ލިޒްބަން (ޖޫން 12) - ސްޕޯޓިން ލިޒްބަން އަށް ކުޅެމުން އަންނަ ސްވިޑެންގެ ފޯވާޑް ވިކްޓޯ ޔޯކެރޭޝް ވިއްކާނީ، އޭނާގެ ކޮންޓްރެކްޓް ގަންނަން ދައްކަން ޖެހޭ ފީ ކަމަށްވާ 100 މިލިއަން ޑޮލަރު ދިނުމުން ކަމަށް އެ ކްލަބްގެ ރައީސް، ފްރެޑެރީކޯ ވަރަންޑާސް ވިދާޅުވެއްޖެ އެވެ.
އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ކަވެންޓްރީ ސިޓީ އަށް 25 މިލިއަން ޑޮލަރު ދީފައި ސްޕޯޓިން ޔޯކެރޭޝް، 27، ގަތީ މިިދިޔަ އަހަރުގެ ޖުލައި މަހުގަ އެވެ. އޭނާ، ސްޕޯޓިންއާ އެކު ސޮއިކުރީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
ޔޯކެރޭޝް މިހާތަނަށް ސްޕޯޓިން އަށް ކުޅެދިން 102 މެޗުން 97 ލަނޑު ޖަހައިފަ އެވެ. ޔޫރަޕްގެ އެންމެ ޑިމާންޑް ބޮޑު ފޯވާޑުންގެ ތެރޭގައި، ޔޯކެރޭޝް ހިމެނެ އެވެ.
ސްޕޯޓިން އަށް ޔޯކެރޭޝް ގަތް ކޯޗު، ރުބެން އަމޮރިމް މި ވަގުތު ހުރީ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗަކަށެވެ. އަދި، އަމޮރިމް އެ ޓީމަށް ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި، ޔޯކެރޭޝް ހިމެނެ އެވެ.
އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި، ޔޯކެރޭޝާ އެކު، ސްޕޯޓިން އިން ހެދި ކޮންޓްރެކްޓެއްގެ މާއްދާއެއްގައިވާ ގޮތުން، 70 މިލިއަން ޑޮލަރުގެ ޕެކޭއްޖެއްގެ ތެެރެއިން، ޔޯކެރޭޝް ގަންނަން ބައެއް ކްލަބްތަކަށް ފުރުސަތު އޮވެ އެވެ. އެހެން ނަމަވެސް، ސްޕޯޓިންގެ ރައީސް، ވަރަންޑާސް ވަނީ އެ ފަދަ މާއްދާއެއް އޮންނަ ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފަ އެވެ.
"އަހަރެން ޔަގީންކަން ދެން، 60 މިލިއަން ޔޫރޯ އާއި 10 މިލިއަން ޔޫރޯ އަކާ ދީގެން، ޔޯކެރޭޝްގެ ސޮއި ނުލިބޭނެ އެއްވެސް ޓީމަކަށް. އެއީ އަހަރެމެން އެއްބަސްވެފައި އޮތް ގޮތެއް ނޫން. މިހާތަނަށް އަދި އަހަރެމެންނަށް ޔޯކެރޭޝް އަށް އެއްވެސް ހުށަހެޅުމެއް ލިބިފައި ނެތް،" ވަރަންޑާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޔޯކެރޭޝްގެ ކޮންޓްރެކްޓްގައި، އޭނާގެ ރިލީސް ފީގެ ގޮތުގައި، 100 މިލިއަން ޑޮލަރެއް ހިމަނާފައިވަނީ އެކިއެކި ކަންކަމަށް ރިއާއަތްކޮށް ކަމަށެވެ. އަދި، އެ ވަރުގެ ފީ އަކީ ވެސް ސީދާ އަދި ފައިނަލް ގޮތެއް ނިންމުމުގެ ބާރު ކުޅުންތެރިޔާ އަށް ލިބިދޭނެ ސަބަބެއް ނޫން ކަމަށާއި، ޔޯކެރޭޝް އަށް ޓްރާންސްފާއެއްގެ ކަންކަން ކުރިއަށްގެންދެވެން އޮތީ ސްޕޯޓިން އިން ރުހޭނަމަ ކަމަށް ވަރަންޑާސް ވިދާޅުވި އެވެ.
ސްޕޯޓިން އިން ޔޯކެރޭޝްގެ ރިލީސް ފީ ކުޑަނުކުރާނެ: އަގަކީ 100 މިލިއަން ޑޮލަރު! ސްޕޯޓިން އިން ޔޯކެރޭޝްގެ ރިލީސް ފީ ކުޑަނުކުރާނެ: އަގަކީ 100 މިލިއަން ޑޮލަރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ