އަބްދުﷲ ޝާހިދު ސިންގަޕޫރުގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ޑރ. ވިވިއަން ބާލަކްރިޝަނަން އާއި ބައްދަލުކުރައްވައިފި އެވެ.
ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ސަރުކާރުން ކޮށްފައިވާ ކަންކަމާއި، އިސްކަންދޭ ސިޔާސަތުތަކާ ބެހޭ މައުލޫމާތު މިނިސްޓަރު ޝާހިދު ވަނީ ސިންގަޕޫރުގެ ފޮރިން މިނިސްޓަރާ ހިއްސާކުރައްވާފަ އެވެ. މި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ޒަމާންވީ ގާތްގުޅުމާ ގުޅޭގޮތުންވެސް މިބައްދަލުވުމުގަައި މަޝްވަރާކުރައްވާފަ އެވެ.
މީގެ އިތުރުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖެއަށް މުހިއްމު ބައެއް ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ވެސް މިބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.
ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ބާލަކްރިޝްނަންގެ ވާހަކަފުޅުގައި ދިވެހިރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުމަށް ނިންމި ނިންމުމަށް މަރުހަބާ ދެންނެވި އެވެ. އަދި ތިމާވެށީގެ ރޮނގުން ރާއްޖެއިން އިސްނަގަމުންދާ ކަމަށްޓަކައި އެމަނިކުފާނު ވަނީ ރާއްޖެއަށް މަރުހަބާ ދަންނަވާފަ އެވެ.
މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީއަށް ސިންގަޕޫރުން މެދުކެނޑުމެއްނެތި ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި ކަމަށްވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.
މިބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އަބްދުﷲ މައުސޫމާއި، ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ނައިބް އީމާން ހުސައިން ބައިވެރިވެވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ