"މިރޭ ދެއްވާށޭ" އަންގަވާނެ ކަމަށް ރައީސް ވިދާޅުވި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ނުވަ ދުވަސް ފާއިތުވިއިރު ވެސް ހާމައެއް ނުކުރި "މިރޭ ދެއްވާށޭ" އަންގަވާނެ ކަމަށް ރައީސް ވިދާޅުވި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ނުވަ ދުވަސް ފާއިތުވިއިރު ވެސް ހާމައެއް ނުކު

ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ނޫސްވެރިންނަށް ލިޔުމަކުން ދިނުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް އަންގަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވިތާ ނުވަ ދުވަސް ފާއިތުވިއިރު ވެސް މުވައްޒަފުންގެ މައުލޫމާތު ސަރުކާރުން ހާމައެއް ނުކުރި އެވެ.
މެއި 3، ގައި ފާހަގަ ކުރި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރައީސް މުއިއްޒު ބޭއްވެވި ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ގިނައިން ސުވާލު އަމާޒުވީ ސަރުކާރަށް އެމަނިކުފާނު އައްޔަން ކުރައްވާފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަ ނުކުރާތީ އެވެ.
އޭގެ ތެރެއިން އަދަދު އިން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު އެއް ފަހަރު ވިދާޅުވީ ރައީސް އޮފީހުގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހަމަ އެ ރޭ ހާމަ ކުރައްވާނެ ކަމަށެވެ. ސަރުކާރުގެ ޖުމުލަ ސިޔާސީ މުވައްޒަފުންގެ އަދަދާ ގުޅޭ ގޮތުން ތަކުރާާރުކޮށް ސުވާލު ކުރުމުން ވިދާޅުވީ، އެ އަދަދު ލިޔުމަކުން ހާމަ ކުރަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް އަންގަވާނެ ކަމަށެވެ.
"ފިނޭންސް މިނިސްޓަރަށް ވެސް ދަންނަވާނަން، ފިނޭންސް މިނިސްޓަރު ލިޔުމުން ތިބޭފުޅުންނަށް އެ ޖަވާބު ދެއްވަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ. "މިރޭ ދެއްވެން އޮތިއްޔާ މިރޭ ވެސް ދެއްވާށޭ [ދަންނަވާނަން]."
އޭގެ ކުރިން، ސިޔާސީ މުވައްޒަފުންގެ އަދަދަކީ ކޮބައިތޯ އެހެން ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ، "ތި މައުލޫމާތު ލިބުނުހާ އަވަހަކަށް ހިއްސާކޮށްދޭނަން" ކަމަށެވެ.
ނަމަވެސް ނޫސްވެރިންގެ ބައްދަލުވުން ބޭއްވިތާ މިއަދަށް ނުވަ ދުވަސް ފާއިތުވިއިރު ވެސް، ސަރުކާރުގެ އެއްވެސް އިދާރާއަކުން ސިޔާސީ މުވައްޒަފުންގެ އަދަދު ހާމައެއް ނުކުރެ އެވެ. ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރު ކުރަނީ ކީއްވެގެން ކަން މިހާތަނަށް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ސިޔާސީ މުވައްޒަފުންނަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޅ. ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އައްޔަން ކުރާ މުވައްޒަފުންނެވެ. ސިޔާސީ މުވައްޒަފުން މަގާމުތަކަށް އައްޔަން ކުރަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އެވެ.
އެކަމަކު، ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު "ފާޑަކަށް ހާމަ ކުރައްވައިފަ" އެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރު މުވައްޒަފުންގެ ޖުމުލަ އަދަދަކީ "ގާތްގަނޑަކަށް" 49،000 މީހުން ކަމަށެވެ. އޭގެ ތެރެއިން ސިޔާސީ މީހުންގެ އަދަދަކީ ތިން ޕަސެންޓު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ އެ ހިސާބަށް ބަލާ ނަމަ މި ސަރުކާރުން އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދަކީ 1470 މީހުންނެވެ. އެކަމަކު، ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަ ދެއްކެވި މޭރުމުން އެއީ ސީދާ އަދަދު ކަމެއް ސާފެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ