ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމަށް ގޮންޖެހުން އެބަހުރި: އެމެރިކާ

ދިމިގްރާތީ ގޮތުން ރާއްޖެ އިން ގިނަ ކުރިއެރުންތަކެއް ހާސިލްކޮށްފައިވީ ނަމަވެސް ރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަމަށް ގޮންޖެހުންތައް އެބަހުރި ކަމަށް އެމެރިކާ އިން ބުނެފި އެވެ.
އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‏‏އެފެއާޒް ނިޝާ ބިސްވާލް ރާއްޖެއަށް މިއަދު ކުރެއްވި ދަތުރުފުޅަށްފަހު ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވީ ދިމިގްރާތީ ގޮތުން ރާއްޖެއިން ހާސިލްކޮށްފައިވާ ކަންކަމާއި ގުޅިގެން ރާއްޖެއަކީ އިސްލާމީ ގައުމު ތަކަށް ހުރި މިސާލެއް ކަމަށާއި ދިމިގްރާތީ ގޮތުން ކާމިޔާބީތަކެއް ހޯދިދާނެ ކަން ރާއްޖެ އިން މިދިޔަ ދުވަސްތަކުގައި ދުނިޔެއަށް ސާބިތުކޮށްދީފައިވާ ކަަމަށެވެ.
ދިމިގްރާތީ ގޮތުން ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް ބަޔާނުގައި ތައުރީފްކުރައްވާފައިވިޔަސް ރާއްޖޭގައި ސިޔާސީ މީހުންނަށް އިންޒާރު ދިނުމާއި، ޝަރުއީ ދާއިރާގެ މިނިވަންކަމަށް ގޮންޖެހުންތަކެއް ހުރިކަން ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް ދިމިގްރާތީ ގޮތުން ކުރިއެރުން ހޯދުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކުގައި އެމެރިކާއިން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމުގައިވެސް ބަޔާނުގައިވެ އެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަމަށް ގޮންޖެހުންތަކެއް ހުރިކަމަށް އެމެރިކާ އިން ބުނެފައި މިވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުން ކަމުގައިވާ އަހްމަދު ފާއިޒު ހުސައިންއާއި މުއުތަސިމް އަދުނާން މަގާމުން ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިމަހުގެ 14 ވަނަ ދުވަހު ފާސްކޮށްފައި ވަނިކޮށެވެ.
މަޖިލީހުގެ އެ ނިންމުމާއި ގުޅިގެން ކޮމަންވެލްތުގެ ތިިން ޖަމިއްޔާއެއް ގުޅިގެން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ ސަބަބުން ރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަން ގެއްލިިގެން ގޮސްފައިވާ ކަމަަށެވެ.
އެމެރިކާގެ ބަޔާނުގައި ދާދި ފަހުން މާލެއިން ފެނުގެ ހިދުމަތް މެދުކެނޑުމާއި ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކަށް ވަނީ ތައުރީފް ކުރައްވާފަ އެވެ. އަދި އެފަދަ ހާދިސާތަކަށް ދުރާލާ ފިޔަވަޅު އަޅައިގެން ތިބުމަށްވެސް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމެރިކާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެމެރިކާގެ އިންވެސްޓްމަންޓްތައް މެދުވެރިކޮށް ރާއްޖޭގެ އިގްތިސޯދު ވަރުގަދަކުރަން ދިވެހި ސަރުކާރާއެކު މަސައްކަތް ކުރާނެ ކަމަށެވެ. އިންވެސްޓްމަންޓާ ވިޔަފާރި އާއި ގުޅޭ ދާއިރާއިން ދެ ގައުމުގެ ދެެމެދުގައި މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް މަޝްވަރާ ބައްދަލުވުމެއް ބޭއްވިފައިވާ ކަން ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
ނިޝާ މިއަދު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާއި ބައެއް ވަޒީރުންނާއި ބައެއް ސިޔާސީ ބޭފުޅުންނާ އަދި ބައެއް ޖަމިއްޔާ ޖަމާއަތްތަކާއި މިއަދު ވަނީ ބައްދަލުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ