ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ގައިރު ގާނޫނީ ތަހުގީގަކަށް ބިނާކޮށް، ވެރިކަން ހިންގާ ޕާޓީގެ މެންބަރުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކޮށްލުމުން ވެސް، ޑިމޮކްރަސީގެ ހަމަތައް ގަބޫލު ކުރައްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް މުހައްމަދު ޒާހިރު އިއްޔެ ވަކިކޮށްލީ، އެބޭފުޅުންގެ މައްޗަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގުތަކެއް ހިންގީ ގާނޫނާ ހިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެފައި އޮއްވަ އެވެ. ފަނޑިޔާރުން ވަކި ކުރަން ވޯޓު ދެއްވީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ މެންބަރުންނެވެ.
ރައީސް އޮފީހުން ގެނެސްދޭ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު މިއަދު ވިދާޅުވީ، ޑިމޮކްރަސީގެ ހަމަތައް އެމަނިކުފާނު ވަރަށް ފުރިހަމައަށް ގަބޫލު ކުރައްވާ ކަމަށެވެ.
"ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ މި އުސޫލުތައް ތަންފީޒު ކުރަން އަޅުގަނޑުމެން މަސައްކަތް ކުރާއިރުގައި، އަޅުގަނޑު ވަރަށް ފުރިހަމައަށް ގަބޫލުކުރާ ކަމެއް، ޑިމޮކްރަސީގެ ހަމަތައް، ރައްޔިތުންގެ ބާރުވެރިކަން އިނގޭތޯ،" ރައީސް ވިދާޅުވި އެވެ.
ޑިމޮކްރަސީގެ ހަމަތައް ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއިރު، އެ ނިޒާމުގެ އެންމެ މުހިންމު އެއް ރުކުނަކީ ވެރިކަން ހިންގާ ބާރާއި ގާނޫނު ހަދާ ބާރާއި އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު ވަކިވެފައި އޮތުމެވެ. ނަމަވެސް އިއްޔެ ފަނޑިޔާރުން ވަކި ކުރުމުން ބާރުތައް މަސްހުނިވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ވެރިކަން ހިންގާ ބާރުން ފަނޑިޔާރުގެއަށް އަތް ބާނައި، އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރަށް ނުފޫޒު ފޯރުވަމުންދާ މަންޒަރު ފެންނަ ކަމަށް ޕީއެންސީގެ މެންބަރު އަހުމަދު އަޒާން ވެސް އިއްޔެ ވިދާޅުވި އެވެ.
"[ފެހި] ގާނޫނުއަސާސީ ވުޖޫދި ފަހުން ކޮންމެ ވެރިކަމެއްގައި ވެސް އަޅުގަނޑުމެންނަށް ފެނުނީ ފަނޑިޔާރުގެއަށް އަތް ބާނާ ތަން، ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ތަން. އެއިރު ވެސް މިހާރު ވެސް ފެންނަމުން މި ދަނީ ހަމަ އެ މަންޒަރު،" އަޒާން ވިދާޅުވި އެވެ.
ރާއްޖޭގައި އަދުލު އިންސާފު ލިބެނީ ވެރިކަން ހިންގާ ބާރުން ދިނުމުން އެކަނި ކަމަށް ވެސް އަޒާން އިއްޔެ ވިދާޅުވި އެވެ.
"އަދުލު އިންސާފަކީ މި ގައުމުގައި ނިކަމެތިންނަށް ލިބޭ އެއްޗެއް ނޫން. އެއީ އެއިރު ވެރިކަމުގައި ތިއްބަވާ ފަރާތަކުން ދެއްވީމަ ލިބޭ އެއްޗަކަށްވެފައި މި އޮންނަނީ. އިއްޒަތްތެރި ރައީސް ދިވެހިރާއްޖޭގައި ގޮސްފި ފުލުސް ކޯޓު ހަދައިގެން ދިވެހި ރައްޔިތުން ޖަލަށްލި ޒަމާނެއް ވެސް. އޭގެ ފަހުން އަޅުގަނޑުމެން ގާނޫނުއަސާސީއެއް ހަދައިގެން ފަނޑިޔާރުގެއާއި ވެރިކަމުގެ ބާރާއި މަޖިލިސް މި ތިން ބާރު ވަކިކޮށް ވެރިކަން ކުރަމުން މި ދަނީ،" އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކޮށްފައި ވަނީ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު ރައީސް މުއިއްޒުގެ ކޮންޓްރޯލުގެ ދަށަށް ގެނައުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން ވެސް ވަނީ ބުނެފަ އެވެ.
"މި ދެ ފަނޑިޔާރުން ވަކިކުރުމަކީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ހިންގި ގައިރު ދުސްތޫރީ އަދި ގައިރު ގާނޫނީ އަމަލެއް. ރައީސް މުއިއްޒުގެ ބާރު ހިނގާ ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާތައް ކުރިއަށްގެންދިޔައީ ވެސް އަމަލުކުރަމުން އަންނަ އުސޫލުތައް މުގުރާލައި ގާނޫނުތަކާ ހިލާފަށް،" އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ތިން ބާރު ވަކިވެފައިވާ ނިޒާމެއް ގާނޫނުއަސާސީގައި ލިޔެފައި އޮތަސް މިހާރު ރާއްޖޭގައި ނިޒާމު ހިނގަނީ އެގޮތަށް ނޫން ކަމަށް އިދިކޮޅު ދަ ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ (އިންތި) ވެސް ވިދާޅުވި އެވެ.
"ތިން ބާރު ވަކިވެފައި އޮތް ނިޒާމެއް ފޮތުގައި އޮތަސް އެ ނިޒާމެއް ނޫން މިހާރު މި ހިނގަނީ. އެއީ ސުޕްރީމް ކޯޓަށް މި ހެދި ގޮތުން. ސުޕްރީމް ކޯޓަކީ ސަރުކާރުގެ ރަބަރު ސްޓޭމްޕު ތަނަކަށް ވާނެ ހެން ލަފާ ކުރެވެނީ. މަޖިލިސް މިހާރު ވެސް މި މަސައްކަތް ކުރަނީ ރަބަރު ސްޓޭމްޕް ޖަހާ ތަނެއްގެ ގޮތުގައި. މިނިވަން މުއައްސަސާތައް ވެސް އެގޮތަށް ދާނީ ކުރިއަށް އޮތް ދުވަސްތަކުގައި،" މި ނޫހާ ވާހަކަ ދައްކަވަމުން އިންތި ވިދާޅުވި އެވެ.
ގައިރު ގާނޫނީކޮށް ފަނޑިޔާރުން ވަކިކޮށްލުމަށްފަހު ވެސް ރައީސް ވިދާޅުވީ ޑިމޮކްރަސީގެ ހަމަތައް ގަބޫލު ކުރައްވާ ކަމަށް ގައިރު ގާނޫނީކޮށް ފަނޑިޔާރުން ވަކިކޮށްލުމަށްފަހު ވެސް ރައީސް ވިދާޅުވީ ޑިމޮކްރަސީގެ ހަމަތައް ގަބޫލު ކުރައްވާ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ