ކުޑަހުވަދޫން މި ފަހަރު ވެސް ދ. އަތޮޅު ޗެމްޕިއަންކަން ހޯދީ މާއެނބޫދޫ ބަލިކޮށްފައި ކުޑަހުވަދޫން މި ފަހަރު ވެސް ދ. އަތޮޅު ޗެމްޕިއަންކަން ހޯދީ މާއެނބޫދޫ ބަލިކޮށްފައި

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ދ. އަތޮޅު ފައިނަލުގައި މާއެނބޫދޫ އަތުން 3-2 އިން މޮޅުވެ، ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ދ. އަތޮޅުގެ ތަށި ހޯދައިފި އެވެ.
މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކުޑަހުވަދޫން ފުރަތަމަ ނުކުތް މެޗުން މާއެނބޫދޫ އަތުން 5-3 އިން ވީ ބައްޔެވެ. އެކަމަކު، ފައިނަލް މެޗުގައި މިދިޔަ އަހަރެކޭ އެއްގޮތަށް ކުޑަހުވަދޫން ވަނީ މާއެނބޫދޫގެ މައްޗަށް ކުރިހޯދައިފަ އެވެ. މިދިޔަ އަހަރުގެ ލީގު ބުރުގައި ކުޑަހުވަދޫ އާއި މާއެނބޫދޫ ވީ އެއްވަރެވެ.
ދ. އަތޮޅުން މި ފަހަރު ތިން ޓީމު ކުޅޭތީ، މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތު އޮތީ ފައިނަލުން މޮޅުވާ ޓީމަކަށެވެ.
ފައިނަލް މެޗުގައި ފުރަތަމަ ލީޑުނެގީ ކުޑަހުވަދޫންނެވެ. މި ގޯލަކީ، އޭރިއާތެެރެއިން އައި ރީބައުންސް ބޯޅައެއް ގޯލަށް ފޮނުވާލައިގެން، މުހައްމަދު އަރީޝް ކުޑަހުވަދޫ އަށް ކާމިޔާބުކޮށްދިން ގޯލެކެވެ. ފުރަތަަމަ ހާފުގައި މާއެނބޫދޫން އެއްވަރުކުރީ ހިލޭ ޖެހުމަކުން ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން، އަހުމަދު ޝައިހާން ޖެހި ގޯލެކެވެ.
ދެ ވަނަ ހާފުގައި ކުޑަހުވަދޫން ބަދަލަށް ނެރުނު ދެ ކުޅުންތެރިން ވެސް ގޯލު ޖަހައި، އެ ޓީމަށް ރަނގަޅު ލީޑެއް ހޯދައިދިނެވެ. މި ގޯލުތައް ޖެހީ، ހުސެއިން އިފްހާމް އާއި މާޔިޒް ވަހީދު އެވެ. މެޗުގެ ފަހުކޮޅުގައި، މާއެނބޫދޫން ކުރިއަށްޖެހިގެން ކުޅުނު ވަގުތުގައި އެ ޓީމުން ގޯލެއް ޖެހި އެވެ. މި ލަނޑު ޖެހީ، އަލީ ސުފްޔާން އެވެ. ފަހު ވަގުތު ކުރިއަށް ޖެހިގެން އިތުރު ގޯލެއް ޖަހައި، އެއްވަރުކުރަން މާއެނބޫދޫން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަހުވަދޫގެ އަރީޝް އެވެ. އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ މާއެނބޫދޫ ޓީމުގެ އާމިލް އަލީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ