ބާރުބޮޑުވުމާ އެކު ޕޯސްޓު އޮފީހުުގެ ވަޒީފާއަށް މީހުން ހޯދަން އިއުލާންކޮށްފި

ބޭރުގެ އޮންލައިން ޕްލެޓްފޯމުތަކުން ގިނަބަޔަކު ވިޔަފާރިކޮށް، ކުއްލިއަކަށް ޕޯސްޓް އޮފީހަށް ބާރުބޮޑުވުމުން ވަޒީފާއަށް މީހުން ހޯދުމަށް އިއުލާންކޮށްފި އެވެ.
ވީ ކިިހިނެއް؟ - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ޕޯސްޓް އޮފީހަށް ބާރުބޮޑުމިވީ، ޗައިނާގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމު، ޓީމޫއިން ގިނަ ބަޔަކު ވިޔަފާރި ކުރަން ފެށުމުންނެވެ. ޓީމޫއިން ރާއްޖެއަށް މުދާ ފޮނުވަން ފެށީ ވަރަށް ފަހުންނެވެ.
ތަފްސީލް - ޓީމޫއިން އޯޑަރު ކުރާ އެއްޗެހި ކުރިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ލިބެ އެވެ. އެހެންވެ، އަގުހެޔޮ ވެފައި މުދާ އަވަހަށް ލިބޭތީ، ކުއްލިއަކަށް ދިވެހިންގެ ގިނަ ބަޔަކު އެ ޕްލެޓްފޯމުން ވިޔަފާރިކުރަން ފެށީ އެވެ. އެކަމަކު އެއާއެކު ޕޯސްޓް އޮފީހަށް ބާރުބޮޑުވެ، މުދާ ކަސްޓަމަރުންނާ ހަމައަށް ލިބުން ވަނީ ވަރަށް ބޮޑަށް ލަސްވެފަ އެވެ. ޕޯސްޓް އޮފީހުގައި މުދާތައް މިހާރު އޮތީ ތޮއްޖެހިފަ އެވެ.
އެއާ އެކު، އާއްމުންގެ ޝަކުވާތައް ގިނަވުމާއެކު ޕޯސްޓުން މިހާރު ވަނީ އެކަމުގައި އެހީތެރިވުމަށް މީހުން ހޯދުމަށް އިއުލާންކޮށްފަ އެވެ.
ގެޒެޓްގައި ކޮށްފައިވާ އިއުލާންތަކަށް ބަލާއިރު:
މިދިޔަ 10 ދުވަހުގެ ތެރޭގައި ދިހަ ވަޒީފާއަށް ވަނީ އިއުލާންކޮށްފައި
އޭގެ ތެރޭގައި ވަގުތީ މުވައްޒަފުން ހިމެނޭ
މީހުން ހޯދަނީ، ޕޯސްޓްމަނުންގެ ވަޒީފާ އާއި ސޭލްސް އޮފިސަރާއި މޭލް ކްލިއާ ކުރުން ފަދަ ވަޒީފާތަކަށް
ޕެކޭޖުތައް ލަސްވެ، މީހުންގެ ޝަކުވާތައް ގިނަވުމުން 'ދައުރު'އާ ވާހަކަ ދައްކަމުން، ޕޯސްޓް އޮފީހުން ބުނި ގޮތުގައި، އެ ތަނުން ދޭ ހިދުމަތުގައި އެއްވެސް މައްސަލައެއް ނޫޅޭނެ އެވެ.
ޕޯސްޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ޓީމޫއިން ފޮނުވާލާ ނޮޓިފިކޭޝަންއާ އެއްވަރަށް ހިދުމަތް ދިނުމަށް އެތަނުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެކަމަކު އެ ނޮޓިފިކޭޝަންއާ، ލިބޭ ހިދުމަތާ ދެމެދު 'ގެޕެއް' އުޅެދާނެ ކަމަށް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި:
ޓީމޫ އާއި އެހެން ޕްލެޓްފޯމުތަކުން ރާއްޖެ އެތެރެ ކުރާ ކޮންމެ އެއްޗެއް ވެސް، ކަސްޓަމަރާ ހަމައަށް ދަނީ، ގިނަ މަރުހަލާތަކެއް ކަޑައްތު ކުރުމަށް ފަހު 
ކަސްޓަމްސްއިން އެ ބެލުމަށް ފަހު ޕޯސްޓު އޮފީހާ ހަމައަށް އައުމުން، އޭގެ މަންޒިލާ ހަމައަށް ފޮނުވާލުމުގެ ކުރިން ގިނަ ކަންތައްތަކެއް ބަލަން ޖެހޭ ކަމަށް ބުނި
ޕެކޭޖް އޮތް ތަން، ޕޯސްޓް އޮފީހުގެ ވެބްސައިޓުން ބަލާލެވޭނެ
ވެބްސައިޓުގައި އިންނަ 'ޓްރެކާ'ގައި ޕެކޭޖްގެ ނަމްބަރު ޖެހުމުން، ޕޯސްޓުގައި އެ އޮތީ ކޮން މަރުހަލާއެއްގައިކަން އެނގޭނެ 
"އަޅުގަނޑުމެން ދޭން ބޭނުންވާ ޔަގީންކަމަކީ ޕެކޭޖު ނުއެއް ގެއްލޭނެކަން. ކޮންމެވެސް ޕްރޮސެސިންއެއްގެ ތެރޭގައި އުޅޭނީ. އެކަން ނިމުމާއެކު ވީ އެންމެ އަވަހަކަށް ރައްދު ކޮށްދޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ