މިއުނިކް (ޖޫން 5) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލުން 2-1 އިން ޖަރުމަނު ބަލިކޮށް އެ ޓީމު ކަޓުވާލައި، ޕޯޗުގަލް އިން ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ޕޯޗުގަލް އަކީ ޔުއެފާ އިން މުޅިން އަލަށް 2018 ވަަނަ އަހަރު ފެށި ނޭޝަންސް ލީގުގެ ފުރަތަމަ ޗެމްޕިއަނުންނެވެ. އެ ގޮތުން، 2019 ވަނަ އަހަރު އެ މުބާރާތުގެ ފައިނަލުގައި ޕޯޗުގަލް އިން ވަނީ 1-0 އިން ނެދަލެންޑްސް ބަލިކޮށްފަ އެވެ.
މި ފަހަރުގެ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ރޭ ޖަރުމަނުގެ މިއުނިކްގެ އަލިއާންޒް އެރީނާގައި، ޕޯޗުގަލް އިން ޖަރުމަނު ބަލިކުރީ ފަހަތުން އަރަ އެވެ. ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނު މި މެޗުގައި، ފުރަތަމަ ގޯލު ޖަހައި ޖަރުމަނުން ލީޑުނެގި އެވެ އެކަމަކު، އެ ފަހުން ކުޅުން ރަނގަޅުކޮށް، ފަސް މިނިޓް ތެރޭ ދެ ގޯލު ޖަހައި، ޕޯޗުގަލް އިން ނަތީޖާ އަނބުރާލީ އެވެ.
ޖަރުމަނުން މި މެޗުގައި ލީޑުނެގީ، މެޗުގެ 48 ވަނަ މިނިޓްގައި ފްލޯރިއަން ވާޓްޒް ޖެހި ގޯލުންނެވެ. މި ގޯލާ އެކު ޖަރުމަނުން ކުރިހޯދި ނަމަވެސް، އެ ލީޑު ދެމެހެއްޓޭ ވަރުގެ ކުޅުމެއް ދެއްކޭ ގޮތެއްނުވި އެވެ. ޕޯޗުގަލް އިން ވަނީ މެޗުގެ 63 ވަނަ މިނިޓްގައި އެއްވަރުކޮށްފަ އެވެ. މިއީ، ރުބެން ޑިއާޒް ދިން ބޯޅައަކުން، ފްރާންސިސްކޯ ކޮންސެސާއޯ ޖެހި ގޯލެކެވެ.
ނަތީޖާ ހަމަހަމަކުރިތާ ފަސް މިނިޓް ފަހުން، މެޗުގެ 68 ވަނަ މިނިޓްގައި ނޫނޯ މެންޑޭޒް ނަގައިދިން ހުރަހަކަށް އަރައި ރޮނާލްޑޯ ވަނީ ގޯލު ޖަހައި ޕޯޗުގަލް މޮޅުކޮށްދީފަ އެވެ. މިއީ، ގައުމީ ޓީމަށް ކުޅެދިން 220 މެޗުން ރޮނާލްޑޯ ޖެހި 137 ވަނަ ގޯލެވެ. ރޮނާލްޑޯ، 40، އަކީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ.
މި މަހު އަށް ވަނަ ދުވަހު ކުޅޭ ފައިނަލުގައި ޕޯޗުގަލް އިން ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން، ސްޕެއިން ނޫނީ ފްރާންސްއާ އެވެ. ފްރާންސާއި ސްޕެއިން ކުޅޭ ސެމީ ފައިނަލް އޮތީ މިރޭ އެވެ. ސްޕެއިނުން އެންމެ ފަހުގެ ނޭޝަންސް ލީގު ކާމިޔާބުުކުރީ ކްރޮއޭޝިއާ ބަލިކޮށްފަ އެވެ.
ރޮނާލްޑޯގެ ގޯލުން ޖަރުމަނު ކަޓުވާލައި ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް ރޮނާލްޑޯގެ ގޯލުން ޖަރުމަނު ކަޓުވާލައި ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ