ގަރާރު ފާސްކުރަން ބާއްވާ ޖަލްސާ ހަވީރު 4:00 ޖަހާއިރު ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިއަދު ހަވީރު 4:00 ޖަހާއިރު ބާއްވަން ނިންމައިފި އެވެ.
މިޖަލްސާ ފަށާ ގަޑި މެންބަރުންނަށް މަޖިލީހުގެ އިދާރާއިން އެންގީ މީގެކުޑައިރުކޮޅެއް ކުރިންނެވެ. ނަމަވެސް މިއަދު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމުގެ މެސެޖު ރޭ 11:00 ޖެހި ފަހުން މަޖިލީހުގެ އިދާރާއިން މެންބަރުންނަށް ފޮނުވާފައިވެ އެވެ.
މަޖިލިސް ފަށާ ގަޑި މެންބަރުންނަށް އަންގާފައި މިވަނީ މިޖަލްސާގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުން އަމަލުކުރާނެ ގޮތްތަކެއް އެ ގުރޫޕްގެ ބައްދަލުވުމެއް ބާއްވާ މިއަދު ނިންމި ފަހުންނެވެ.
މަޖިލީހުގެ ޖަލްސާއެއް އިއްޔެ ބޭއްވުމަށްފަހު މިއަދުވެސް މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު މަޖިލީހުގެ އިދާރާއިން ބުނީ މިހާރު ބާއްވަމުން މިދާ ޖަލްސާތަކަކީ ދައުރުން ބޭރުގައި ބާއްވާ ޖަލްސާތަކެއް ކަމަށެވެ. ނަމަވެސް މަޖިލިސް މިއަހަރަށް ހުޅުވަންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނާ ދުވަސް ފަހަނައަޅައި ގޮސްފައިވާތީ މަޖިލިސް ހުޅުވާ ޖަލްސާ ނުބާއްވާ، ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާތައް ނުބޭއްވޭނެ ކަަމަށް ގުޅިފައިވާ ޕާޓީ ތަކުގެ މެންބަރުން ގެންދަނީ ވިދާޅުވަމުންނެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ މިހާރު އިއުލާންކޮށްފައިވާ 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު، އިތުރު 15 ދުވަހަށް ދިގުދަންމާލުމާއެކު، ކުއްލި ހާލަތު ޖުމްލަ 30 ދުވަަހަށް ދިގުދަންމާލުމާ މެދު މަޖިލީހުން ގޮތެއް ނިންމުމުގެ މައްސަލަ އެވެ.
މިމައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އެހެންކަމުން މިއަދު މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ މިމައްސަލައާއި މެދު ގޮތެއް ނިންމުމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަކީ ރައްޔިތުން އެއަށް އަމަލުކުރަންޖެހޭ ގަރާރަކަށް ވާތީ މިގަރާރު މަޖިލީހުން ފާސްކުރެވޭނީ، ވޯޓަށް އަހާއިރު މަޖިލީހުގެ ތަޅުމުގައި 43 މެމްބަރުން ހާޒިރުވެ ތިބެގެންނެވެ. ނަމަވެސް ގުޅިފައިވާ ޕާޓީތަކުގެ މެންބަރުން ޖަލްސާ ބޮއިކޮޓް ކުރަން ނިންމާފައިވާތީ ސަރުކާރު ކޯލިޝަނަށް އެންމެ ގިނަވެގެން ވެސް މިވަގުތު ލިބެނީ 39 މެންބަރުންގެ ވޯޓް ކަމަށްވުމުން ގާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް މިގަރާރު ފާސްވާނެ ކަމަކަށް ނުބެލެވެ އެވެ.
މިގަރާރު ފާސްކުރުމަށް ވެރިކަން ކުރާ ޕީޕީއެމުން ވަނީ ތްރީ ލައިން ވިޕް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ