ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރު ކޮށްދޭން އެދި ސުޕްރީމް ކޯޓަށް

މަނީ ލޯންޑަރިންއާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކޮށްދޭން އެދި ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ މަނިކުފާނުގެ ވަކީލުންގެ ޓީމުން މިރޭ ބުނެފި އެވެ.
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އެ މަނިކުފާނުގެ އެތައް އަސާސީ ހައްގުތަކަކާއި އިންތިހާބީ ހައްގުތަކަކަށް ހުރަސްއެޅިފައިވާ ކަމަށެވެ.
“އެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ރައީސް ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދާދި ދެންމެއަކު ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިން،” ޝަމީމް ވިދާޅުވި އެވެ.
ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކޮށްދޭން އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅި އިރު، އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހެނދުނު 9:00 އިން ފެށިގެން ހުޅުވާލަން ނިންމައިފަ އެވެ. އެ ފުރުސަތު ބަންދުވާނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ މެންދުރު 2:00 އެވެ.
އިލެކްޝަންސް ކޮމިޝަނުން އެކަން އިއުލާން ކުރުމާއެކު ޔާމީންގެ ކެންޑިޑެސީ ފޯމު ފުރުމާއި އެއާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ. ނަމަވެސް ޔާމީނަށް ވަނީ އެ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތެއް ގެއްލިފަ އެވެ.
އެގޮތުން ގާނޫނުއަސާސީގެ 109 ވަނަ މާއްދާއާއި ރިޔާސީ އިންތިހާބުގެ ގާނޫނުގެ ހަތްވަނަ މާއްދާގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލަނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އައިސްފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ހުކުމުން ކަނޑައެޅި އަދަބަށް މާފު ލިބުނުތާ ތިން އަހަރު ވާންޖެހޭނެ ކަމަށެވެ.
އަދި އެ މީހަކީ އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ