މަޖީދިއްޔާ ސުކޫލުގެ މުސްކުޅި ދަރިވަރުން އިސްނަގައިގެން ހިނގާލުމެއް ބާއްވައިފި

މަޖީދިއްޔާ ސުކޫލުގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ސްކޫލުގެ މުސްކުޅި ދަރިވަރުން އިސްނަގައިގެން ހިނގާލުމެއް ބާއްވައިފި އެވެ.
މިރޭ މަޖީދިއްޔާ ސުކޫލު ސަރަހައްދުގައި ބޭއްވި މި ހިނގާލުމުގައި އެ ސުކޫލުގެ ވަށައިގެން ހިނގާފައި 5 ބުރު ވަނީ ޖަހާފައެވެ. މި ހިނގާލުމުގައި އެ ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ތެރެއިން ގާތްގަނޑަކަށް 22 ދަރިވަރުންނާއި އެކު ސްކޫލުގެ ކުރީގެ ޕްރިންސިޕަލް މުހައްމަދު ހަމީދު (އުމަރުބެ) ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މިހަރަކާތާއި ގުޅޭގޮތުން އެ ސުކޫލުގެ މުސްކުޅި ދަރިވަރެއް ކަމަށްވާ މުހައްމަދު ޝާން ވިދާޅުވީ މި ހިނގާލުމުގެ މަގުސަދަކީ އެ ސްކޫލުގެ ގޯތި ތެރޭގައި ވަޅުލި ޓައިމް ކެޕްސޫލްގައިވާ ހަނދާންތަކެއް ގެއްލުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ދަރިވަރުން އިސްނަގައިގެން ބޭއްވި ހިނގާލުމެއް ކަމަށެވެ. އަދި މަޖީދިއްޔާ ސްކޫލަށް 92 އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރާ މަންޒަރު މިހާރު ސްކޫލުގެ ދަރިވަރުންގެ ފަރާތުން ނުފެނުމަކީ ހިތާމައެއް ކަން ޝާން ފާހަގަކުރެެއްވި އެވެ.
މި ހިނގާލުމަށް ފަހު އެ ސްކޫލުގެ ކުރީގެ ދަރިވަރުން ވަނީ މަޖީދިއްޔާ ސްކޫލަށް 92 އަހަރު ފުރުމުގެ މުނާސަބަތުގައި ޝުއޫރުފާޅުކޮށްފަ އެވެ.
"މަޖީދައްޔާ ސްކޫލުގައި އުޅުނު އިރު ވަރަށް ބޮޑަށް ދަސްވި މީހުންނަށް އިހްތިރާމް ކުރަން. އަޅުގަނޑު އެދެނީ ކުރިއަށް އޮތް ޖީލުތަކުގެ ދަރިވަރުން ވެސް މި ވެލިއުސް ތައް ދަމަހައްޓާ މަޖީދިއްޔާ ސްކޫލުގެ ނަން ދަމަހައްޓަން އަބަދުވެސް ދަރިވަރުން މަސައްކަތް ކުރުމަށް." ދަރިވަރަކު ކިޔާދިނެވެ.
މަޖީދިއްޔާ ސްކޫލަށް މިއަދު 92 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާއިރު އެ ސްކޫލަށް 65 އަހަރު ފުރުނު މުނާސަބަތުގައި ވަޅުލި ޓައިމް ކެޕްސޫލް ވަނީ ގެއްލިފައެވެ. ނަމަވެސް އެ ކްޕްސޫލްގެ ބައިތަކަކާއި ވަޅުލި ބައެއް ތަކެތި ވަނީ ފެނިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ