ނަރުދޫ ހުރިހާ ގެއެއްގެ ކަރަންޓު ބިލު ދާއިރާގެ މެންބަރު ރިޒާ ދައްކަވައިފި

ށ. ނަރުދޫ ހުރިހާ ގެއެއްގެ މޭ މަހުގެ ކަރަންޓު ބިލު އެ ރަށް ނިސްބަތްވާ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ދައްކައި ދެއްވައިފި އެވެ.
ނަރުދޫ އަކީ މާލެ ފިޔަވާ އެންމެ ގިނަ މީހުން ކޯވިޑަށް ޕޮސިޓިވް ވެގެން މޮނިޓަރިންގައި އޮތް ރަށެކެވެ. އެ ރަށުން 11 މީހަކު ޕޮސިޓިވް ވެފައިވާއިރު ނަރުދޫއަށް ބަލި ގޮސްފައިވަނީ އެ ރަށާއި މާލެ އާއި ދެމެދު ދަތުރުކުރާ “އަމާޒު” ބޯޓުގެ ކެޕްޓަން ވައިރަހަށް ޕޮސިޓިވް ވެގެންނެވެ.
ނަރުދޫ ފެނަކަ އޮފީހުގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވެފައިވާ ގޮތުގައި އެ ރަށުގެ މީހުން ދިރިއުޅޭ ހުރިހާ ގެއެއްގެ މިދިޔަ މަހުގެ ކަރަންޓު ބިލަށް 37،000 އަށް ވުުރެ ގިނަ ރުފިޔާ އެރި އެވެ. އެއީ87 ގެ އެވެ.
މިއީ މަޖިލީސް މެންބަރެއްގެ ފަރާތުން ކޯވިޑާއި ގުޅިގެން މިހާ ބޮޑު އެހީއެއް ދާއިރާގެ ރައްޔިތުންނަށް ދިންކަން އެނގިގެން ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވަނީ ވިލިމާލޭގައި އެހީއަށް ބޭނުންވެގެން އެދުނު ހުރިހާ ގެއަކަށް ކާބޯތަކެތި ފޯރުކޮށްދީފައި އެވެ.
ނަރުދޫ މޮނިޓަރިންގެ ހާލަތުގައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެ ރަށަށް އަރާފޭބުން މަނާކޮށްފައިވާތީ ބާކޯތަކެތި ހޯދުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިވެފައި ވެއެވެ. އެހެންވެ އެ އަތޮޅުގެ ގިނަ ރަށްތަކަކުން ވަނީ ނަރުދޫއަށް ބޭނުންވާނެ ކާބޯތަކެއްޗާއި އެހެނިގެން ޒަރޫރީ ތަކެތި ހަދިޔާކޮށްފައި އެވެ.
ނަރުދޫއިން 100 އެއްހާ މީހުން ކޯވިޑަށް ޓެސްޓު ކުރި ނަމަވެސް އަމާޒު ބޯޓުގެ ކެޕްޓަންގެ ފަރާތުން ބަލި ޖެހުނު 11 މީހުން ފިޔަވާ އިތުރު ބަޔަކު އެ ރަށުން ޕޮސިޓިވް ވެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ