މެސީ، ނޭމާ، އެމްބާޕޭ ގޮވައިގެން ނުވި ކަމެއް؛ ޕީއެސްޖީން ޗެމްޕިއަންސް ލީގު ނަގައިފި
ޔުއޭފާ ޗެމްޕިއަންސް ލީގުގެ ތަށި ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)ން އުފުލާލައިފިއެވެ. މިއީ އެންމެ ބޮޑު ހޭދައެއް ކޮށްގެން ޕީއެސްޖީއަށް ކުޅުނު، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭ ހިމެނޭ ލިއޮނަލް މެސީއާއި ނޭމާ ޖޫނިއާ އަދި ކިލިއަން އެމްބާޕޭ ގޮވައިގެން ވެސް އެ ޓީމަށް ހާސިލުނުކުރެވި އޮތް ކާމިޔާބީއެކެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ޕީއެސްޖީން ކާމިޔާބުކޮށްފައިވަނީ ޖަރުމަނުވިލާތުގެ މިޔުނިކްގައި ކުޅުނު ފައިނަލްގައި އިންޓާ މިލާނާ ބައްދަލުކުރި މެޗު 5-0 އިން ކާމިޔާބުކޮށްގެންނެވެ. ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގައި ޕީއެސްޖީން ހަމަލާއަށް އިސްކަންދީގެން ކުޅުނުއިރު އިންޓާއިން މަސައްކަތްކޮށްފައިވަނީ ވަރުގަދައަށް ޑިފެންޑްކޮށް ލިބޭ ފުރުސަތުތަކުގައި ހަމަލާ އުފެއްދޭތޯއެވެ. ނަމަވެސް، މެޗުގެ ފުރަތަމަ ކަށި ގަނޑާ އެކު ޕީއެސްޖީން ދިޔައީ ކުރިއަރާ އިންޓާއަށް ނުރައްކާ ކުރަމުންނެވެ. އަދި އިންޓާއަށް ޕީއެސްޖީގެ ހަމަލާތައް ހުޢްޓުވުމުގައި އުނދަގޫތަކާ ކުރިމަތިވެގެންދިޔަތަން ފެނިގެންދިޔައެވެ. ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 12 ވަނަ މިނެޓުގައި ޕީއެސްޖީން އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު ނެގުނެވެ. މި ލަނޑު މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑިޒާރޭ ޑޯއޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އަޝްރަފް ހަކީމީއެވެ. މުބާރާތުގައި ޑިފެންސް ވަރުގަދަ ކަމަށް ފާހަގަވި އިންޓާއަށް މި މެޗުގައި ޕީއެސްޖީގެ ހަމަލާތައް ހުއްޓުވުމުގައި ކުރިއެރުމެއް ނުލިބުނެވެ. ފުރަތަމަ ލަނޑު ކާމިޔާބު ކުރިތާ އަށް މިނެޓް ފަހުން ޑޯއޭ ވަނީ ޕީއެސްޖީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެންދިޔައިރު އިންޓާގެ ފަރާތުން އެޓީމުގެ ކުޅުން ކޮންމެ ވެސް ވަރަކަށް ރަނގަޅުވިތަން ފެނިގެންދިޔަ ނަމަވެސް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. ދެވަނަ ހާފުގައި ވެސް ބޮޑަށް ފެނުނީ ޕީއެސްޖީން ހަމަލާއަށް އިސްކަން ދީގެން ކުޅުނު ތަނެވެ. މިގޮތުން މެޗުގެ 63 ވަނަ މިނެޓުގައި ޑޯއޭ ވަނީ އޭނާ މިމެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑާ އެކު ޕީއެސްޖީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި ލަނޑާ އެކު އިންޓާގެ ކުޅުންތެރިންގެ ހިތްވަރު އެލިގެންދިޔަތަން ފެނިގެންދިޔައެވެ. މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަވީޗާ ކްވަރަޓްސްހޭލިއާއެވެ. ފަހު ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ބަދަލު ކުޅުންތެރިޔާ ސެނީ މަޔޫލޫއެވެ. މެޗުގައި އިންޓާއިން ސެމީ ފައިނަލްގައި އެފްސީ ބާސެލޯނާއާ ދެކޮޅަށް ދެއްކި މޮޅު ކުޅުން ދެއްކޭގޮތެއް ނުވިއެވެ. މި ކާމިޔާބީއާ އެކު ޕީއެސްޖީން އެ ކްލަބްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މިވަނީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކޮށްފައެވެ. ތިން ފަހަރަށް މި މުބާރާތް ކާމިޔާބުކޮށްފައިވާ އިންޓާއިން މިވަނީ އެ ޓީމު އެންމެ ފަހުން ކުޅުނު ދެ ފައިނަލްގައި ބަލިވެފައެވެ. މި ތައްޓާ އެކު ޕީއެސްޖީން މިވަނީ މި ސީޒަންގައި ތިން ތަށި ކާމިޔާބުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ