ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރައީީސް ފާހަގަކުރެއްވީ މުއުތަބަރު މައުލޫމާތު ދައުރު ކުރުމުގެ މުހިންމުކަން

ދުނިޔޭގެ އެކިކަންކޮޅުތަކުން ސައްހަ އަދި މުއުތަބަރު ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ގަދަ ހިތްވަރާއެކު، ސާބިތު އަޒުމެއްގައި ނޫސްވެރިން ކުރާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސާބަސްދެއްވައިފިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި މެސެޖުގައި ވަނީ، ޑިމޮކްރަސީ އާއި އިންސާނީ ކަރާމާތް ހިމާޔަތްކޮށް، ޢަދުލުއިންސާފު ނެގެހެއްޓުމުގައި ނޫސްވެރިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެމަނިކުފާނުގެ މެސެޖުގައި ވަނީ، މީޑިއާގެ މިނިވަންކަމާއި މުސްތަޤިއްލުކަމާއި ޒިންމާދާރުކަން ދެމެހެއްޓުމުގެ ޢަޒުމުގައި ހުންނެވިކަމުގެ ޔަގީންކަންދެއްވާފައެވެ.
މިގޮތުން، ނޫސްވެރިކަމުގެ އަހުލާގު ނަގަހައްޓައި، މުއުތަބަރު މައުލޫމާތު ދައުރުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން، އެމަނިކުފާނު މިނިވަން ނޫސްވެރިކަން ސިފަކުރައްވާފައި ވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި، ދެ ފުށްފެންނަ އަދި ޖަވާބުދާރީކުރުވުމުގެ މާހައުލެއް ބިނާކުރުމަށް ލާޒިމު ކަމެއްގެ ގޮތުގައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ ”ހިތްވަރުގަދަ އައު ދުނިޔެއެއްގައި ރިޕޯޓުކުރުން: މިނިވަން ނޫސްވެރިކަމަށާއި މީޑިއާއަށް އާޓިފިޝަލް އިންޓެލިޖަންސް އިން ފޯރާ އަސަރު،“ މިއެވެ.
މި ޝިއާރުން، އާޓިފިޝަލް އިންޓެލިޖަންސް (އޭ.އައި) އިން ފަހިކޮށްދޭ ފުރުސަތުތަކުގެ އިތުރުން މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމުގެ ދިރުންހުރި ސިފަ ދައްކުވައިދެއެވެ.
ރައީސް ވަނީ، ދެފުށްފެންނަ ގޮތެއްގައި ބޭނުންކުރެވިއްޖެ ނަމަ، އޭ.އައި އަކީ މައުލޫމާތު ތަހުލީލުކުރުން އޮޓޮމޭޓްކޮށް، އުފެއްދުންތައް ދުރަށް ފޯރުކޮށްދިނުމުގެ ހިދުމަތް އިތުރަށް ފުރިހަމަކޮށް، ދޮގު މައުލޫމާތާ ދެކޮޅަށް އަޑުއުފުލުމުގައިވެސް ބޭނުންކުރެވިދާނެ އާލާތެއްކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، މީޑިއާ ލިޓްރަސީ އިތުރުކޮށް، އޭ.އައި އުފެއްދުންތަކާމެދު ހޭލުންތެރިކަން އިތުރުކޮށް، ނޫސްވެރިކަމުގެ އަހުލާގާ އެއްއުއިވާނެ ގޮތަށް އޭއައި ބޭނުންކުރުމަށް ހިތްވަރު ދިނުމުގައި، ޕްރެސް ފްރީޑަމް ކޯލިޝަން އާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތައް ފަދަ ގައުމީ އަދި ބައިނަލްއަގްވާމީ ބައިވެރިންނާއެކު ކުރާ މަސައްކަތްތައްވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
މިނިވަން ނޫސްވެރިކަމަށް ބޭނުންވާ ގާނޫނީ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، ޑިޖިޓަލް މެނިޕިއުލޭޝަންގެ މައްސަލައިގައި ކުރިއަށްދާނެ ގޮތްތަކެއް ކަނޑައަޅުމަށާއި، މީޑިއާ އާއި ފަންނިއްޔާތާ ގުޅޭ މަޝްވަރާތައް ޝާމިލުކަމާއެކު ކުރިއަށްގެންދިއުމަށް ރާއްޖެއިން ދަނީ ކެނޑިނޭޅި އަޑުއުފުލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ