ޕާކިސްތާނުގައި ވިޔަފާރިތަކަށް އަޅާފައި ހުރި ފިޔަވަޅުތައް އުވާލުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

ކޮވިޑް19 އާއި ގުޅިގެން ޕާކިސްތާނުގައި ވިޔަފާރިތަކަށް އަޅާފައި ހުރި ފިޔަވަޅުތައް އުވާލުމަށް އެގައުމުގެ ސުޕްރީމް ކޯޓުން އަމުރު ކޮށްފި އެވެ.ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ ޕާކިސްތާނުގައި މިވަގުތު އެހާ ބޮޑު ބަލިމަޑުކަމެއް ނެތް ކަމަށެވެ.
އެހެންކަމުން ހެލްތު ދާއިރާތަކުގެ ލަފައާއެކު ވިޔަފާރިތައް ހަފްތާ ބަންދުގައި ހުޅުވުމަށް އެ އަމުރުގައި ވެއެވެ.
ޕާކިސްތާނުައިކޮވިޑް19 42،125 މީހަކަށް ބަލި ޖެހިފައިވާއިރު 903 މީހަކު އެބަލީގައި ވަނީ މަރުވެފައެވެ. މިއީ ހުޅަނގުގެ ގައުމުތަކާ އަޅާބަލާއިރު ބަލި ޖެހުނު މީހުންގެ އަދަދު ދަށް ނަމަވެސް މި މަހުގެ ތެރޭގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ އިތުރު ވެފައެވެ.
އެގައުމުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެފައިވަނީ ބަލި ޖެހޭ މީހުންގެ އަދަދު ލަފާ ކުރެއްވި މިންވަރަށް ވުރެ ދަށް ކަމަށެވެ.
ކޮވިޑް19 ގެ ސަބަބުން ޕާކިސްތާނުގެ ވެސް އިގްތިސާދަށް ބޮޑެތި ގެއްލުންވަމުންދާއިރު މިދިޔަ ހަފްތާތެރޭ އެގައުމުގެ މާކެޓްތައް ހުޅުވާފައެވެ. ނަމަވެސް ޑޮކްޓަރުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފައެވެ. ޑޮކްޓަރުން ބުނެފައިވަނީ މާކެޓްތައް ހުޅުވުމުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވެ ސިއްހީ ދާއިރާއަށް އިތުރު ބޮޑު ބުރައެއް އައިސްދާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި އިތުރަށް ބުނެފައިވަނީ ހަފްތާ ބަންދުގައި މޯލްތައް ބަންދުކޮށްފައި ބެހެއްޓުމުގެ މާބޮޑު ބޭނުމެއް ނެތް ކަމަށެވެ. އަދި އެގައުމުގައި ކޮވިޑް19 އެހާ ބޮޑަށް ނުފެތުރެނީސް އެކަމަށް އެހާ ގިނަ ފައިސާ ޚަރަދުކުރަނީ ކީއްވެކަމާމެދު ވެސް ވަނީ ސުވާލު އުފައްދާފައެވެ.
ސިއްހީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި އަދި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބެލުމެއް ނެތި ވިޔަފާރިތައް ހުޅުވުމާއި އެކު އެތަންތަން ވަނީ ފުރި ބާރު ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ