ވެރިކަން ކުރާ ޕީއެންސީގެ ސެނެޓްގެ ބައްދަލުވުމެއް މިރޭ ބާއްވަން ތާވަލްކޮށްފި އެވެ.
ވީ ކިހިނެއް؟ - ޕީއެންސީގެ ބައެއް އިސް ބޭފުޅުން 'ދައުރު'އަށް ކަށަވަރުކޮށްދެއްވި ގޮތުގައި މިރޭ 9 ޖަހާއިރު ސެނެޓް ބައްދަލުވުމެއް ސީ ޓްރެކްސް ބިލްޑިންގައި ހުންނަ އެ ޕާޓީގެ އޮފީހުގައި އޮންނާނެ އެވެ. އެ ބައްދަލުވުމުގެ ދައުވަތު ސެނެޓަރުންނަށް ވަނީ ދީފަ އެވެ.
ތަފްސީލު - އެނގިފައިވާ ގޮތުގައި މިރޭގެ ބައްދަލުވުމުގައި ބައެއް ނިންމުންތައް ނިންމަން ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް އެއީ އަސާސީ ގަވައިދަށް ގެންނަ ބަދަލުތަކެއް ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ.
"އެއް ކަމެއްގެ ގޮތުގައި އެބަ އޮތް [މިހާރު އުވާލާފައި އޮތް] ޕީޕީއެމްގެ ސެނެޓްގައި ތިބި މެންބަރުން، ޕީއެންސީގެ ސެނެޓްގައި ހިމެނުމާ ގުޅޭ ކަމެއް،" ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.
މި ފަހުން މީޑިއާތަކަށް ދައުވަތު ދީ ނުވަތަ އާންމުކޮށް އަންގައި އިއުލާންކޮށްގެން ޕީއެންސީގެ ސެނެޓް ބައްދަލުވުމެއް ބާއްވާފައެއް ނުވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ޕީޕީއެމް އުވާލަން އެ ޕާޓީގެ ސެނެޓުން ނިންމީ މިދިޔަ އަހަރު ޑިސެމްބަރުގަ އެވެ. އެކަން ފަސޭހައިން ކުރަން ޕީޕީއެމްގެ އަސާސީ ގަވައިދު ވެސް އިސްލާހުކުރި އެވެ.
އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކުގެ ދަފްތަރުން ޕީޕީއެމް އުނިކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. އެ ޕާޓީ އުވާލިއިރު، މި ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އާއި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްއަކީ، ޕީޕީއެމްގެ ދެ ނައިބު ރައީސުންނެވެ.
ބައެއް ނިންމުންތައް ނިންމަން ޕީއެންސީ ސެނެޓްގެ ބައްދަލުވުމެއް މިރޭ ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ