އެމެރިކާއިން ވަނީ ރާއްޖެއާ މަސްވެރިކަމުގައި ވާދަވެރި ގައުމުތަކަށް ބޮޑު ޑިއުޓީއެއް ނަގަން ނިންމާފަ އެވެ. ނަމަވެސް ރާއްޖޭން ނަގަނީ ކުޑަ ޑިއުޓީއެކެވެ. އަދި އަންނައުނުގެ އެކްސްޕޯޓް ވަރުގަދަ ކުރަންވެސް ފުރުސަތު އޮންނާނެ އެވެ.
ބަންގާޅާއި އަވަށްޓެރި ލަންކާގައި އަހަރަކު އުފައްދާ އެތައް ބިލިއަން ޑޮލަރެއްގެ މުދާ ގަންނަ ކަސްޓަމަރުން ތިބީ އެމެރިކާގެ ބޮޑެތި ސިޓީތަކުގަ އެވެ، މި މުދާ ވައިގެ މަގުންނާއި ކަނޑުމަގުން ގޮސް ވަންނަނީ އެމެރިކާގެ ބޮޑެތި ބޮޑެތި ފިހާރަ ތަކަށެވެ. މި ދެ ގައުމުގައި ހަމައެކަނި އެމެރިކާ އަށް އެކްސްޕޯޓް ކުރަން ތަރައްގީކޮށްފައިވާ އެތައް ސަތޭކަ ކާރުހާނާއެއް ހިންގަ އެވެ. ބަންގާޅުން އަހަރެއްގެ މައްޗަށް 7 ބިލިއަން ޑޮލަރުގެ އަންނައުނު އެމެރިކާއަށް އެތެރެ ކުރާއިރު ލަންކާ އިން މިދިޔަ އަހަރު އެކަނި އެމެރިކާ އަށް 1.9 ބިލިއަން ޑޮލަރު އަންނައުނާއި 360 މިލިއަން ޑޮލަރުގެ ކަބަރު އެކްސްޕޯޓް ކުރި އެވެ. ލަންކާ އެކްސްޕޯޓުގެ 69 ޕަސެންޓް ހިއްސާ ކުރަނީ އެމެރިކާ އަށް ބޭރު ކުރާ އަންނައު ނެވެ. އަދި 16 ޕަސެންޓުގެ ހިއްސާއަކީ ރަބަރެވެ. ބަންގާޅުގެ އެކްސްޕޯޓުގެ 80 ޕަސެންޓް އޮތީ އެމެރިކާ އަށެވެ. މި މަސައްކަތުގައި ގިނަ އަދަދެއްގެ އަންހެނުން ހިމެނޭހެން ހަތަރު މިލިއަން މަސައްކަތްތެރިން ބަންގާޅުގަ މަސައްކަތް ކުރެ އެވެ. ލަންކާގައި އެމެރިކާއަށް އެކްސްޕޯޓް ކުރަން މަޝްހޫރު ނައިކީ އާއި އެޑިޑާސް ފަދަ ކުޅިވަރު ތަކެތި އުފެއްދާ ކާރުހާނާތައް ހިންގާއިރު މި ތަންތަނުގައި އެކަނި 350,000 އަށްވުރެ ގިނަ މަސައްކަތްތެރިން މަސައްކަތް ކުރެ އެވެ. އަދި މަހާއި ސީފުޑްގެ ވެސް އެމެރިކާގެ ބާޒާރުތަކަށް ގެންދެ އެވެ.
އެކަމަކު އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދުނިޔޭގެ ހުރިހާ ގައުމު ތަކެއް ހިމެނޭހެން ފެއްޓެވި "ޑިއުޓީގެ ހަނގުރާމަ" އާއެކު މި ދެ ގައުމުގެ އިގްތިސޯދަށް ވަނީ އިންތިހާ އަށް ތަދުވެފަ އެވެ. މިތަދު ގަދަވި މައިގަނޑު ސަބަބަކީ އެމެރިކާ އިން މި ދެ ގައުމުގެ މުދަލުން ނަގަން ފެށި ބޮޑު ޑިއުޓީގެ ސަބަބުނެވެ. ލަންކާގެ މުދަލުން 44 ޕަސެންޓުގެ ޑިއުޓީއެއް ނަގާއިރު ބަންގާޅު މުދަލުން 37 ޕަސެންޓުގެ ބޮޑު ޑިއުޓީއެއް ނަގަން ފެށުމާއެކު އެކްސްޕޯޓް ކުރާ ތަކެތީގެ އަގުތައް އުފުލި މުދަލުގެ އަގު ބޮޑުވުމުގެ ބިރުވަނީ އުފެދިފަ އެވެ. އަވަށްޓެރި ލަންކާ އާއި ބަންގާޅުގެ ވިޔަފާރިތަކަށް ކުރިމަތިވި "ބޮޑު މިތަދާއެކު" އެ މީހުން ދަނީ އިތުރު ގޮތް ތަކެއް އޮތްތޯ ބަލަމުންނެވެ. މިގޮތުން އަންނަނު އެކްސްޕޯޓް ކުރުމުގައި އިންޑިއާގެ ބާޒާރުން ފުރުސަތެއް އޮތް ތޯ ބަލަ އެވެ.
ސުވާލަކީ އެމެރިކާގެ މި ބޮޑު ޑިއުޓީއާއެކު ރާއްޖެ އަށް ފުރުސަތު ތަކެއް އެބައޮތް ހެއްޔެވެ؟ އެ ފުރުސަތުގެ މަގަކީ ކޮބައި ހެއްޔެވެ؟
އިގްތިސޯދީ މާހިރުންގެ ނަޒަރުގައި މިހާރު އެމެރިކާ އިން ކަންތައް ކުރި ގޮތުން ކުޑަކޮށް ޑިއުޓީ ނެގި ގައުމުތަކަށް ވިޔަފާރީގެ ބޮޑު ފުރުސަތު ތަކެއް ހުޅުވިގެން ދާނެ އެވެ. ސަބަބަކީ ކުރިން ދުނިޔޭގައި އޮތް ވިޔަފާރީގެ ހަމަހަމަ ފުރުސަތުތަކަށް މި ޑިއުޓީގެ ސަބަބުން ލޮޅުން އަރާފައި ވުމެވެ. އެމެރިކާގެ ޑިއުޓީގެ ލިސްޓުގައި ރާއްޖެ ހިމެނެނީ އެންމެޑިއުޓީ ކުޑަ ގައުމުތަކުގެ ތެރޭގަ އެވެ. ރާއްޖޭން އެމެރިކާ އަށް ގެންދާ މުދަލުން ނަގަން ނިންމާފައިވަނީ 10 ޕަސެންޓުގެ ޑިއުޓީ އެވެ. މިކަމުގެ ސަބަބުން މިހާރު އެމެރިކާގެ ބާޒާރަށް ރާއްޖޭން އެކްސޯޓް ކުރާ ހަމައެކަނި އުފެއްދުން ކަމަށްވާ މަހުގެ މާކެޓަށް ލޮޅުމެއް ނާންނާނެ ކަމަށް ދިވެހި މަސްވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުން ވަނީ ބުނެފަ އެވެ. މީގެ ބަދަލުގައި މިހާރު ވިސްނަންވީ ދިރާސާކޮށް އާ ފުރުސަތު ތަކެއް ފަހިކުރަން ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ ބޮޑު ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި ޔޫއެސް ބާޒާރަކީ ރާއްޖޭގެ މަސްވެރިކަމަށް އިތުރު ގިނަ ފުރުސަތު ތަކެއް ހުރި މާކެޓެކެވެ. އެކަމަކު ރާއްޖޭން އެންމެ އިސްކަމެއް ދޭން ޖެހިފައިވަނީ ކޮލިޓީ އުފެއްދުންތަކެއް އެ މާކެޓަށް ގެންދިއުމަށެވެ. އެހެންވެއްޖެނަމަ މަހުގެ އުފެއްދުންތަކަށް އެކަނި ބެލިނަމަވެސް އާ ފުރުސަތު ތަކެއް ފަހި ކުރެވޭނެ އެވެ.ރާއްޖެ އަށް މިކަމުން މަސްވެރިކަމުގެ ދާއިރާއިން ހުޅުވޭނެ ގިނަ ފުރުސަތު ތަކެއް އެބަހުއްޓެވެ. މީީގެ މައިގަނޑު ސަބަބަކީ އެމެރިކާގެ ޑިއުޓީގައި ރާއްޖޭން މަސް އެކްސްޕޯޓް ކުރާ މައިގަނޑު ބާޒާރު ކަމަށްވާ ތައިލެންޑާއި ލަންކާއަށް ބޮޑުވުމެވެ. ތައިލެންޑުން އެމެރިކާ އަށް އެކްސްޕޯޓް ކުރާ މަސް ވެސް ހިމެނޭހެން 36 ޕަސެންޓުގެ ޑިއުޓީއެއް ނަގާނެ އެވެ. މީގެ ސަބަބުން ތައިލެންޑުގެ އުފެއްދުންތަކުގެ އަގު 300 ބިލިއަން ބާރު އުފުލިގެންދާނެ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ. އަދި ރާއްޖެއާ ގާތުން ލަންކާއަށް ބަލާއިރު އަހަރަކު 50 މިލިއަން ޑޮލަރުގެ މަސް އެކްސްޕޯޓް މަހުން އަގު އުފުލޭނެ އެވެ. އެހެންވެ މި ފުރުސަތުތަކުގެ ބޭނުން މަސްވެރިކަމުގެ ދާއިރާއިން ހަމައެކަނި ބެލި ނަމަވެސް އެމެރިކާ ބާޒާރުން ރާއްޖެ އަށް ނެގެން އެބައޮތެވެ.
އެމެރިކާ އިން މި ސަރަހައްދުގެ އެންމެ އުފެއްދުންތެރި ގައުމު ތަކުން ނަގަން ނިންމި ބޮޑު ޑިއުޓީއާއެކު އެ މީހުންގެ މި އުފެއްދުންތަކަށް އިތުރު މާކެޓު ތަކެއް ހޯދަން މަސައްކަތް ވަނީ ފަށާފަ އެވެ. މިއާއެކު އަގުހެޔޮކޮށް އުފެއްދޭނެ ފުރުސަތު ތަކެއް ވެސް ހޯދާނެ އެވެ. އަދި އަގުހެޔޮކޮށް އެކްސްޕޯޓް ކުރެވޭނެ މަގުތަކެއްވެސް ހޯދާނެ އެވެ. މިއީ ރާއްޖެ އަށް މުޅިންއާ ވިޔަފާރި ތަކެއް ގެންނަން ވެސް ހުޅުވޭނެ ފުރުސަތަކެއްގެ ގޮތުގައި މާހިރުން ގަބޫލު ކުރެ އެވެ.ރާއްޖެއަކީ 1990 ގެ ކުރީކޮޅު އަންނައުނު އުފައްދާ އެކްސްޕޯޓް ކުރިވެސް ގައުމެވެ. ރާއްޖޭން މި މަސައްކަތް ކުރިއިރު ލަންކާ އަދި ބަންގާޅު އޮތީ މާ ފަހަތުގަ އެވެ. އެހެންވީއިރު އަނެއްކާ ވެސް އަންނައުނުގެ ވިޔަފާރި އަށް ރާއްޖެ ހުޅުވިދާނެތޯ ބެލުންވެސް މިއީ ނުކޮށް ތިބޭ ވަރުގެ ކަމެއް ނޫނެވެ. ލުއިތަކާއެކު މި ދާއިރާއިން ފޮރިން އިންވެސްޓަރުންނަށް ފުރުސަތެއް ދީގެން މި ދާއިރާ ދިރުވިދާނެތޯ ވެސް ބެލިދާނެ އެވެ. ނޫނީ ސަރުކާރުން އިސް ނަގައިގެން ދިވެހިން މި ދާއިރާ އަށް ވެއްވުމަކީވެސް ކުރެވިދާނެ ކަމެކެވެ.އިގްތިސޯދީ މާހިރަކު ވިދާޅުވި ގޮތުގައި އަންނައުނުގެ ބާޒާރުގައި ޔޫރަޕަށް އެކްސްޕޯޓް ކުރަން ރާއްޖެ ވަރުގެ ފުރުސަތު ފަހި ގައުމެއް ނެތެވެ."އަވަށްޓެރިންގެ އަތުން ރޯމެޓީރިއަލް ގެނެސްގެން ވެސް ރާއްޖޭގައި ގާމެންޓް އިންޑަސްޓްރީއެއް ތަރައްގީ ކުރެވިދާނެ. ރާއްޖެއަކީ މި ސަރަހައްދުގެ ގައުމުތަކަށްވުރެ ޔޫރަޕް ކަނެކްޓިވިޓީ ވެސް ފަސޭހަ ގައުމެއް. އެހެންވީއިރު އެކްސްޕޯޓް ކުރަން ވިސްނާކަން ނުޖެހޭ. އެކަމަށް ފުރުސަތު އެބައޮތް،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.ރާއްޖޭން ވައިގެ މަގުން އެމެރިކާ އާއި ޔޫރަޕަށް މުދާ އެކްސްޕޯޓް ކުރާ އެއް ކުންފުނި ކަމަށްވާ އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި އެމެރިކާގެ ޑިއުޓީގެ ސަބަބުން ރާއްޖެ އަށް އަނެއްކާ ވެސް ގާމެންޓް ސިނާއަތުން އިތުރު ފުރުސަތު ތަކެއް ހުޅުވިދާނެ ކަމަށް ގަބޫލު ކުރައްވަ އެވެ. ފިރާގު އިޝާރާތް ކުރެއްވީ ރާއްޖޭގެ ސީޓު އެއާ ވިޔަފާރި ފުޅާ ކުރެވޭނެ ގޮތަށެވެ. "އެކަމަކު މިކަމަށް ފުރަތަމަ ފުރިހަމަ ދިރާސާއެއް ކުރަން ޖެހެނީ،" ފިރާގު ވިދާޅުވި އެވެ.ދުނިޔެއަށް މި އަންނަ ބޮޑު ބަދަލާމެދު ދިވެހި ސަރުކާރުން ވިސްނަން ޖެހެ އެވެ. މިކަމުން ރާއްޖެ އަށް އޮތް ފުރުސަތު ތަކެއް ހޯދަން ޖެހެ އެވެ. މިކަން ކުރެވޭނީ ރަނގަޅު ދިރާސާއެއް ކޮށްގެންނެވެ. ހަމަ ތިބެ މިފްކޯ އިން ލޮނު އުފެއްދިހެން ނޫނީ އެސްޓީއޯ އިން ސައިފަތް ދަނޑު ގަތްހެން ކަން ކޮށްގެން މިކަމެއް ނުވާނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އެމެރިކާގެ ބޮޑު ޑިއުޓީން ރާއްޖެއަށް ފުރުސަތުތަކެއް ހުޅުވިދާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ