އިންތިޚާބާ ދިމާކޮށް ޓެކްސީތަކަށް ގަރާޖު ސިޓީ އުވާލައި، 10،000 ރުފިޔާގެ ފީއެއް ނަގަނީ

ރިޔާސީ އިންތިހާބާ ދިމާކޮށް ޓެކްސީ ރަޖިސްޓްރީ ކުރަން ގަރާޖު ސިޓީ ހުށަހަޅަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލައި ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 10،000ރ. ދެއްކުމުން ޓެކްސީތައް ރަޖިސްޓްރީކޮށްދޭ ގޮތަށް 'އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވައިދަ'ށް އިއްޔެ އިސްލާހު ގެނެސްފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން އިއްޔެ ގެޒެޓުކޮށްފައިވާ އިސްލާހުގައި ވާގޮތުން ގަރާޖު ސިޓީން އިސްތިސްނާވާ އުޅަނދުތަކުގެ ތެރޭގައި އާންމު ދަތުރުފަތުރުގައި ބޭނުންކުރާ ޓެކްސީ ހިމެނެއެވެ.
އެ ގަވައިދުގައި ބުނެފައިވަނީ އެއްގަމުގައި ދުއްވާ ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށްދޭނީ އެ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު އެ ބާއްވާނެ ގަރާޖެއް ކަނޑައަޅައި އެ ގަރާޖުގެ ވެރިފަރާތުގެ އައިޑީ ކާޑާ އެކު އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ހުށަހެޅުމުންކަމަށެވެ.
އިސްލާހުގައި ބުނެފައިވަނީ އެ ގަރާޖަކީ ރަޖިސްޓްރީކޮށްފައިވާ ތަނަކަށް ވެސް ވާން ޖެހޭނެ ކަމަށެވެ.
ގަވައިދަށް ގެނައި އެ އިސްލާހުގައި އެހެން ބުނެފައިވި ނަމަވެސް އެ ގަރާޖު ސިޓީން އިސްތިސްނާވާ އުޅަނދުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ދުއްވާ އުޅަނދާއި ދެ ފުރޮޅު، ތިން ފުރޮޮޅު އަދި ހަތަރު ފުރޮޅުލީ އުޅަނދު ހިމެނެއެވެ. އޭގެ އިތުރަށް އާންމު ދަތުރުފަތުރުގައި ޓެކްސީގެ ހިދުމަތް ދިނުމަށް ރަޖިސްޓްރީ ކުރާ އުޅަނދުތައްވެސް އިސްތިސްނާވާ އެ އުޅަނދުތަކުގެ ތެރޭގައި ހިމެނެއެވެ.
ޓެކްސީތައް ރަޖިސްޓްރީ ކުރާއިރު ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭ ގޮތަށް ގަވައިދުގައި އިސްލާހު އޮތް ނަމަވެސް ޓެކްސީ ރަޖިސްޓްރީކޮށްދެނީ 10،000ރ.ގެ ފީއެއް ދެއްކުމުން ކަމަށާއި ވަގުތީ ގޮތުން ޓެކްސީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭނީ 15،000ރ.ގެ ފީއެއް ނަގައިގެންކަމަށް ބުނެފައިވެއެވެ.
އިންތިހާބާއި ދިމާކޮށް ކުއްލިއަކަށް މިފަދަ ނިންމުމެއް ނިންމާފައިވާއިރު މިކަމަކީ ފާއިތުވި ފަސް އަހަރުވެސް ޓެކްސީ ޑުރައިވަރުން ސަރުކާރުގައި ޑިމާންޑުކޮށް އެދެމުން އައި ކަމެކެވެ. އެކަމަކު އެކަމަށް ސަރުކާރުން އިޖާބައެއް ނުދީ އޮތުމަށްފަހު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ރައީސް އިބްރާހިމް ބަލިވުމުން މި ކަން ކުރަން ނިންމީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ