އަދާލަތު ޕާޓީއަށް ވަންނަވަން ޝަހީމް ފޯމު ހުށަހަޅުއްވައިފި

އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަންނަވަން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ. 
ވީ ކިހިނެއް؟ - އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް މިދިޔަ ބުދަދުވަހު ޝަހީމް ވަނީ އިއުލާން ކުރައްވައިފަ އެވެ. އޭނާ ވިދާޅުފައިވަނީ މި އަހަރު ފަހުކޮޅު އެ ޕާޓީގެ އާ ރައީސަކު ހޮވަން ބާއްވާ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ.
ތަފްސީލް - ފާޓީގެ މެމްބަރުކަމުގެ ފޯމު ހުށަހެޅުއްވިކަން ހާމަކުރެއްވީ ޝަހީމް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
"މާތް ﷲގެ ހަޒްރަތުން ވާގި އެދި އަދާލަތު ޕާޓީއަށް މެންބަރުކަމުގެ ފޯމް ހުށަހަޅައިފިން،" ޝަހީމް ލިއުއްވި އެވެ. 
ސިޔާސީ ދާއިރާއަށް އޭނާ ވެންނެވި ޕާޓީއާ އަލުން ގުޅިވަޑައިގަންނަވާ ނަމަ މި ސަރުކާރުގެ ކެބިނެޓުން އިސްތިއުފާ ދެއްވުމަށް އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަނީ ގޮވާލައްވައިފަ އެވެ.
އެ ގޮވާލެއްވުމަށް ރައްދުދެއްވަމުން އެކްސްގައި ޝަހީމް ވިދާޅުވީ ޕާޓީގެ ލީޑާޝިޕަށް ވާދަކުރައްވަން ކެބިނެޓުން އިސްތިއުފާ ދެއްވަން ނުޖެހޭ ކަމަށެވެ.
"އަދާލަތު ޕާޓީގެ ރައީސްކަމަށް މެމްބަރުން އަޅުގަނޑު އިންތިހާބު ކުރައްވައިފި ނަމަ ކޮންގްރެސްއިން ނިންމާ ގޮތަކަށް ޕާޓީއައިގެން ކުރިއަށް ދާނަން، އިންޝާﷲ،" ޝަހީމް ލިއުއްވި އެވެ.
އެނގުން މުހިންމު - ޝަހީމް އެންމެ ފުރަތަމަ ސިޔާސީ މަސައްކަތް ފެއްޓެވި އަދާލަތު ޕާޓީން އޭނާ ވަކިވެވަޑައިގަތީ 2017ގަ އެވެ. އެ ޕާޓީގެ އެއް މުއައްސިސުގެ ގޮތުގައި ހުންނެވި ޝަހީމް އެ ޕާޓީން އޭރު ވަކިވެވަޑައިގަތީ އިމްރާންއާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގަ އެވެ. އޭރު ވެސް އިމްރާން ހުންނެވީ ޕާޓީގެ ރައީސްގެ ގޮތުގަ އެވެ. އެކަމަކު2015ގެ މޭ ޑޭގެ ބޮޑު މުޒާހަރާ ގުޅިގެން އިއްވި ޖަލު ހުކުމުގަ އެވެ.
ޝަހީމް ފަހުން ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެން 2018ގެ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓުގެ ގޮތުން ވާދަކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ