ލަދާއި ހިތާމަ: އެއީ ޔުނީފޯމް އަޅައިގެން ފޭރުން

އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމަށް، 19 ނޮވެމްބަރު 2023ގައި، އޭނާ އައްޔަންކުރުމާ އެކު މުހައްމަދު ޝަމްއާން ވަހީދު ބަދަލުވީ ތަރިއަކަށެވެ. ޕީޕީއެމްގެ ސަޕޯޓަރުންގެ ތައުރީފް ސޯޝަލް މީޑިއާގައި އޮއްސާލި އެވެ. އެހާ ޒުވާން ބޭފުޅަކަށް އިމިގްރޭޝަންގެ އެންމެ މަތީ މަގާމު ލިބިވަޑައިގަތުމުން ހިންގުމުގެ ވަރަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ބުނެ، ތައުރީފުން ފުރާލި އެވެ.
އޭގެ ފަހުން އަދި ދޮޅު އަހަރު ނުވެ އެވެ. ޝަމްއާން އެ ހުންނެވީ ކޮރޮޕްޝަންގެ ބޮޑު ތުހުމަތެއްގައި ހައްޔަރުކޮށްފަ އެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވެސް ކްރިމިނަލް ކޯޓުން އެ އޮތީ ކަނޑައަޅައިފަ އެވެ.
މިވީ ކިހިނެއް ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބަކަށް ދާންވީ މަތިމަތިން ބަލާފައި ވަކި ގޮތެއް ނިންމައިގެންނެއް ނޫނެވެ. އޭނާއާ މެދު ތުހުމަތުކުރާ މައްސަލައާ މެދު ފުންކޮށް ވިސްނާލައިފައި، އޭގެ ފަހަތުގައި އޮތް ކަމަށް ފެންނަ ނުބައި އަމަލު ހަގީގަތުގައި ވެސް ހަމަ ނުބައި ކަމަށް ކަނޑައަޅަންވީ އެވެ.
މައުލޫމާތު ހުރި ބައެއް މީހުން ބުނި ގޮތުގައި ޝަމްއާން އާއި އޭނާގެ ބިއުރޯގައި މަސައްކަތްކުރި އިތުރު ތިން މީހަކު ހިންގީ "ޔުނީފޯމް އަޅައިގެން ފޭރުމު"ގެ އަމަލެކެވެ. އެއީ ރާއްޖޭގައި މަސައްކަތްކޮށްގެން ނުވަތަ ވިޔަފާރިއެއް ހިންގައިގެން ގިނަ އަދަދެއްގެ ފައިސާ ހުރި ކަމަށް ގަބޫލުކުރެވޭ ބިދޭސީންތަކަކަށް އަމާޒުކޮށްގެން "ފޭރުނު ފޭރުމެއް" ކަމަށް، އެކަކު ބުންޏެވެ.
ފުލުހުންގެ ތަހުގީގު އަމާޒުކޮށްފައި ވަނީ އެއްރެއަކު ހިންގި އޮޕަރޭޝަނަކަށެވެ. އެކަހަލަ އެތައް ކަމެއް އޭގެ ކުރިން ވެސް ހިންގާފައި ހުރުން އެކަށީގެންވެ އެވެ. 
'ފޭރުމެއް'ގެ ގޮތަށް އެ އޮޕަރޭޝަން ސިފަކުރަނީ އެކަން ހިންގަން ބޭނުންކުރި އުކުޅުތަކެވެ.
އެއީ 12 މާޗު 2025ގެ ދުވަހުގެ ރެ އެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލަން އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަން ކަހަލަ އޮޕަރޭޝަނެކެވެ. އެކަމަކު ތަފާތަކީ މާފަންނުގައި ބިދޭސީ ބަޔަކު އުޅޭ އެ ގެއަށް ފުރަތަމަ ދާ ތިން މުވައްޒަފުންނަކީ އެފަދަ އޮޕަރޭޝަނެއް ހިންގުމުގެ ޒިންމާ ނެތް ބަޔަކަށް ވުމެވެ. އެ ތިން މީހުންނަކީ ކޮބައި ކަމެއް މިހާތަނަށް ފުލުހުން ބުނެފައެއް ނުވެ އެވެ. އެކަމަކު ޝައްމާންއާ އެކު ހައްޔަރުކުރި ހަތަރު މީހެއްގެ މައުލޫމާތު ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެއީ:
އަހުމަދު ލައްސާން، 40، މ. ހަޒާރީވިލާ
މުހައްމަދު އަލްސަން އިސްމާއިލް، 21، މޫނިމާގެ/ތ. ބުރުނި
އިބްރާހިމް އަހުމަދު، 37، ގ. ހެޕީސައިޑް
ހަސަން ސަހެޝާން، 47، ގ. ހެޕީސައިޑް
ބިދޭސީން އުޅޭ ގެއަށް ފުރަތަމަ ވަން ތިން މީހުން އިމިގްރޭޝަންގައި މަސައްކަތްކުރަމުން އައީ ޝަމްއާންގެ ބިއުރޯގަ އެވެ. މި މީހުން އެގެއަށް ވަދެ ހަތް ބިދޭސީއަކު ބަލައިފާސްކުރި އެވެ. މިއީ، މައުލޫމާތު ހުރި ބައެއް މީހުން ބުނި ގޮތުގައި، އެ މީހުންގެ އަތުގައި ފައިސާ ހުރިތޯ ނުވަތަ ނެތްތޯ ޗެކްކުރަން ކުރި ކަމެކެވެ. އޭގެ ފަހުން އެރޭ އެ ގެއަށް ފޮނުވަނީ އިމިގްރޭޝަންގެ އެފަދަ އޮޕަރޭޝަންތައް ހިންގުމުގެ މަސްއޫލިއްޔަތު އޮތް ޓީމެކެވެ. އެމީހުން ގޮސް ބިދޭސީންގެ ފައިސާ ހޯދައި، އެ އެއްޗެހި ސީލްކުރެ އެވެ. އޭގެ ފަހުން ހަތް މީހުން ގެންދަނީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށެވެ.
މިއީ ނާޖާއިޒު ފައިދާތަކެއް ހޯދުމުގެ ނިޔަތުގައި ކުރި ކަމެއްކަން އެނގޭ ސަަބަބުތައް އެބަ ހުއްޓެވެ.
ފުރަތަމަ ކަމަކަށް އެ އޮޕަރޭޝަން ފަށަނީ ވެސް ރަސްމީ ލިއެކިއުންތައް ފުރިހަމަނުކޮށް، ހަމަ ކުއްލިއަކަށެވެ. ދެވަނަ ކަމަކަށް ފާހަގަކުރަން ޖެހެނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަތް ބިދޭސީން ވެސް އުޅެމުން އައީ ގަވާއިދާ އެއްގޮތަށް ކަމެވެ. އެ މީހުންގެ އަތުގައި ރަސްމީ ލިއެކިއުންތައް ހުއްޓެވެ. ތިން ވަނަ ކަމަށް، އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ގެންގުޅުނު ބިދޭސީ މީހާއާ މެދު އަމަލްކުރި ގޮތެވެ.
މިހާތަނަށް ފުލުހުން ހާމަކުރި މައުލޫމާތުތަކަށް ބަލާލަމާ ހިނގާށެވެ. އޭގެ އަނެއް ދުވަހު 13 މާޗުގެ ރޭ އޭނާ ގެންދަނީ މ. ސްޓާ ކްލައުޑްގައި ހުންނަ އިމިގްރޭޝަންގެ އޮފީހަށެވެ. އޭނާ ދޫކޮށްލަ އެވެ. އޭނާގެ އަތުން ފެނުނު ފައިސާތައް، ކޮތަޅަކަށް އަޅާފައި އޭނާއާ ހަވާލުކުރެ އެވެ. އޭނާގެ ސްޕޮންސަރެއްގެ ހައިސިއްޔަތުން ހަވާލުވަނީ، މި މައްސަލާގައި މިހާރު ހައްޔަރުކޮށްފައި ހުރި އެކެއްގެ އާއިލީ މީހެއް ކަމަށް، ފުލުހުން ބުނެ އެވެ.
އިމިގްރޭޝަންގެ އޮފީހުން އޭނާ ނުކުމެ، އަރަނީ، ސްޕޮންސަރުގެ ސައިކަލް ފަހަތަށެވެ. އޭރު ސްޓާ ކްލައުޑް އިމާރާތުގެ ކައިރީގައި، ޝައްމާންގެ ބިއުރޯގެ ތިން މީހުން ތިއްބެވެ. ސައިކަލްގައި އޭނާ ވަކި ހިސާބަކަށް ދާ ތަނުން އިމިގްރޭޝަންގެ ވެހިކަލެއް ކައިރިކޮށް އެއަށް އޭނާ އަރުވަ އެވެ. މިހާރު ފުލުހުން ހައްޔަރުކޮށްފައި ހުރި އެކަކު އެ ވެހިކަލްގައި އޭނާއާ އެކު ދެ އެވެ. އެ ވެހިކަލް މާލޭގެ އެކި ހިސާބުތަކުގައި ދުއްވަ އެވެ. ފުލުހުން ގަބޫލުކުރަނީ އެއީ "ވަކި ކަންތައްތަކެއް ނިންމުމަށް' ޖަހަމުން ދިޔަ ބުރެއް ކަމަށެވެ.
އެ ބުރު ނިންމާފައި ބިދޭސީ މީހާ ގެންގޮސް ލަނީ އޭނާ އުޅެމުން އަންނަ ގެއަށެވެ.
އޭރު އޭނާގެ ފައިސާ ކޮތަޅު ވަނީ އިމިގްރޭޝަންގެ މީހާ އަތަށް ދީފަ އެވެ. އެ ކޮތަޅު ހިފައިގެން އޭނާ ދަނީ ޝަމްއާންގެ ގެއަށެވެ. ސީސީޓީވީ ފުޓޭޖުތަކަށް ބިނާކޮށް ފުލުހުން ބުނި ގޮތުގައި އެގެއަށް ވަންނަ އިރު އެ ކޮތަޅުގައި ފައިސާ ހުއްޓެވެ. ނަމަވެސް އޭނާ އެގެއިން ނުކުންނަނީ ހުސް ކޮތަޅު މުށުތެެރެއަށް ބޮނޑި ކޮށްލައިގެން ހުރެ އެވެ.
ޝަމްއާންގެ ގެއިން ފުލުހުން ފަހުން ހޯދީ އެ ކޮތަޅުގައި ހުރި ފައިސާކަމެއް ނޫނީ އޭނާގެ އަތުގައި ކުރިންސުރެ ހުރި ފައިސާކަމެއް ނޭނގެ އެވެ. އެކަމަކު އެ ހުރިހާ ފައިސާއެއް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. 
މިއީ ޔުނިފޯމް އަޅައިގެން ތިބެގެން އިމިގްރޭޝަންގެ އޮފިސަރުންތަކެއް ފޭރުނު ފޭރުމެއްގެ ގޮތުގައި، މައުލޫމާތު ހުރި ބައެއް މީހުން ސިފަކުރަނީ، އެފަދަ އެތައް ކަމެއް ހިންގާކަމަށް ވެސް ބުނަމުންނެވެ. މިސާލަކަށް މާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށްގެން ބޮޑު އާމްދަނީ ހޯދާ އެތައް ބިދޭސީންނެއް އުޅެ އެވެ. އެއީ ކޮން ބައެއްކަން އިމިގްރޭޝަންގެ މުވައްޒަފުންނަށް އެނގެ އެވެ. އެފަދަ މީހުންނަށް އަމާޒުކޮށް އޮޕަރޭޝަންތައް ހިންގައިގެން ނާޖާއިޒު އެތައް ފައިދާއެއް ނެގިދާނެ އެވެ. ވަކި ވަރަކަށް ފައިސާ ދިނުމުން އެ މީހުން ދޫކޮށްލެވިދާނެ އެވެ.
މީގެ ކުރިން ދުވަހަކު ވެސް އިމިގްރޭޝަންގެ ކޮންޓްރޯލަރަކާ މެދު މިހާ ބޮޑު ތުހުމަތެއްކޮށް ހައްޔަރުކޮށްފައެއް ނުވެ އެވެ. އެކަމަކު ކުރިން ވެސް އިމިގްރޭޝަންގެ ތެރޭގައި ހިޔާނާތުގެ އެތައް އަމަލެއް ހިންގާކަމުގެ ތުހުމަތު އޮވެ އެވެ. އިމިގްރޭޝަންގެ އިސް އޮފިސަރުންނާއި ބިދޭސީން ގެންނަ ބައެއް މީހުންނާ ވަރަށް ގާތް ގުޅުންތައް ވެސް ބާއްވަ އެވެ.
އެކަމަކު މިފަހަރު ތަފާތުވެގެން މި އުޅެނީ އޮޕަރޭޝަންގެ ނަމުގައި "ފޭރިގަތުމު'ގެ އަމަލްތަކެއް ހިންގިކަމުގެ ތުހުމަތު އޮތުމުންނެވެ. އެހެންކަމުން މިއީ އާދައިގެ މައްސަލައެއް ނޫނެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް، އެ އޮންނަ އުސޫލުގެ ތެރެއިން ކުރަންވީ އެވެ. އެކަމަކު އެ މީހުންގެ އަތުން ނާޖާއިޒު ފައިދާ ހޯދައި، އޭގެ ބަދަލެއްގެ ގޮތުގައި އެމީހުން ދޫކޮށްގެން ނުވާނެ އެވެ. 
މި ގައުމުގައި ހުރި މިފަދަ ނުބައި އަމަލްތަކާ ހެދި ލަދުވެތިވާން ޖެހެ އެވެ. އިމިގްރޭޝަންގެ އެތެރޭގައި ހުރި ބައެއް ކަންކަމުގެ ވާހަކަ ކިޔައިދިން އެކަކު ބުނީ "މިއީ މިއަދު މި ގައުމުގެ ހާލަތު' ކަމަށެވެ. އޭނާ ބުންޏެވެ: ހިތާމަހުއްޓެވެ.
ޝަމްއާންގެ މައްޗަށް އަދި ކުށް ސާބިތެއް ނުވެ އެވެ. އެހެންކަމުން އަދި މި އޮތީ ހުސް ތުހުމަތެވެ. ނަމަވެސް އެ ތުހުމަތުތަކުގެ ފަހަތުގައި އިތުބާރު ހުރި އެތައް ހެއްކެއް، ފުލުހުން މިހާތަނަށް ހާމަކުރި މައުލޫމާތުތަކަށް އެކަނި ބަލައިލިޔަސް، ފެންނަން އެބަ ހުއްޓެވެ.
ގައުމާ މެދު ތިބާ ވިސްނާ ނަމަ ހިތްވަރުދޭންވީ އެފަދަ ނުބައި އަމަލްތަކުގެ މޫތައް ދައުލަތުގެ އިދާރާތަކުން ލުހެލައި، ހުސްކުރާށެވެ. މަތިމަތިން ބަލާލައިފައި ވަކި ބަޔަކު 'ބަތަލުންނަށް' ހަދާކަށެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ