ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައެއް ނުލަން، މުވައްޒަފުން ވަކިކުރީ ކުރާނެ މަސައްކަތެއް ނެތުމުން: ފެނަކަ

އިންޑިޔާގެ ހިލޭ އެހީގައި ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުންދާ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ފެނަކަ ކޯޕަރޭޝަނުން ދޮގުކޮށްފިއެވެ. 
ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި މުވައްޒަފުން ވަކިކުރި ކަމަށްބުނެ، ހޯރަފުށީ ކައުންސިލުން އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެކަމާ ގުޅިގެން ފެނަކަ އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކުންފުންޏާ ހޯރަފުށީ ކައުންސިލާދެމެދު 2019 ވަނަ އަހަރު ވެވުނު އެއްބަސްވުމުގެ ދަށުން، އެ އަހަރު މަސައްކަތް ފަށަން ތައްޔާރުވި ނަމަވެސް، އެ މަސައްކަތަށް ކަނޑައެޅި 20،000 އަކަފޫޓާއި 30،000 އަކަފޫޓާ ދެމެދުގެ ބިމުގެ ވަށައިގެންވާ އިންފާރެއް ރޭނުން ފިޔަވައި އިތުރު މަސައްކަތެއް ނުހިނގައި ދެ އަހަރެއްހާ ދުވަސް ހޭދަވެފައިވާ ކަމަށެވެ.
އަދި 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ވެސް ނިމިގެންދިޔައީ އިތުރު އެއްވެސް މަސައްކަތެއް ނުކުރެވި ކަމަށާއި 30 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް އެ ކުންފުނިން ފައިސާ ހަރަދުކުރެވުނު އިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ނިންމައިލެވުނީ ހަމައެކަނި 70 އިންސައްތަ މަސައްކަތް ކަމަށް ބުނެފައިވެއެވެ.
ފެނަކަ އިން އިތުރަށް ބުނީ އެ މަޝްރޫއު ހިންގުމަށް 36.7 މިލިއަން ރުފިޔާ ހަރަދުވެފައިވާ އިރު، އިންޑިއާ އިން ދިން ނުވަ މިލިއަން ރުފިޔާގެ އެހީ އިން އެ މަޝްރޫއަށް ކައުންސިލުން ހިއްސާކޮށްފައިވަނީ 2.4 މިލިއަން ރުފިޔާ ކަމަށެވެ. އަދި ބާކީ 34.3 މިލިއަން ރުފިޔާ ހަރަދުކުރީ ސީދާ އެ ކުންފުނިން ކަމަށެވެ.
މިއާއެކު ފެނަކައިން ބުނީ، ބޮޓްލިން ޕްލާންޓު އިމާރާތުގައި މުވައްޒަފުން ތިބޭނެ ގޮނޑިއާއި މޭޒު ހުރި ނަމަވެސް، މުވައްޒަފުން މަސައްކަތްކުރަން ބޭނުންވާ މެޝިނަރީގެ ބޮޑު ބައި ހުރީ ރާވައި ނުނިމި ކަމަށާއި އަދި އިމާރާތުގެ އެތެރޭގައި ނިންމަންޖެހޭ އިމާރާތްކުރުމުގެ ބައެއް މަސައްކަތްތައް ވެސް ހުރީ ނިންމަން ޖެހިފައި ކަމަށެވެ. 
އެހެންކަމުން، ކުންފުނީގެ މާލީ ހާލަތަށް ރިއާޔަތްކޮށް، މަސައްކަތެއް ނެތް ގޮތުގައި ތިބި މުވައްޒަފުންނަށް މުސާރަ ދެމުންގެންދިއުމަކީ މިވަގުތު މި ކުންފުންޏަށް ކުރެވެން އޮތް ކަމަކަށްނުވާތީ، އެ މުވައްޒަފުން ވަކިކުރި ކަމަށާ، ނަމަވެސް މި މަޝްރޫއު ހުއްޓައިނުލުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަަމަށް ފެނަކައިން ބުންޏެވެ.
”މި ނިންމުމާ އެއްގޮތަށް، މި މަޝްރޫއުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން މި ކުންފުނިން އަރުވަން،" ފެނަކަ އިން ބުންޏެވެ. 
މިއާއެކު ފެނަކައިން ބުނީ އެ ކުންފުނީގެ ޓެކްނިކަލް ޓީމެއް ހޯރަފުއްޓަށް ގޮސް، އެ މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން ބެލުމަށްފަހު، އަންނަ މަހު މަޝްރޫއުގެ މަސައްކަތް ފަށައި، ވަރަށް އަވަހަށް ނިންމައިލެވޭނެ ކަމަށެވެ. 
އަދި ބޮޓްލިން ޕްލާންޓުގައި ކުރަންހުރި މަސައްކަތްތައް ނިމުނުހާ އަވަހަކަށް، އެ ފެސިލިޓީ ހިންގުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ކުންފުނީގައި އަމަލުކުރަމުންދާ އުސޫލުތަކުގެ ތެރެއިން އިއުލާންކުރެވިގެންދާނެ ކަމަށްވެސް ފެނަކަ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ