ދައުލަތުގެ އާމްދަނީ ދަށްވާ ސަބަބު ދެނެގަތުމަކީ ގައުމީ މަސައްކަތެއް

މި ހިނގާ ފެބަރުއަރީ 6އާ ހަމައަށް ބަލާއިރު، 2025ގެ ދައުލަތުގެ އާމްދަނީ ނިމިދިޔަ 2024ގެ އެ މުއްދަތަށް ވުރެ 873.4 މިލިއަން ރުފިޔާ މަދު ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ވަނީ ހާމަކޮށްފަ އެވެ. ދައުލަތުގެ ޖުމްލަ އާމްދަނީ %19 އިން ދަށްވުމުގައި، ޓެކްސް އާމްދަނީގެ ގޮތުގައި ބޮޑު ނިސްބަތެއް ހިއްސާކުރާ ހުރިހާ ދާއިރާއަކުން ވެސް އާމްދަނީ ވަނީ ދަށްވެފަ އެވެ.
ޓޭބަލް 1. ދައުލަތުގެ އާމްދަނީގެ ތަފާތު
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު، މިއީ ފެބްރުއަރީ މަހު ކުއްލިއަކަށް ދިމާވި މައްސަލައެއް ނޫންކަން ސާފެެވެ. ޖެނުއަރީ 30އާ ހަމައަށް ޖުމްލަ 574 މިލިއަން ރުފިޔާގެ އާމްދަނީ މަދެވެ. މިދިއަ މަހުގެ 9އާ ހަމައަށް ކުރިޔަށް ޖެހިލާއިރު ޖުމްލަ އާމްދަނީ 44.1 މިލިއަން ރުފިޔާ މަދެވެ.   
ޖުމްލަ އިގުތިސާދުގެ ދިރުން ދައްކުވައިދޭ އެންމެ ރަނގަޅު އެއް މިންގަނޑަކީ އާންމު ބާޒާރުގެ މުއާމަލާތްތަކުން އުފަންވާ ޖީއެސްޓީގެ މިންވަރެވެ. އެގޮތުން މިދިއަ 2024ގެ ފަހު ކުއާޓަރު (އޮކްޓޯބަރު – ޑިސެމްބަރު)އާ ހަމައަށް ދައުލަތަށް ޖީއެސްޓީން ލިބިފައިވާ މިންވަރު ވަނީ 2023ގެ އެ މުއްދަތާ އަޅާބަލާއިރު 89.3 މިލިއަން ރުފިޔާ ދަށްވެފަ އެވެ.
މި އަހަރުގެ 6 ފެބްރުއަރީއާ ހަމައަށް ދައުލަތަށް ލިބުނު ޖީއެސްޓީގެ އާމްދަނީ، ކުރީ އަހަރަށް ވުރެ 31.5 މިލިއަން ރުފިޔާ މަދެވެ. އެހެންކަމުން އޮކްޓޯބަރު 2024އިން ފެށިގެން ދައުލަތަށް ލިބުނު ޖީއެސްޓީ އާމްދަނީން އެކަނި ވެސް މިވަނީ 120.8 މިލިއަން ރުފިޔާ މަދުވެފަ އެވެ.
ޗާޓް 1: ޖީއެސްޓީ އާމްދަނީ އޮކްޓޯބަރު-ޑިސެމްބަރު 2023، 2024
މިއީ ޗައިނާ އެފްޓީއޭގެ އަސަރޭ ނުވަތަ ކުރީ ސަރުކާރުން ކަންތައް ކުރި ގޮތުގެ ނަތީޖާއޭ ބުނެ އެއްބަޔަކު އަނެއް ބައެއްގެ ބޮލަށް ކަނޑާލުމުން ނިމުނީ ކަމަށް ނިންމާލެވޭ ވަރަށް ވުރެ ބޮޑު މައްސަލައެކެވެ.
އަޅަން ޖެހޭ ފުރަތަމަ ފިޔަވަޅަކީ މައްސަލައެއް އެބަ އުޅޭތޯ ދެނެގަތުމެވެ. މައްސަލައެއް އުޅެނީ ކަމުގައި ވަނީ ނަމަ އުޅެނީ ކޮން ކަހަލަ މައްސަލައެއްތޯ، އެ މައްސަލަ އުފެދިގެން އަންނަނީ އިގުތިސާދުގެ ކޮން ދާއިރާއަކުން، ކޮން ސަބަބުތަކެއް މެދުވެރިވެގެންތޯ އަވަހަށް ދެނެގަތުން މުހިންމެވެ.
މައިތިރިއަށް ކިޔަވަން ޖެހޭނީ ކޮން ކަހަލަ ކިޔެވުމެއްތޯ ނިންމޭނީ އޭރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ