ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް ދެކުނު ކޮރެއާއާއެކު މަޝްވަރާކޮށްފި

ސިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށްޓަކައި ދެކުނު ކޮރެއާއާއެކު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާޙިމް، ދެކުނު ކޮރެއާގެ ވައިސް މިނިސްޓަރ އޮފް ހެލްތު އެންޑް ވެލްފެއާ، އެޗްއީ.ޕާކް މިންސޫއާ ބައްދަލުކުރައްވައިގެންނެވެ.
މި ބައްދަލުކުރެއްވުން ބޭއްވިފައިވަނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ނާޡިމް ސްވިޓްޒަލޭންޑުގެ ޖެނީވާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ސިއްޙީ ދާއިރާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
ސިއްޙަތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ސިއްޙީ ޚިދުމަތުގެ ދާއިރާއިން މީހުން ބިނާކުރުމަށް ތަމްރީން ފުރުސަތުތައް ފަހިކުރުމާއި އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
މިނިސްޓަރ ނާޡިމްގެ މި ދަތުރުފުޅަކީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އެގްޒެކެޓިވް ބޯޑުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ސިއްޙީ ދާއިރާއިން އިސްކަންދޭ ކަންކަމާ ގުޅޭގޮތުން ވަނީ އަލިއަޅުވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ