ޑރ.މުޢިއްޒުގެ މެނިފެސްޓޯއިން ވައްކަންކޮށް, ރާއްޖެތެރޭ މީހުންނަށް ގޯތި ދޭން ރައީސް އިބްރާހިމް ވައުދުވެއްޖެ

މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެންމެންނަށް މާލެއިން ގޯއްޗާއި ފުލެޓް ދޭން ނިންމައި އެކަމާ ގުޅޭ ހައުސިން ސްކީމެއް ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަނެއްކާ ވެސް ޕީޕީއެމް ޕީއެންސީގެ މެނިފެސްޓޯގައިވާ ވައުދެއްވެވަޑައިގެންފިއެވެ.
މަދު އަދަދެއްގެ ސަޕޯޓަރުންނާއެކު ގަލޮޅުގައި މިރޭ ބޭއްވި ކަންމަތީ ޖަލްސާގައި ރައީސް އިބްރާހިމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި އެކަން ހައްލުކުރުމަށް 19000 މީހުންނަށް ގޯތި އަދި 16000 މީހުންނަށް ފުލެޓް ދޭން ނިންމަވާފައިވާ ކަމަށެވެ.
''އެބައުޅޭ 20 އަހަރު 35 އަހަރު މާލޭގައި ދިރިއުޅޭތާ ވެފައިވާ މީހުން. އަޅުގަނޑު ވެސް މި މާލޭގައި އުޅޭތާ 50 އަހަރު ވީ. އަޅުގަނޑުމެންގެ ސިޔާސަތުތައް އޮތް ގޮތުން މިހާރު މިފަދަ މީހުންނަށް ގޯއްޗެއް ނުލިބޭ. ރަށުގައި ދިރިނޫޅޭތީ ރަށުން ވެސް ގޯއްޗެއް ހޯދަން ހުރަސްތައް އެބަހުރި. އެހެންވީމަ އަޅުގަނޑުމެން މި އިއުލާން ކުރަނީ އާ ހައުސިން ސްކީމެއް.'' ރައީސް އިބްރާހީމް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް ވިދާޅުވީ މާލޭގެ ދަފުތަރުގައި ޖެހި 20 އަހަރުވީ މީހުންނަށާއި މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާކަން ސާބިތުކޮށްދެވޭ މީހުންނަށް އެ ސްކީމްގެ ދަށުން ގޯއްޗާއި ފުލެޓަށް އެދެވޭނެ ކަމަށެވެ.
ފުރަތަމަ ބުރުގައި ލިބިވަޑައިގެންނެވި ވޯޓުގެ އަދަދު މަދުވުމުން ދެވަނަ ބުރުގައި އިތުރަށް ވޯޓު ހޯއްދެވުމަށްޓަކައި ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ ކޮޕީ ކުރައްވައި އާ ވައުދެއްގެ ގޮތުގައި ހައުސިން ސްކީމެއް އިއުލާނު ކުރައްވާނެކަމަށް ރައީސް އިބްރާހިމް ވިދާޅުވިއިރު, ބިމެއް ނުވަތަ ގޯއްޗެއް ލިބި ގެދޮރު ބިނާނުކުރެވި ތިބި ހުރިހާ ފަރާތްތަކަށް ގެދޮރު ބިނާކުރުމަށް އެހީތެރިވުމަކީ ޕީޕީއެމް މެނިފެސްޓޯގެ މުހިއްމު އެއް ސިޔާސަތެވެ.
އެގޮތުން 5 އިންސައްތައިގެ އިންޓަރެސްޓު ރޭޓުގައި ބޭންކުން ލުއި ލޯނު ގެދޮރުވެރިކަމަށް ދޫކުރަން ވަނީ ނިންމާފައެވެ.
މީގެއިތުރުން މި ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންނަށްވެސް ސަރުކާރުގެ ޚާއްސަ ސްކީމެއް ގާއިމުކޮށް ގޯތީގައި ގެދޮރު ބިނާކުރަން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ގެދޮރު ބިނާކޮށްދީ ގެއާއެކު ފޯރުކޮށްދިނުމުގެ ޕްރޮގުރާމެއް ޕީޕީއެމްގެ ސަރުކާރެއްގައި ހިންގުމަށް ނިންމާފައިވެއެވެ. އަދި ގޯތި ލިބި ގެދޮރު ބިނާކުރަން ފަށައި ގެދޮރު ނުނިންމި ހުރި ފަރާތްތަކަށް ގެދޮރު ބިނާކުރުމުގެ މަސައްކަތް ނިންމުމަށް އެހީތެރިވުމަށް ޚާއްސަ ސްކީމެއް ތައާރަފުކުރާނެކަމަށް ވެސް ދިވެހިންގެ މެނިފެސްޓޯގައި ބުނެފައިވެއެވެ.
ޑރ.މުޢިއްޒުގެ މެނިފެސްޓޯގައިވަނީ މާލޭގައި ހުރި އެދެވޭ ގޮތެއްގައި ބޭނުން ނުހިފާ ބިންތައް ހުސްކުރުމާއެކު 2000 ހައުސިން ޔުނިޓު މާލެ ސަރަހައްދުގައި ގާއިމުކޮށް އެ ސަރަހައްދުގެ ރަށްވެހިންނަށް ފޯރުކޮށްދިނުމަށާއި ވިލިމާލޭގައި 500 ހައުސިން ޔުނިޓުގެ މަޝްރޫއުއެއް ހިންގުމަށް ވެސް ހިމަނައިފައެވެ. އަދި މާލެ ސަރަހައްދަށް ޚާއްސަކޮށް އެ ސަރަހައްދުން 65000 ގެދޮރު ޔަގީންވާނެ ގޮތަށް ބޮޑު މަޝްރޫއުއެއް ހިންގުމަށް ވެސް ހިމަނައިފައެވެ.
އެ ޕްލޭން ނިމިގެން އަންނައިރު އެކަމަށް އެދޭ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގޯތި ނުވަތަ އެޕާޓުމެންޓު ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ