މާދަމާ ރޭ ފާހަގަކުރާ އާތު އަވާގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ރައީސް އެދިވަޑައިގެންފި

މާދަމާރޭ ފާހަގަކުރާ "އާތު އަވާ" ގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
މިއަދު ރައީސް ނަޝީދު ދެއްވި ހަފްތާ ރޭޑިއޯ ޚިތާބުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މާދަމަރޭ 8.30 އިން 9.30 އަށް ފާހަގަކުރާ އާތު އަވާ ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ކޮންމެހެން ބޭނުންކުރަންޖެހޭ ބޮކި، ހޮޅިބުރިފަދަ ތަކެތި ފިޔަވައި އެހެން ހުރިހާ ބޮތްކަކާއި ހޮޅިބުރިތައް އެ އެއްގަޑިއިރަށް ނިވާލުމަށް ހަމަޖެހިފައިވާ ކަމަށާއި އެކަމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އާތު އަވާ ގެ މަގުސަދަކީ، މޫސުމަށް އަންނަމުންދާ ބަދަލުތަކާމެދު އިންސާނުން ހޭލުންތެރިކޮށް، ތިމާވެށްޓާ ރައްޓެހި ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ދިޔުމަށް ހިތްވަރު ދިނުންކަމަށެވެ.
"އާތު އަވާއަކީ، ދުނިޔޭގެ ހޫނުވުމާއި ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާމެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ވަރލްޑް ވައިލްޑްލައިފް އިން 2007 ވަނަ އަހަރުން ފެށިގެން މުޅި ދުނިޔޭގައި ހިންގަމުންގެންދާ ކެމްޕެއިނެއް. އާތު އަވާ ގެ މަގުސަދަކީ، މޫސުމަށް އަންނަމުންދާ ބަދަލުތަކާމެދު އިންސާނުންގެ ހޭލުންތެރިކަން އިތުރުކުރުމާއެކު، ތިމާވެށްޓާ ރައްޓެހި ދިރިއުޅުމުގެ ވައްޓަފާޅިއަށް ދިޔުމަށް ހިތްވަރު ދިނުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް މިއަދު ދެއްވި ރޭޑިޔޯ އެޑްރެސްގައި، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ތައުރީފް ކުރައްވަމުން، އޭއެފްސީ ޗެލެންޖްކަޕް ކޮލިފައިންގައި ކުޅުނު ފުރަތަމަ ދެ މެޗް ކާމިޔާބުކޮށް، ޗެލެންޖް ކަޕަށް ފުރަތަމަ ފަހަރަށް ރާއްޖެ ކޮލިފައިވުމަކީ، ގައުމީ ޓީމު ރާއްޖެއަށް ހޯދައިދިން ވަރަށް ރީތި ނަމަކާއި ޝަރަފެއްކަމަށް ވިދާޅުވި އެވެ. އަދި އެކަމަށްޓަކައި ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް އެމަނިކުފާނު ތަހުނިޔާ ވިދާޅުވި އެވެ.
"މި ތަހުނިޔާގައި ޓީމުގެ އޮފިޝަލުންނާއި އެފްއޭއެމްގެ ބޭފުޅުންނާއި، ފުޓްބޯޅައަށް ލޯބިކުރައްވާ ހުރިހާ ފަރާތްތައް އަޅުގަނޑު ހިމަނަން. މިއިން ކޮންމެ މެޗެއްގައި ރާއްޖެ ދެއްކީ ވަރަށް މޮޅު ކުޅުމެއް." އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ