ބެންޗް ކުޑަކުރުމާ ދެކޮޅު ކުއްލި މައްސަލަ ބަލައެއް ނުގަތް

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށްފި ނަމަ، ނުވަތަ ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށް، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން މަޖިލީހަށް ހުށަހެޅުމަކީ ނުފޫޒު ފޯރުވުން ކަމަށް ބުނެ އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފި އެވެ.ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު މަދުކޮށްލުމަށް ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ބިލެއް މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ.އެ ބިލްގައި ހުށަަހަޅާފައި ވަނީ ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ހަތް ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދުކުރުމަށެވެ.މީކާއީލްގެ ސިޓީގައި ވިދާޅުވެފައި ވަނީ ސުޕްރިމް ކޯޓުގެ ފަނޑިޔާރުންނަށް ބިރުދެއްކުމުގެ ގޮތުންނާއި ނުފޫޒު ފޯރުވުމުގެ ގޮތުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަމުންދާ ކަމަށެވެ.އަދި ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ސަރުކާރުގެ ފަރާތުން އެކި ގޮތްގޮތުން މަސައްކަތްކުރަމުންދާ ކަމުގެ އަޑުތައް ފެތުރެމުންދާއިރު މިހާރު މަޖިލީހަށް ހުށަހަޅާފައި އޮތް ބިލުގައި ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށް، މިހާރު އެ ކޯޓުގައި ތިބި ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކުރުމަށް ހުށަހަޅާފައި އޮތުމުން އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކުރައްވައިފަ އެވެ.އެގޮތުން ގާނޫނުއަސާސީގެ ދަށުން ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތްކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ ސުޕްރިމް ކޯޓުން ބަލަމުންދާ ދަނޑިވަޅެއްގައި އެ ކޯޓު އެކުލެވިގެންވާގޮތަށް ބަދަލު ގެނެސް، އެ ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ކުރެވޭ މަސައްކަތަކީ ނުފޫޒުފޯރުވުން ކަމަށް މީކާއިލް ވަނީ ވިދާޅުވެފަ އެވެ."މި ބިލު މަޖިލީހުން ފާސްވެގެން ގޮސްފިނަމަ، ގާނޫނު އަސާސީން އެކަށައަޅާފައި އޮތް ތިން ބާރު ވަކިވުމުގެ ނިޒާމު ރޫޅި، ގާނޫނު އަސާސީ އެކަށައަޅާފައިވާ އެންމެހާ ހަމަތަކަށް ބުރޫއަރާ، މުޅި ދައުލަތުގެ އެންމެހާ ބާރުތަކެއް ސަރުކާރުގެ އަތްމައްޗަށް ފުރޮޅިގެން ދާނެ،" ކުއްލި މައްސަލާގައިވެ އެވެ.ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ފަނޑިޔާރުންގެ މަސައްކަތަށް ހުރަސް އަޅައި، ސުލޫކީ މައްސަލައެއް ފެންމަތިވުމަކާ ނުލާ ފަނޑިޔާރުން މަގާމުން ވަކިކުރެވޭ ގޮތަށް ފާސްކުރާ ގާނޫނު ވެގެން ދާނީ ގާނޫނުއަސާސީއާ ހިލާފަށް ފާސްކުރެވޭ ގާނޫނަކަށް ކަމަށްވެސް ކުއްލި މައްސަލައިގައިވެ އެވެ.ސައްތާރު ހުށަހެޅުއްވި ބިލްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާނެ ގޮތާއި މުއްދަތު ވެސް ހިމަނާފައިވެ އެވެ. ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާ އަވަސް ކުރަން ވެސް އޭނާގެ ހުށަހެޅުއްވުމުގައި ވެ އެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ސަރުކާރު ހިންގާ ޕާޓީގެ މެންބަރަކު މި ހުށަހެޅުއްވީ އެ ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ސަރުކާރުން އިސްވެ ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ބުނެ އަޑު ފެތުރެމުން ދަނިކޮށެވެ. އަދި މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ވެސް ކުރިއަށް ގެންދާ ދަނޑިވަޅެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ