އޮޑިން ކޮންމެ މުބާރާތަކަށްވެސް ނުކުންނާނީ ޗެމްޕިއަންކަން ހޯދަން އޮޑިން ކޮންމެ މުބާރާތަކަށްވެސް ނުކުންނާނީ ޗެމްޕިއަންކަން ހޯދަން

އޮޑި ސްޕޯޓްސް ކްލަބުން ކޮންމެ މުބާރާތަކަށް ވެސް ނުކުންނާނީ ޗެމްޕިއަންކަން ހޯދުމުގެ އަޒުމުގައި ކަމަށް އެ ޓީމުގެ އެސިސްޓެންޓް ކޯޗު ފަރުހާދު އިސްމާއިލް (ފަރޭ) ބުނެފި އެވެ.
މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި އޮޑި ސްޕޯޓްސް ކްލަބުން އާ ސީޒަނަށް ޕްރެކްޓިސް ފެށީ އޮސްޓްރޭލިއާގެ ކޯޗު އިއަން އެންޑްރޫ ގިލަންއާ އެކު އެވެ. އެހެން ނަަމަވެސް، މުބާރާތުގެ ކުރިން އޭނާ ވަނީ އަމިއްލަ ކަމެއްގައި ޓީމުން ވަކިވެފަ އެވެ.
އެއާއެކު ލީގު ކަޕުގައި އޮޑިއަށް އިރުޝާދު ދިނުމުގައި ލީޑުނަގަމުން އަންނަނީ އެސިސްޓެންޓް ކޯޗު ފަރޭ އެވެ.
"އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަމުން ފަރޭ ބުނީ ލީގު ކަޕަށް އޮޑިން ނުކުމެ ފުރަތަމަ މެޗުގައި ޓީސީ އަތުން 0-0 ގެ ނަތީޖާ އަކުން އެއްވަރުވީ، އެއީ އޮޑިން އުންމީދުކުރި ނަތީޖާ އެއް ނޫން ކަމަށެވެ.
އެކަމަކު ޕްރެކްޓިސްތައް އިތުރަށް ރަނގަޅުކޮށް، ޓީމުގެ ކުޅުން އިތުރަށް ރަނގަޅުވެފައިވާކަން ފަރޭ ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ނަތީޖާ އަކީ ދެ ވަނަ މެޗުގައި، މަހިބަދޫ ސްޕޯޓްސް ކްލަބް އަތުން 6-0 އިން އޮޑި މޮޅުވުމެވެ.
ލީގު ކަޕްގެ ތިން ވަނަ މެޗުގައި މިރޭ އޮޑިން ނުކުންނާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ފަރޭ ބުނީ މިރޭ ނިއުއާ ދެކޮޅަށް އޮޑިން ނުކުންނައިރު، ނިއު އަކީ ރާއްޖޭގެ ފުޓުބޯޅައިގައި ވަރުގަދަ ތާރީހެއް އޮތް ބޮޑު ކްލަބެއް ކަމަށެވެ. އެހެންވެ، އޮޑިން ނިއުއާ ދެކޮޅަށް ނުކުންނާނީ އެ އިހުތިރާމް އެ ކްލަބަށް ދީގެން ކަމަށް ކުރިން ނިއު އަށް ކުޅުނު ފަރޭ ފާހަގަކުރި އެވެ.
ލީގު ކަޕުގެ ކުރިން އޮޑީގެ ކޯޗު އިއަން ފުރަން ޖެހުމުން އެކަން ޓީމުން ވަރަށް ބޮޑަށް ދައްކާ ކަމަށާއި، އެކަމަކު އިއަންއާ އެކު އޮޑިން ހެދި ޕްރެކްޓިސްތަކުގައި އޭނާގެ ފަރާތުން ގިނަ ތަޖުރިބާތަކެއް އޮޑީގެ ކޯޗިން ޓީމަށް ލިބުނު ކަން ފަރޭ ވަނީ ފާހަގަ ކޮށްފަ އެވެ.
ފަރޭ ބުނީ އޮޑި އަކީ ކޮންމެ މުބާރާތަކަށްވެސް ސީދާ ތައްޓަށް ނުކުންނާނެ ޓީމެއް ކަމަށެވެ. އަދި އޮޑީގެ އެހެން އިތުރު ޓާގެޓެއް ނެތްކަން ފަރޭ ފާހަގަކުރި އެވެ.
"އޮޑީގެ އިތުރު ޓާގެޓެއް ނެތް. ކޮންމެ މުބާރާތަކުންވެސް ތަށި އެއީ އޮޑީގެ ޓާގެޓަކީ. މި ހިނގާ މުބާރާތުގައި ވެސް އޮޑީގެ ޓާގެޓަކީ އެއީ، ފަރޭ ބުންޏެވެ.
އޮޑިން ލީގު ކަޕުގައި ކުޅޭ ތިންވަނަ މެޗުގައި މިރޭ 21:00 ގައި ނުކުންނާނީ ނިއުއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ