ދުނިޔެވެސް އަދި އާޚިރަތްވެސް ކާމިޔާބުކުރެވެން އޮތީ ޤުރްއާނާއި ޙަދީޘްފުޅުތަކަށް ވިސްނައި ޢަމަލުކޮށްގެންނެވެ. އެކަމަށް ކޮންމެ މުސްލިމަކުވެސް އެއްބަސްވާނެއެވެ. މައްސަލައަކަށްވަނީ ހަމަ އެންމެ ކަމެކެވެ. އެކަމަކީ ޢަމަލުނުކުރެވުމެވެ.
ކަންކަމަށް އެންމެ ރަނގަޅު ގޮތް އެނގެން އެންމެންވެސް ބޭނުންވާނެއެވެ. އެންމެ ރަނގަޅު ގޮތް އެނގޭނެ ގޮތަކީ ޤުރްއާނާއި ޙަދީޘްފުޅުތައް އުނގެނި ދަސްކުރުމެވެ. އެހެނީ އެންމެ ފުރިހަމަ ބަސްފުޅުތައް ހިމެނިގެންވަނީ ޤުރްއާނާއި ޙަދީޘްފުޅުތަކުގައެވެ. އެއްވެސް އުނިކަމެއް ނުވާނީ އެއިގައެވެ.
މީސަތަކުންގެ ތެރެއިން ކިތަންމެ މޮޅު މީހަކު ލިޔުނު ނަމަވެސް އަދި ކިޔައިދިންނަމަވެސް އުނިކަންތައްތަކެއް ހުންނާނެއެވެ. ވީމާ އެބަސްތައް އެންމެ ފުރިހަަމ ނުވާނެކަން ޤަބޫލުކުރަންވާނެއެވެ.
ޚާލިދު އިބުނު އަލް ވަލީދު ރިވާކުރެއްވިއެވެ.
އަރަބިކަރައިގެ ސަހަރާތަކުގައި ހުއިހެއްޕުމުގެ މަސައްކަތްކުރަމުން އައި މީހަކު ރަސޫލާ (ﷺ )ގެ އަރިހަށްއައިސް، އެކަލޭނގެފާނުގެ އަރިހުގައި ދެންނެވިއެވެ.
" އޭ ﷲގެ ރަސޫލާއެވެ ! ތިމަންނާ މިއައީ ދުނިޔެއާއި އާޚިރަތާބެހޭ ބައެއް ސުވާލު ކަލޭގެފާނުގެ އަރިހުގައި ދެންނެވުމަށެވެ."
ދެން އޭނާ ބޭނުން ސުވާލެއްކުރުމަށް އެކަލޭގެފާނު ޙަދީޘްކުރެއްވެވިއެވެ.
ހުއިހައްޕާމީހާ : " މީސްތަކުންގެ ތެރެއިންވާ އެންމެ ޢިލްމުވެރިމީހާއަށްވާން ތިމަންނާ ބޭނުމެވެ."
އެކަލޭގެފާނު (ﷺ ) ޙަދީޘްކުރެއްވިއެވެ. " ﷲ އަށް ބިރުވެތިވާށެވެ. އޭރުން، މީސްތަކުންގެ ތެރެއިންވާ އެންމެ ޢިލްމުވެރި މީހާއަށް ތިބާވާނެއެވެ. "
ހުއިހައްޕާމީހާ : " މީސްތަކުންގެ ތެރެއިންވާ އެންމެ މުއްސަނދިމީހާއަށް ތިމަންނާވާން ބޭނުމެވެ. "
ދެން އެކަލޭގެފާނު (ﷺ ) ޙަދީޘްކުރެއްވިއެވެ. " ތިބާއަށް ލިބޭމިންވަރަށް ޝުކުރުވެރިވެ ކަންކަމުގައި ކެތްތެރިވާށެވެ. އޭރުން، އެންމެ ތަނަވަސްމީހާއަށް ތިބާވެގެންދާނެއެވެ. "
ހުއިހައްޕާމީހާ : " ތިމަންނާ ބޭނުމީ މީސްތަކުންގެ ތެރެއިންވާ އެންމެ އިންސާފުވެރިމީހާއަށްވާށެވެ. " އެކަލޭގެފާނު (ﷺ ) ޙަދީޘްކުރެއްވިއެވެ. " ތިބާއަށް ލިބުމަށްއެދޭ ކަންތައްތައް އެހެންމީހުންނަށްވެސް ލިބުމަށް އެދޭށެވެ. އޭރުން، އެންމެ އިންސާފުވެރިމީހާއަށް ތިބާ ވެގެންދާނެއެވެ. "
ހުއިހައްޕާމީހާ : " މީސްތަކުންގެ ތެރެއިންވާ އެންމެ ރަނގަޅުމީހާއަށްވާން ތިމަންނާ ބޭނުމެވެ. "
އެކަލޭގެފާނު (ﷺ ) ޙަދީޘްކުރެއްވިއެވެ. " މީހުންނަށް ހެޔޮކޮށްހިތާށެވެ. އޭރުން، މީސްތަކުންގެ ތެރެއިންވާ އެންމެ ރަނގަޅުމީހާއަށް ތިބާވާނެއެވެ. "
ހުއިހައްޕާމީހާ : " ތިމަންނާ ބޭނުންވަނީ މީސްތަކުންގެ ތެރެއިން އެކަލާނގެ އެންމެ ލޯބިވެވޮޑިގެންވާ މީހާއަށްވާށެވެ "
އެކަލޭގެފާނު (ﷺ )ޙަދީޘްކުރެއްވިއެވެ. " އެކަލާނގެއަށް ތަޢުރީފުކޮށް ޒިކުރުކުރުމުގައި ގިނަވަގުތު ހޭދަކުރާށެވެ. އޭރުން އެކަލާނގެ އެންމެ ލޯބިވެވޮޑިގެންވާ މީހުންގެތެރެއިން ތިބާވާނެތެވެ. "
ހުއިހައްޕާމީހާ : " އަހަރެންގެ އީމާންތެރިކަން ފުރިހަމަކުރަންބޭނުމެވެ. "
އެކަލޭގެފާނު (ﷺ ) ޙަދީޘްކުރެއްވިއެވެ. " ތިބާގެ ގައިގައި ރަނގަޅު އަޚުލާޤު ހުރެއްޖެނަމަ ތިބާގެ އީމާންތެރިކަން ފުރިހަމަވީއެވެ. "
ހުއިހައްޕާމީހާ : " ހެޔޮ ޢަމަލުކުރާ މީހުންގެ ތެރެއިންވާ މީހަކަށް ތިމަންނާވާން ބޭނުމެވެ. "
އެކަލޭގެފާނު ާ (ﷺ ) ޙަދީޘްކުރެއްވިއެވެ. " ﷲ ޞުބްޙާނަހޫ ވަޠަޢާލާ ތިބާއަށް ފެންނަފަދައިން އެކަލާނގެދެކެ ތިބާ ލޯބިވާށެވެ. އަދި ތިބާއަށް އެކަލާނގެ ނުފެނުނެއްކަމަކު، އެކަލާނގެއަށް ތިބާ ފެންނާނެކަން ހަނދާންކުރާށެވެ. އޭރުން ހެޔޮ ޢަމަލުކުރާ މީހުންގެތެރެއިން ތިބާވާނެތެވެ. "
ހުއިހައްޕާމީހާ : " ﷲއަށް ކިޔަމަންތެރިވާ މީހަކަށްވާން ތިމަންނާ ބޭނުމެވެ. "
އެކަލޭގެފާނު (ﷺ ) ޙަދީޘްކުރެއްވިއެވެ. " އެކަލާނގެ އަމުރުފުޅުތަކަށް ތިބާ ބޯލަބާނަމަ ކިޔަމްތެރިމީހަކަށް ތިބާވާނެތެވެ. "
ހުއިހައްޕާމީހާ : " ޤިޔާމަތް ދުވަހު އަލިކަމުގެތެރެއަށް އުފުލިގެންދާ މީހަކަށް ތިމަންނާ ވާން ބޭނުމެވެ. "
އެކަލޭގެފާނު (ﷺ ) ޙަދީޘްކުރެއްވިއެވެ. " ތިބާގެ އަމިށްލަ ނަފްސަށާއި އެހެން އެއްވެސް ފަރާތަކަށް އޮޅުވާލައި ނުބައިކޮށް ނުހިތާށެވެ. އޭރުން ޤިޔާމަތްދުވަހު އަލިކަމުގެ ތެރެއަށް ތިބާ އުފުލިގެންދާނެތެވެ. "
ރަސޫލް (ﷺ ) ޖަވާބުދާރީވަމުންދާވަރަކަށް، ހުއިހައްޕާމީހާ އެކަލޭގެފާނާ ސުވާލުކުރައްވަމުންގެންދިއައެވެ.
އަނެއްކާވެސް ހުއިހައްޕާމީހާ ބުންޏެވެ. " ތިމަންނާގެ ފާފަތައް މަދުވެގެންދާނީ ކިހިނަކުންހެއްޔެވެ ؟ "
އެކަލޭގެފާނު (ﷺ )ޙަދީޘްކުރެއްވިއެވެ. " ގިނަގިނައިން ﷲގެ ޙަޟްރަތުގައި ފާފަފުއްސެވުމަށްއެދި ދުޢާކުރާށެވެ. އޭރުން ތިބާއަށް ކުރެވިފައިވާ ފާފަތައް މަދުވެގެންދާނެތެވެ."
ހުއިހައްޕާމީހާ : " މީސްތަކުންގެ ތެރެއިންވާ އެންމެ ޤަދަރުވެރިމީހާއަށް ތިމަންނާވާނީ ކިހިނަކުންހެއްޔެވެ ؟ "
އެކަލޭގެފާނު (ﷺ ) ޙަދީޘްކުރެއްވިއެވެ. " ޝަކުވާކުރުން މަދުކުރާށެވެ. އޭރުން ޤަދަރުލިބިގެންވާ މީހަކަށް ތިބާވާނެތެވެ. "
ހުއިހައްޕާމީހާ : " މީސްތަކުންގެ ތެރެއިންވާ އެންމެ ވަރުގަދަމީހާއަށްވާން ތިމަންނާ ބެނުމެވެ. "
އެކަލޭގެފާނު (ﷺ )ޙަދީޘްކުރެއްވިއެވެ. " ﷲ އަށް ތިބާ އިތުބާރުކުރާކަމުގައިވަނީނަމަ މީސްތަކުންގެތެރެއިންވާ އެންމެ ވަރުގަދަމީހާއަށް ތިބާވާނެތެވެ. "
މިޙަދީޘް ބަސްފުޅުންވެސް އެނގިގެންމިދަނީ ދުނިޔެއާއި އާޚިރަތުގައި ކާމިޔާބީއަށް ވާސިލްވުމަށްއޮތް މަގު އަޅުގަނޑުމެންނަށް ދައްކަވާފައިވާކަމާއި އެކަލާނގެ ރުހުން ހޯދުމަށް އޮތް މަގުގެ ލުއިފަސޭހަކަމެވެ. އިސްލާމްދީނުގައިވާ އުސޫލުތަކުގެ ރީތިކަމާއި ފުރިހަމަކަންވެސް މި ޙަދީޘް ބަސްފުޅުން ހާމަވެގެންދެއެވެ.
މިޙަދީޘްފުޅުތަކާއި ގުޅިގެން ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ މިއީ ވަރަށް ފުރިހަމައަށް އެކުލަވާލެވިފައިވާ ޙަދީޘްބަސްފުޅުތަކެއް ކަމަށެވެ. އަދި މި ބަސްފުޅުތަކަކީ އެކި ޙަދީޘްފުޅުތަކުން ނަގާ ޖަމާކޮށްގެން އެކުލަވާލާފައިވާ ޙަދީޘްަސްފުޅުތަކެއް ކަމަށްވެސް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ
ދުނިޔެއާ އާޚިރަތް ކާމިޔާބުވުމަށް އެދޭ ކޮންމެ މީހަކަށް ރަސޫލާ (ﷺ) ގެ ވަރަށް އަގުހުރި ނަސޭޙަތްޕުޅުތަކެއް -
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ