އޮނަސައްތަ އިސްމްފުޅުގައިވާ މިންވަރަށް ﷲ ތަޢާލާގެ ސިފަފުޅުތައް އެނގެންޖެހޭނެ! ޢަމަލުވެސް ކުރަންޖެހޭނެ! ޑރ. ޝައިޚާ ހައިފާ ޔޫނިސް

ﷲ އަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ގިނަ މީހުންގެ ޖަވާބަކީ އެއީ އަހަރެމެން އުފެއްދެވި ފަރާތެވެ. އަދި އެއީ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވާ ފަރާތް ކަމަށްވެސް ބުނާނެއެވެ. ސުވާލަކީ އެެހެން ބުނާއިރު އެކަން ހިތުގެ އަޑިން ޤަބޫލުކުރެވޭ ހެއްޔެވެ؟
އޮނަސައްތަ އިސްމްފުޅުގައި ހިމެނޭ ހުރިހާ ނަންފުޅުތައް އަހަރެމެން ޤަބޫލުކުރަމުއެވެ. ﷲ ތަޢާލާއީ އެއެންމެހައި ސިފަފުޅުތައް ލިބިވޮޑިގެންވާ އިލާހް ކަމަށްވެސް ބުނަމުއެވެ. ސުވާލަކީ އެކަން ޤަބޫލުކުރެވޭ ހެއްޔެވެ؟ 
މިޘާލަކަށް "އައްރައްޒާޤް"- ރިޒުޤް ދެއްވަވާ ރަސްކަލާނގެ ކަމަށް އެބަ ބުނަމުއެވެ. ރިޒުޤަށް ދަތިވުމުން ފުރަތަމަކަމަކަށް ﷲ ތަޢާލާއަށް ދުޢާ ކުރެވޭ ހެއްޔެވެ؟ ހަމަ އެފަދައިން "އައްޝާފީ"- ޝިފާ ދެއްވަވާ އިލާހްކަމަށް އެބަބުނަމުއެވެ. ބަލިވުމުން ފުރަތަމަކަމަކަށް ﷲ ތަޢާލާއަށް ދުޢާ ކުރެވޭ ހެއްޔެވެ؟ ޑޮކްޓަރުން ދޭ ބޭސްކާއިރު ޝިފާ ދެއްވެވުން އެދި ﷲ ތަޢާލާއަށް ދުޢާކުރެވޭ ހެއްޔެވެ؟  
ކޮންމެ ނަންފުޅަކާއި ގުޅުވައިގެން މިފަދަ ސުވާލުތައް ކުރެވިދާނެއެވެ. ޙަޤީޤަތަކީ ދުލުން ބުނެވޭ ބަހާއި ކުރެވޭ ޢަމަލު ދިމާނުވާނަމަ އެއީ މުނާފިޤުންގެ ސިފައެކެވެ. އަހަރެމެންގެ ހިތުން ޤަބޫލުކުރާ ގޮތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ދުލުން ބުނާ ބަސް އައްސަވައިވޮޑިގެންވެއެވެ. އަދި ޢަމަލުކުރާ ގޮތްވެސް ދެކެދެނެވޮޑިގެންވެއެވެ.  
ލޮބުވެތި އުޚުތުންނޭވެ! އަހަރެމެން ހުރިހާ އަންހެނުންވެސް އަދި ފިރިހެނުންވެސް ދުނިޔެއަށް ފޮނުވުނީ ކީއްކުރަންކަން އަހަރެމެންނަށް އެބައެނގެއެވެ. އެއީ ﷲ ތަޢާލާއަށް އަޅުކަންކުރަންކަން އެބަ އެނގެއެވެ. ވީމާ ފުރަތަމަ ކަމަކަށް ކުރަންޖެހޭ ކަމަކީ ﷲ ތަޢާލާ ދެނެ ގަތުމެވެ. ޤަބޫލުކުރުމެވެ.  
ނަމާދަކީ އެންމެ މުހިންމު އަޅުކަމެވެ. އެހެނަސް ނަމާދު ބާވައިލެއްވެވީ މާފަހުންނެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ރަސޫލް ﷺ މީސްތަކުންނަށް ގޮވައިލައްވަމުން ގެންދެވީ ﷲ ތަޢާލާގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަމާއި ﷲ ތަޢާލާގެ ސިފަފުޅުތައް އެންމެ ފުރިހަމަ ގޮތުގައި ޤަބޫލުކުރުމަށެވެ. މިކަމުންވެސް އެނގެނީ އެންމެ ފުރަތަމަ ކަމަކަށް ކުރަންޖެހޭ ކަމަކީ ﷲ ތަޢާލާ ދެނެގަނެ ޤަބޫލުކުރުން ކަމެވެ. ނަމާދުވެސް ކުރެވެން އޮތީ އެއިގެ ފަހުންނެވެ.  
ކޮންމެ މުސްލިމަކަށްވެސް އޮނަސައްތަ އިސްމްފުޅުގައިވާ މިންވަރަށް ﷲ ތަޢާލާގެ ސިފަފުޅުތައް އެނގެންޖެހޭނެއެވެ. ވީމާ މާނަ ދަސްކުރާށެވެ! ޢަމަލުވެސް ކުރަންޖެހޭނެ އެވެ.
 
- ޑރ. ޝައިޚާ ހައިފާ ޔޫނިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ