މީޑިއާ ކައުންސިލަށް މުޒައްޔިން، ލީވާން އަދި ވަޖުދާ ހޮވިއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ހުސްވެފައިވާ ތިން ގޮނޑިއަށް މެންބަރުން އިންތިހާބުކޮށްފި އެވެ.އެމްއެމްސީގެ ބައި އިލެކްޝަން ކުރިއަށް ދިޔައީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައެވެ. މިއަދު ބޭއްވި އިންތިހާބުގައި 53 މީޑިއާއަކުން ވޯޓުލި އެވެ.އެގޮތުން މިއަދު ނެގި ވޯޓުގައި އިންތިޚާބުކޮށްފައި ވަނީ މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނާއި، އާންމުން ތަމްސީލުކުރާ މެންބަރެކެވެ.މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނަށް ހޮވިފައިވަނީ ދައުރު ނޫހުގެ މުހައްމަދު މުޒައްޔިން ނާޒިމާއި، އަދަދު ނޫހުގެ ލީވާން އަލީ ނާސިރެވެ.އަމިއްލަ މެންބަރެއްގެ ގޮތުގައި އިންތިޚާބު ވެފައިވަނީ ހައްވާ ވަޖުދާ ގާސިމެވެ.މުޒައްޔިންއަށް ލިބުނީ 50 މީޑިއާގެ ވޯޓެވެ. ލީވާނަށް ލިބުނީ 48 މީޑިއާގެ ވޯޓެވެ. އެ ދެ ގޮނޑިއަށް ދެން ވާދަކުރި މަރިޔަމް މިލްޒަމް މަސްއޫދަށް ލިބުނީ ހަތަރު މިޑިއާގެ ވޯޓެވެ.މިދިޔަ ޑިސެމްބަރު މަހު އަލަށް އިންތިހާބުކުރި މީޑިއާ ކައުންސިލްގެ ގޮނޑިތަކެއް ހުސްވީ އޭރު އިންތިހާބުވި މެންބަރުންގެ ތެރެއިން ތިން މެންބަރަކު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. މިއަދު ވޯޓުލުން ކުރިއަށް ގެންދިޔައީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވޯޓުލާ ދުވަސް ބަދަލުކުރުމަށްފަހު، ކެންޑިޑޭޓުންނަށް ކުރިމަތިލާން އަލުން ފުރުސަތު ވެސް ދިނުމަށްފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ