ރާއްޖޭގައި ލޮނު އުފައްދަން ފަށައިފި، ދިއްދުއިން އަހަރަކަށް ލައްކައިގެ އާމްދަނީއެއް ހޯދުމުގެ އުއްމީދުގައި

ރާއްޖޭގައި ލޮނު އުފައްދާ ފުރަތަމަ ފެކްޓަރީ، ހއ. ދިއްދޫގައި މިއަދު ހުޅުވައިފިއެވެ. ދިއްދޫގައި ކެއިން ބުއިމުގައި ބޭނުންކުރާ ލޮނު އުފައްދާ ފެކްޓަރީއެއް އެޅުމަށް އެ ރަށު ކައުންސިލުންވަނީ ބިޑު އުސޫލުން، ޖަޕާނުގެ އަމިއްލަ ކުންފުންޏަކަށް 15،000 އަކަފޫޓުގެ ބިމެއް 15 އަހަރަށް ކުއްޔަށް ދޫކޮށްފައެވެ. އެ ތަނުގައި އެޅި ފެކްޓަރީ މިއަދު ހުޅުވައި، ލޮނު އުފެއްދުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ. ދިއްދޫގައި ހުޅުވި ލޮނު ފެކްޓަރީ -- މި ކަމާ ގުޅިގެން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ސަން"އަށް ވިދާޅުވީ ލޮނު ފެކްޓަރީއާއެކު ދިއްދޫގައި ގާތްގަނޑަކަށް ހަ ވަޒީފާ އުފެދޭނެ ކަމަށެވެ. އަދި އެ ޕްރޮޖެކްޓުގެ ސަބަބުން ކައުންސިލްގެ އާމްދަނީއަށް ވެސް މަހަކު ގާތްގަނޑަކަށް 12،000 ރުފިޔާ ލިބޭނެ ކަމަށް އޭނާ އަންދާޒާ ކުރެއްވިއެވެ. އެއީ އަހަރަކަށް 144،000 ރުފިޔާއެވެ. ދިއްދޫގައި ހުޅުވި ފެކްޓަރީން އުފައްދާ ލޮނު ބޭރު ކުރާނީ ޖަޕާނަށާއި ރާއްޖޭގެ ޓޫރިސްޓު ރިޒޯޓުތަކަށް ކަމަށް ރަޝީދު ވިދާޅުވިއެވެ. "ވަރަށް ރަނގަޅު ކޮލިޓީއެއްގެ ލޮނެއް މިއީ. ރާއްޖެއަށް އެތެރެކުރާ ލޮނަށްވުރެ މި ލޮނުގެ ކޮލިޓީ ރަނގަޅު ކަމަށް އެ ބޭފުޅުން ވެސްވަނީ ފާހަގަކޮށްފައި. ލޮނު ފެކްޓަރީގެ ސަބަބުން ދިއްދޫގެ ރައްޔިތުންނަށް މިއީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވިއެވެ. ދިއްދޫގައި ހުޅުވި ލޮނު ފެކްޓަރީގެ މަސައްކަތްތައް ވަނީ މިހާރު ފަށާފައި -- މި ފެކްޓަރީގައި ތިން ބާވަތެއްގެ ލޮނު އުފެއްދުމަށްވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ކެއިންބިއުމުގައި ބޭނުންކުރާ ލޮނާއި، ބައެއް ޚާއްސަ ބާވަތްތަކުގެ އިތުރުން، ލޮނު މަސް ތައްޔާރު ކުރުމަށް ބޭނުންކުރާ ލޮނު ވެސް އުފެއްދުމަށް ހަމަޖެހިފައިވެއެވެ. އެ ފެކްޓަރީން އުފައްދާ ލޮނަށް ދީފައިވަނީ ރާއްޖެއާ ގުޅުވައިފައިވާ ނަމެއް ކަމަށްވާ، 'ޓެންޕީ ސަން ސޯލްޓް' އެވެ. އެ ފެކްޓަރީ ހިންގަން ހަވާލުވި ކުންފުނިން މީގެ ކުރިން ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދީފައިވާ މައުލޫމާތުގައިވާ ގޮތުން، ފެކްޓަރީ ތަރައްގީކުރަނީ އިރުގެ އައްޔާއި ހޫނު ބޭނުންކޮށްގެން ލޮނުފެން ގުދުރަތީ ގޮތުން ހިއްކައިގެން، ލޮނު އުފައްދާ ގޮތަށެވެ. އަދި އެ ފެކްޓަރީން ކޮންމެ މަހަކު ތައްޔާރުކުރާ ލޮނު، ރާއްޖެއާއި ޖަޕާނުގައި ޓެސްޓު ކުރާނެ ކަމަށް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ