ނަމާދަށް ސަފުހެދުމުގަ ސަމާލުކަން ދިނުން މުހިންމު ބައެއް ކަންކަން-

ކުރާ ނަމާދު ފުރިހަމަވާނީ އެކަމަށް މަސައްކަތް ކުރެވިގެންނެވެ. ވީމާ ސަފުހަދާއިރު ފުރަތަމަ ކަމަކަށް ސަފުތައް ސީދާކުރަންވާނެއެވެ. ސީދާކުރަންވީ ފައިތިލައިގެ ކުރިއަކުން ނޫނެވެ. ފުންނާބުންނެވެ.
އެމީހަކަށް ދީނުގެ ކަންކަން އެނގޭވަރަކުން އެހެން މީހުންނަށް ބުނެލައިދިނުމަކީ ކޮންމެހެނެވެސް ކުރަންޖެހޭނެ ކަމެކެވެ. އެގޮތުން މިސްކިތުގައި ނަމާދަށް ސަފުހެދުމުގައިވެސް ވީހައިވެސް ބޮޑަށް ސުންނަތާއި އެއްގޮތަށް ޢަމަލުކުރަން މަސައްކަތްކުރަންވާނެއެވެ.
ވަރަށް ގިނަ މިސްކިތްތަކުގައި ޢަރަބިބަހުން ކިޔުމަށްފަހު، ސުންނަތުގައި އޮތް ގޮތް ދިވެހި ބަހުންވެސް ކިޔައިދެއެވެ. ވީމާ މިކަންކަމަކީ އައި ކަންކަމެއް ނޫނެވެ. އެންމެންނަށް އެނގޭ ކަންކަމެވެ. ބައެއް މީހުންނަށް ހަނދާން ނެތެނީއެވެ.
މިޘާލަކަށް ބުނާނަމަ ތިމާ ނަމާދަށް ހުރީ 3 ވަނަ ސަފުގައެވެ. ކުރިމަތީގައި އޮތް ދެވަނަ ސަފުގައި މީހުން ތިބިއިރު ދެ މީހުން ދޭތެރޭގައި ހުސް ތަންތަންކޮޅު ހުއްޓައި ފެނުމުން ކަންބޮޑުވީއެވެ.
އެފަދަ ހާލަތުގައި ގާތްވެލައި ތަނބިކަށިތައް ގުޅައިލުމަށް ބުނެލުމަކީ ހަމަ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެކެވެ. އެހެނީ އެކަން ނުކުރާނަމަ އެ ހަދައިދެވެނީ ޝައިޠާނާ ވަންނާނެ ޖާގަ ކަމަށްވާތީއެވެ. އަދި އެފަދައިން ހުސް ޖާގަ ދޫނުކުރަން ރަސޫލް (ﷺ) ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވަވައިފައެވެ.
ނަމަވެސް ބައަކު ގާތު އެހެން ބުނުމުގެ ކުރިން ފުރަތަމަ ތިމާގެ ފައި ބެހެއްޓިފައި ހުރީ ކިހިނަކުން ކަމާއިމެދު ވިސްނައިލާށެވެ! ހަމަ ބަހައްޓަން ޖެހޭ ގޮތަށްކަން ޔަޤީންކޮށްލާށެވެ. ތިމާގެ ތަނބިކަށި ބެހެއްޓިފައި ހުރީ ރަނގަޅަށްތޯ އާއި ފައިތިލަ ބެހެއްޓިފައިވަނީ ޤިބުލައަށްކަންވެސް އަދި ދެފައިތިލަ ބެހެއްޓިފައިވަނީ ތިމާގެ ދެކޮނޑުގެ ފުޅައުމިނުގައިކަންވެސް ކަށަވަރުކޮށްލާށެވެ!
ދޭ ނަޞޭޙަތުގެ ފައިދާ ފެންނާނީ އެއިރުންނެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ