ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރެކޭ އެއްފަދައިން، ދެވަނަ ބުރު ވެސް ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒުއަށް ކާމިޔާބުކޮށްދިނުމަށް، އެ ކޯލިޝަންގެ ލީޑަރު އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ.
ރައީސް ޔާމީން މިފަދައިން އެދިވަޑައިގެންފައިވަނީ، އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމު މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައެވެ.
ރައީސް ޔާމީނުގެ އިސްވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު, ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުއިއްޒަށް އިތުރު ތާއީދުދެއްވައި، ހިތްވަރު ކުރައްވައި ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް ޔާމީން އެދިވަޑައިގަންނަވާ ކަމަށެވެ.
މިއީ ބޭރު ސިފައިން ބޭރުކޮށް ގައުމު މިނިވަން ކުރަން ލިބޭ ހެޔޮފުރުސަތެއް ކަމަށް ރައީސް ޔާމީން ވިދާޅުވިކަމަށް ވެސް ޑރ. ޖަމީލް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފައި ވަނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރި އަށް ކެންޑިޑޭޓުން ކުރެ އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓު ލިބިފައި ނުވުމާ އެކުއެވެ. ގާނޫނު އަސާސީގައި ވާގޮތުން، ރައީސްކަމަށް އާދެވޭނީ ވޯޓުލާ މީހުންގެ 50 އިންސައްތަ ހޯދައި، އިތުރު އެއް ވޯޓު ހޯދައިގެންނެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްލަ އަށް ކެންޑިޑޭޓަކު ވާދަކުރައްވާފައިވާއިރު، ފުރަތަމަ ބުރުގައި ކުރިހޯއްދެވި ޑރ. މުއިއްޒުއަށް، ވޯޓުލީ މީހުންގެ 45.1 އިންސައްތަ މީހުންގެ ވޯޓު ލިބިފައިވެއެވެ. އެއީ، 101،501 ވޯޓެވެ. ދެވަނަ ހޯދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙަށް ފުރަތަމަ ބުރުގައި ލިބިވަޑައިގެންނެވީ 38.2 އިންސައްތަ މީހުންގެ ވޯޓެވެ. އެއީ 86،164 ވޯޓެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހުންނަށް ލިބިފައިވާއިރު، މި ހައްގުގެ ބޭނުންކޮށް ވޯޓުލާފައިވަނީ 225,398 މީހުންނެވެ. މިއީ ހައްގު ލިބިފައިވާ މީހުންގެ 79.8 އިންސައްތައެވެ.
ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. ދެވަނަ ބުރުގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން، ރީރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކަށް، ދެ ދުވަހުގެ މުއްދަތެއް ދިނުމަށް އީސީން ވަނީ ނިންމާފައެވެ. އެއީ މި މަހުގެ 16 އަދި 17 ވަނަ ދުވަހުއެވެ.
ރައީސް ޔާމީން އެދިވަޑައިގަންނަވަނީ ޑރ. މުއިއްޒުއަށް ދެވަނަ ބުރު ކާމިޔާބުކޮށްދިނުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ