ޓެރަރިސްޓް ގްރޫޕްތަކުން ސްރީލަންކާއަށް އިތުރު ހަމަލާތައް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، އެމެރިކާ ރައްޔިތުން މިދަނޑިވަޅުގައި ސްރީލަންކާއަށް ދަތުރު ނުކުރުމަށް އެމެރިކާ ސަރުކާރުން އަންގައިފިއެވެ.
އެމެރިކާގެ ޚާރިޖިއްޔާއިން އާންމުކުރި އިންޒާރުގައި އެމެރިކާ ރައްޔިތުންނަށް އަންގާފައިވަނީ، ސްރީލަންކާއަށް ދަތުރުކުރުމުގައި ދެވަނަ ވިސްނުމަކަށް ދިއުމަށެވެ.
ހަމަ އެއާއެކު، ސްރީލަންކާގައި ދިރިއުޅޭ އެމެރިކާ ސަރުކާރު މުވައްޒަފުންގެ އާއިލާތަކުގައި ހިމެނޭ ކިޔަވާ އުމުރުގެ ހުރިހާ އެންމެން ސްރީލަންކާއިން ބޭރުވުމަށްވެސް އަމުރު ކޮށްފައި ވެއެވެ.
މީގެއިތުރުން، އިމަޖެންސީގައި ތިބެންޖެހޭ މުވައްޒަފުންނޫން އެންމެން އެނބުރި ދިއުމަށްވެސް އަންގާފައި ވެއެވެ.
އެމެރިކާގެ އިތުރުން، ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި މެނުވީ، މިދުވަސްވަރު ސްރީލަންކާއަށް ދަތުރު ނުކުރުމަށް އިނގިރޭސި ސަރުކާރުންވެސް ވަނީ އެގައުމުގެ ރައްޔިތުންނަށް އަންގާފައެވެ.
އިންޑިއާއިންވެސް މިފަދައިންވަނީ އިންޒާރު ނެރެފައެވެ. އަދި އެހެން ބައެއް ގައުމުތަކުންވެސް މިފަދަ އިންޒާރު ނެރެފައި ވެއެވެ.
ސްރީލަންކާއަށް ދެވުނު ބޮމުގެ ހަމަލާތަކާ ގުޅިގެން އެ ހަމަލާތައް ތަހްގީގު ކުރުމުގައި އެހީތެރިވެދިނުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުއްވުން ސްރީލަންކާ ސަރުކާރުން ގަބޫލު ކުރުމާ ގުޅިގެން އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމުތައް މިހާރު ދަނީ ސްރީލަންކާގައި ހަރަކާތްތެރިވަމުންނެވެ.
އެގޮތުން، ގޮވާތަކެތި ހޯދުމާއި، ކުށުގެވެށީގެ ތަހްގީގާއި، ފޮރެކްސިކް އެނަލިސިސްގައިވެސް އެމެރިކާގެ ޓީމުތައް ދަނީ ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކަށް އެހީތެރިވަމުންނެވެ.
ސްރީލަންކާއަށް ދެވުނު ވަރުގަދަ ބޮމުގެ ހަމަލާތަކާ ގުޅިގެން އެގައުމުގެ ފުލުހުންނާއި، ސިފައިން އަދި ސްޕެޝަލް ޓާސްކްފޯސްއިން މުޅި ސްރީލަންކާގައި ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުން އެބަގެންދެއެވެ. އެގޮތުން އިމާރާތްތަކާއި، ގެތައް ބަލައި ފާސްކުރަމުން އެބަގެންދެއެވެ.
އޮޕަރޭޝަންގެ ތެރޭގައި އިއްޔެގައިވެސް، ސްރީލަންކާގެ އިރުމަތީ އައްސޭރިފަށުގެ އަމްޕަރާ ޑިސްޓްރިކްޓާއި، ބެޓިކަލޯގެ ދެކުނުގައި ސަލާމަތީ ބާރުތަކާއި ހަތިޔާރުއެޅި ގްރޫޕްތަކާ ދެމެދު ވަރުގަދަ ބަޑީގެ ކުރިމަތިލުންތަކެއް ހިނގާފައި ވެއެވެ.
މިކުރިމަތިލުންތަކުގައި 15 މީހަކު މަރުވެފައިވާ ކަމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައި ވާއިރު، ދެފަރާތުން ބަޑީގެ ހަމަލާތައް ބަދަލު ކުރުމުގެ ތެރޭގައި ހަ ކުޑަކުދިންވެސް މަރުވެފައި ވެއެވެ. ސަލާމަތީ ފައުޖުތަކުގެ އެއްވެސް މީހަކަށް ކަމެއް ވީކަމެއް ހާމަކޮށްފައެއް ނުވެއެވެ.
އީސްޓަރ ސަންޑޭގެ ބޮމުގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުވީ ވެރިރަށް ކޮޅުނބުގައި ހުރި ކްރިސްޓިއަން ތިން ފައްޅިއަކަށާއި، ހަތަރު ހޮޓަލަކަށެވެ. މިތަންތަނަށް ދެވުނު ހަމަލާތަކުގައި 253 މީހުން މަރުވެފައި ވާއިރު، 500 މީހުން ޒަޚަމްވެފައި ވެއެވެ.
ސްރީލަންކާ ސަރުކާރުން ބުނެފައިވަނީ، ބޮމުގެ ހަމަލާތައް ދިނީ މަތީ ތައުލީމު ހާސިލް ކޮށްގެންތިބި ސްރީލަންކާގެ 9 ރައްޔިތުން ކަމަށެވެ. އޭގެ ތެރެއިން އަށްމީހަކު ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ބޮމުގެ ހަމަލާތަކާ ގުޅިގެން، އަޅުކަންކުރާ ތަންތަނަށް އިތުރު ހަމަލާތައް އަމާޒުވެދާނެކަމުގެ އިންޒާރު ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ދީފައި ވެއެވެ.
މިފަދަ ހަމަލާތަކެއް އަތުވެދާނެކަމުގެ އިންޒާރު އަވަށްޓެރި އިންޑިއާއިން ތަކުރާރުކޮށް ދީފައިވަނިކޮށް ބޮމުގެ ހަމަލާތައް ދިނުމާ ގުޅިގެން ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާއަށާއި، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ސްރީލަންކާ އެތައްބައެއްގެ ނުރުހުން އަމާޒުވެފައި ވެއެވެ.
ނަމަވެސް، އެދެ ބޭފުޅުންވެސް ވިދާޅުވަމުން ގެންދަވަނީ އިންޑިއާއިން އެފަދަ އިންޒާރުތަކެއް ދިންކަން އެބޭފުޅުންނަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
މިކަމުގެ ސަބަބުންވެސް ސްރީލަންކާ ސަރުކާރުގެ މަތީފަޑީގައި އޮތް ބައިބައިވުން ހާމަވެގެންގޮސްފައި ވެއެވެ. އަދި ސަލާމަތަށް ގައުމީ ނުރައްކާވެފައިވާ މިދަނޑިވަޅާ ކުރިމަތިލުމުގެ ގާބިލްކަން ސަރުކާރަށް ލިބިގެންވާ މިންވަރާމެދު ވެސް މިހާރުވަނީ ސުވާލު އުފެދިފައެވެ.
ސްރީލަންކާގައި ދިރިއުޅޭ އެމެރިކާ ރައްޔިތުން އަނބުރާ ގެންދަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ