އެސްއެމްއީ ލޯނުތައް މައާފުކޮށްދޭން ގާސިމް ވައުދުވެއްޖެ

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ވެރިކަމެއްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީތަކަށް) ދައުލަތުން ދޫކޮށްފައިވާ ހުރިހާ ލޯނުތަކެއް މައާފުކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް މިއަދު ވައުދުވެވަޑައިގެންފިއެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އއ. މަތިވެރިއަށް މިއަދު ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ގާސިމް ވިދާޅުވީ، އެސްއެމްއީ ލޯނު ދޫކުރުމުގައި އެއްވެސް އަސާސެއް އަދި ހަމައެއް ނެތް ކަމަށެވެ.
އެގޮތުން އެސްއެމްއީ ލޯނަށް ދައުލަތުގެ ބަޖެޓުގައި ޖަހައިގެން ފައިސާ ނެގުމަށް ފަހު، ސަރުކާރުން ބޭނުންވާ މީހަކަށް ބޭނުންވާ މިންވަރެއް ދެމުން އަންނަ ކަމަށް ގާސިމް ތުހުމަތުކުރެއްވިއެވެ. އަދި އެސްއެމްއީ ލޯނު ލިބޭ ބައެއް މީހުންގެ އެގްރީމަންޓްތައްވެސް ނުހައި ހުރި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ގާސިމް ވިދާޅުވީ އެސްއެމްއީ ލޯނުތައް ރައްޔިތުން ނަގާފައިވާ އިރު، އެ ލޯނު އަނބުރާ ދެއްކުމުގެ ގާބިލް ކަމެއް ގިނަ މީހުންގެ ނެތް ކަމަށެވެ.
"...އަޅުގަނޑުގެ ސަރުކާރެއްގައި އަޅުގަނޑަށް މާތްﷲގެ އިރާދަފުޅުން ތިބޭފުޅުން އަޅުގަނޑު ހޮއްވަވައިފި ނަމަ ދައުލަތުން، ސަރުކާރުން ދީފައި ހުރި ހުރިހާ އެސްއެމްއީ ލޯނެއް މައާފުކޮށްދޭނަން ހަމަ ވަގުތުން ފެށިގެން. އެ ހެޔޮ ރަށުގައިވިޔަސް މާލޭގައިވިޔަސް އެހެންތަނެއްގައި ވިޔަސް. އަޅުގަނޑުމެންނަށް ސަރުކާރު، ތިބޭފުޅުން ދެއްވައިފިނަމަ ވަރިހަމަ ދެ ބިލިއަން ތިން ބިލިއަން އޮތަސް ހަމަ އެ ދުވަހުން ފެށިގެން މާފުކޮށްދޭނަން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެ ލޯނުތައް މައާފުކޮށްދެނީ އެއީ އެއްވެސް އުސޫލެއް އަދި ހަމައެއް ނެތި ދޫކުރާ ލޯނެއް ކަމަށް ވާތީ ކަމަށާއި އެ ލޯނު ދޫކުރުމުގައި އެއްވެސް އިންސާފެއް ވެސް ނެތް ކަމަށެވެ. އަދި އެ ލޯނުތައް ދޫކޮށްފައިވަނީ ސީދާ ވޯޓު ހޯއްދެވުމަށް ކަމަށް ވިދާޅުވިއެވެ.
އެސްޑީއެފްސީ ނުވަތަ އެސްއެމްއީ ބޭންކަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިސާ ދޫކުރަން މި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ބޭންކުން، ވިޔަފާރި ފެށުމަށާއި ތަރައްގީ ކުރުމަށާއި ހަރުމުދާ ގަތުމަށްވެސް ފަސް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެއެވެ.
އެސްއެމްއީ ލޯނު މާފުކޮށްދެއްވާނެ ކަމަށް ގާސިމް ވިދާޅުވެފައިވާ އިރު، އޭނާ މީގެ ކުރިން ވަނީ ސްޓޫޑަންޓް ލޯނުތައްވެސް މާފުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ