ވިސްނައި ގޮތް ނިންމުމަށް ފަސޭހަތަކެއް ވެގެންދާ ކަމަށެވެ.
"މި ކުޅިވަރަކީ ޔޫރަޕުގެ ގައުމުތަކުގައި ސްކޫލްތަކުގެ ކުދިންނަށް މާއްދާއެއްގެ ގޮތުގައިވެސް ކިޔަވައިދެމުން އަންނަ ކުޅިވަރެއް. ރާއްޖޭގައިވެސް މި ކުޅިވަރު ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް އުނގަންނައިދިނުމަށް ޗެސް ފެޑެރޭޝަންގެ ފަރާތުން އެދެން" ޒާހިރު ވިދާޅުވިއެވެ.
ޗެސް ފެޑެރޭޝަނުން ބުނީ، މި ޕްރޮގްރާމުގައި މި ހާތަނަށް ޖުމްލަ 3 ސްކޫލަކުން ބައިވެރިވުމަށް އެދި ޝައުގުވރިކަން ފާޅުކޮށްފައިވާ ކަަމަށެވެ.
ސްކޫލްތަކަށް އަމާޒުކޮޮށްގެން ޗެސް ކުޅެން ދަސްކޮށްދިނުމަށް ޕްރޮގްރާމެއް ފަށަން ތައްޔާރުވަމުން ދާއިރު، އެ ފެޑެރޭޝަނުން ވަނީ މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ސްރީލަންކާގައި ކުރިއަށްދިޔަ ފަސް ވަނަ އޭޝިއަން ސީނިއާ އެންޑް އެމޭޗާ ޗެސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރަނގަޅު ވަނަތަކެއް ހޯދާފައެވެ. އެގޮތުން އެމުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ ދެ ރިހި މެޑެއްޔާއި ދެ ލޯ މެޑަލް ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ