އިނާޔަތް މުރާޖައާކުރުމަށް ރައީސް މައުމޫން ތާއީދު!

ކުރީގެ ރައީސުންގެ އިނާޔަތްތައް މުރާޖައާކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ރައީސް މައުމޫން ތާއީދު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީފުޅެއްގައި ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެއަށް ދިމާވެފައިވާ އިގުތިސާދީ ދަތިކަމުގެ މިދުވަސްވަރު، ރާއްޖޭގެ އިގުތިސާދަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައި ކަމަށެވެ. މިކަމުގެ ސަަބަބުން ވަރަށް ގިނަ ދިވެހިންގެ ވަޒީފާ ގެއްލި، އަނެއް ބަޔަކު އާމްދަނީ ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ނުކުރެވުމުގެ ސަަބަބުން އެމީހުންނަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައި ކަމަށެވެ. އަދި ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ވެސް ވަނީ ޖެހިފައި ކަމަށެވެ.
ކުރީގެ ރައީސުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ ރައީސް މައުމޫނާއި ރައީސް ނަޝީދުގެ އިތުރުން ރައީސް ވަހީދާއި ރައީސް ޔާމީނެވެ.
ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގައި ވަނީ ރައީސްކަމުގެ އެއްދައުރު ފުރުއްވާފައިވާ ބޭފުޅުންނަށް މަހަކު 50،000ރ. އަދި އެއްދައުރަށްވުރެ ދިގުކޮށް ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 75،000ރ. ގެ އިނާޔަތް ދިނުމަށެވެ. އަދި ދިރިއުޅޭ ތަނުގެ ޚަރަދަށް ކޮންމެ މަހަކު 50،000ރ. ދޭންޖެހެއެވެ. މީގެ އިތުރަށް މުޖުތަމައަށް ފައިދާހުރި ކަމެއް ކުރައްވާނަމަ، އޮފީސް ހިންގުމުގެ ޚަރަދަށް 175،000ރ. ވެސް ލިބޭގޮތަށް ގާނޫނުގައި ވެއެވެ.
ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުން އަންނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ނާއިބުރައީސާއި ވަޒީރުންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ވެސް ވަނީ ކުޑަކޮށްފައެވެ. ޚަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކުރީގެ ރައީސުންގެ އިނާޔަތްތައް މުރާޖައާކުރުމަށް ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅުއްވި ހުށަހެޅުއްވުމާމެދު އަދި ގޮތެއް ނުނިންމައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ