ޖެނުއަރީ މަހު މީރާއަށް 3.3 ބިލިއަން ރުފިޔާ
މިދިޔަ މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 3.3 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.މި އަދަދަކީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 7.7 ޕަސެންޓް ދަށް އަދަދެއް ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ ފަސް ޕަސެންޓް އިތުރު އަދަދެއް ކަމަށް މީރާ އިން ވަނީ ބުނެފަ އެވެ.މީރާ އިން ބުނީ މިދިޔަ އަހަރުގެ ޖެނުއަރީއާ އަޅާބަލާ އިރު، މި އަހަރުގެ ޖެނުއަރީގައި ލިބުނު އާމްދަނީ މަދުވުމުގެ މައިގަނޑު ސަބަބަކީ، ބޭންކް އިންކަމް ޓެކްހާއި ކުންފުނިތަކާއި ފަރުދުން ނޫން އެހެން ފަރާތްތަކުން ނަގާ އާމްދަނީ ޓެކުހުން ލިބިފައިވާ އާމްދަނީ މަދުވުން ކަމަށެވެ. އަދި ކުންފުނިަތަކާއި ފަރުދުން، ނޫން އެހެން ފަރާތްތަކުގެ އާމްދަނީ ޓެކްސް ނެގުމުގެ ފުރަތަމަ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން، ފެބުރުވަރީ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވުމަކީ ވެސް އާމްދަނީ ދަށްވި ސަބަބެއް ކަމަށް މީރާ އިން ބުންޏެވެ.އަންދާޒާކުރި ވަރަށް ވުރެ ޖެނުއަރީ މަހގެ އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ޓޫރިސްޓުންގެ އަދަދު އިތުރުވެ ޓޫރިޒަމް ދާއިރާއާ ގުޅުންހުރި އާމްދަނީ އިތުރުވުން ހިމެނެ އެވެ.މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. ބަލައިގަތް ޖުމްލަ އާމްދަނީގެ 47.7 ޕަސެންޓް ނުވަތަ 1.59 ބިލިއަން ރުފިޔާއަކީ ޖީއެސްޓީ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ 35.8 ޕަސެންޓް ނުވަތަ 1.19 ބިލިއަން ރުފިޔާ އެވެ.މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 115.39 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 113.49 މިލިއަން ރުފިޔާ ލިބުނެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 108.26 މިލިއަން ރުފިޔާ އަދި ޓޫރިޒްމް ލޭންޑް ރެންޓްގެ ގޮތުގައި 65.11 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.މީރާއަށް މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 125.49 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ