މާފަރަށް ވައިޑް ބޮޑީ މަތިންދާބޯޓެއް ފުރަތަމަ ފަހަރަށް ޖައްސައިފި

ކައިރީގައި ގިނަ ރިސޯޓުތަކެއް އޮންނަ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ފަހަރަށް ވައިޑް ބޮޑީ މަތިންދާބޯޓެއް މިއަދު ޖައްސައިފި އެވެ.
ތަފްސީލު - އަބޫ ދާބީ ފަންޑުގެ އެހީގައި ތަރައްގީކޮށް ޑިސެމްބަރު 2019ގައި ހުޅުވި ފަހުން ގިނަ އަދަދަކަށް މަހުޖަނުންގެ ޖެޓްތައް އަންނަ މާފަރު އެއާޕޯޓަށް ފުރަތަމަ ފަހަރަށް ވައިޑް ބޮޑީ މަތިންދާބޯޓަކަށް ޖެއްސީ ބޮއިން 777ގެ ބޯޓެކެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނިގޮތުގައި އެމިރޭޓްސްގެ އެ ފްލައިޓް ޖެއްސީ އެ އެއާޕޯޓުގެ ސެޓިފިކޭޝަން ޕްރޮސެސްގެ މުހިންމު މަރުހަލާއެއް ފުރިހަމަ ކުރުމަށެވެ. އިތުރު ތަފްސީލެއް މިނިސްޓްރީން ނުދެ އެވެ.
ރާއްޖޭގެ އޭވިއޭޝަން ހަބަރުތައް ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސްއިން ބުނި ގޮތުގައި ވައިޑް ބޮޑީ މަތިންދާބޯޓެއް މާފަރަށް ޖެއްސުމަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ މައި ހަބެއްގެ ގޮތުގައި އެ އެއާޕޯޓުގެ ދައުރު އިތުރަށް ހަރުދަނާކޮށް، އެތަނުގެ ސެޓިފިކޭޝަން މަރުހަލާއަށް މުހިންމު ފިޔަވަޅެކެވެ.
އޭވިއޭޓާސްއިން ބުނި ގޮތުގައި މި މަރުހަލާގެ ތެރެއިން މައިގަނޑު ތިން ކަމަކަށް ބަލާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ރައްކާތެރިކަމާ އެކު ރަންވޭއިން ފުރުމާއި ޖެއްސުން ކަށަވަރު ކުރުމަށް ރަންވޭގެ ކެޕޭސިޓީ ޓެސްޓުކުރުން
 ތެޔޮ އެޅުމާއި ފަސިންޖަރުންގެ ހިދުމަތާއި ކާގޯ އޮޕަރޭޝަންތަކަށް ގްރައުންޑް ހޭންޑްލިން އެސެސްކުރުން
އޭވިއޭޝަން މިންގަނޑުތަކާ އެއްގޮތަށް ނެވިގޭޝަން އަދި އެއާ ޓްރެފިކް ކޮންޓްރޯލް އިވެލުއޭޓްކުރުން 
ފާހަގަކޮށްލެވޭ ކަމެއް - ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)ގެ މެނޭޖްމަންޓުގެ ދަށުގައި އޮތް މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑު ކުރުމަށް ކުރިމަތިލުމަށް މިދިޔަ މަސް ތެރޭ އެ ކުންފުނިން ވަނީ ހުޅުވާލާފަ އެވެ. ބޭރުގެ ކުންފުނިތަކަށް ވެސް ކުރިމަތިލެވޭ ގޮތަށް އޮތް އެ އިއުލާންގެ މުއްދަތު މިދިޔަ މަހު 17އަށް ވަނީ ހަމަވެފަ އެވެ.
 އަދި މީގެ ކުރިން: 
އައިއޭއެސް އިން 2021 ވަނަ އަހަރު ވަނީ މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތަށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައި
އޭގެ ފަހުން 2023 ވަނަ އަހަރު އެ ކުންފުނިން ވަނީ އެއާޕޯޓު ޓާމިނަލް ބޮޑު ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފައި
ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިޒަމްގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވައިދުގެ ދަށުން މާފަރު އެއާޕޯޓު ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަން ވެސް 2023 ވަނަ އަހަރު އިއުލާނު ކުރި
އެއާޕޯޓު ފުުރަތަމަ ހުޅުވީ އެއާބަސް އޭ320 އަދި ބޮއިންގް 737 ޖެއްސޭ ފެންވަރަށް
އޭގެ ފަހުން އެމްޓީސީސީއާ ހަވާލުކޮށްގެން ރަންވޭ ބޮޑުކޮށް ބޮއިން777 ޖެއްސޭ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފިޔަވައި ރާއްޖޭގައި ދެން އެންމެ ގިނައިން ޕްރައިވެޓު ޖެޓު ޖައްސަނީ މަތީ ފަންތީގެ ގިނަ ރިސޯޓުތަކެއް ކައިރީގައި އޮންނަ މާފަރު އެއާޕޯޓަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ