ރޮޒައިނާއަށް އަނިޔާ ދޭން ގޮވާލާ މީހުން ހޯދާ ފިޔަވަޅު އަޅަން ގޮވާލައިފި

އެމްޑީޕީގެ އަންހެންނުންގެ ރޫހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް އިންޒާރުދީ އޭނާއަށް އަނިޔާ ދިނުމަށް ބައެއް މީހުން ގޮވާލަމުންދާ މައްސަލަ ތަހުޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ޕާޓީން ރޭ ގޮވާލައިފިއެވެ. އެމްޑީޕީ ދެފަޅިވެފައިވާއިރު ރޮޒައިނާ ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަޅީގައެވެ. ރޮޒައިނާއަށް އަނިޔާ ދޭން ގޮވާލަމުންދާ މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ތަޤީޤުކުރުމަށް އެ ޕާޓީން ވަނީ ގޮވާލައިފައެވެ. އެމްޑީޕީން ބުނީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އުފެދޭ ޚިޔާލު ތަފާތުވުންތަކުގައި އެކަކު އަނެކަކަށް އިހުތިރާމާއެކު މުއާމަލާތް ކުރުމަށާއި، އެފަދަ ވާދަވެރިކަމުގެ ތެރެއިން އަނެކާ ނުރައްކަލަށް ކުރިމަތިވާގޮތަށް އެއްވެސް ފަރާތަކުން މުއާމަލާތް ނުކުރުމަށް އެދޭ ކަމަށެވެ. އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެހެން މީހަކަށް އަނިޔާވެރިވުމަށް ގޮވާލާ މިންވަރަށް ފުޅާކޮށް އޮތް މިނިވަންކަމެއް ނޫންކަމަށް އެ ޕާޓީން ބުންޏެވެ. އަންހެނުން ސިޔާސީ ހަރަކާތަށް ނެރެ، ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތު ފަހިކޮށްދިނުމަކީ އެމްޑީޕީގެ މައިގަނޑު އަސާސްތަކުގެތެރޭގައި ހިމެނޭކަމެއްކަމަށް އެ ޕާޓީން ބުނެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހަތަރު އަންހެން މެންބަރުންގެ ތެރެއިން އެއް މެންބަރަކަށް އަދި ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސަށް ފާޅުގައި އަނިޔާވެރިވުމަށް ގޮވާލުން އެ ޕާޓީން ވަނީ ކުށްވެރިކޮށްފައެވެ. މިއީ އަންހެނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ. އެމްޑީއަކީ އެއްވެސް މީހަކަށް އަނިޔާވެރިވުމަށް ގޮވާލައި، ޖިނާއި ކުށަކަށް އަރައިގަތުމަށް ހިތްވަރު ދޭނެ ޕާޓީއެއް ނޫންކަން ފާހަގަކޮށް އެ ޕާޓީން ބުނީ ޤާނޫނުއަސާސީން ލިބިފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ބޭނުންކުރަން ވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށް ޤާނޫނީ އިމުގެ ތެރެއިން ކަމަށެވެ. "އަންހެނުން ސިޔާސީ ހަރަކާތަށް ނެރެ، ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތު ފަހިކޮށްދިނުމަކީ މިޕާޓީގެ މައިގަނޑު އަސާސްތަކުގެތެރޭގައި ހިމެނޭކަމެއް. ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެންމެ ހަތަރު އަންހެން މެންބަރުންގެ ތެރެއިން އެއް މެންބަރަކަށް އަދި މިޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސްއަށް ފާޅުގައި އަނިޔާވެރިވުމަށް ގޮވާލުމަކީ މިޕާޓީއިން ހަރުހައަޑުން ކުށްވެރިކުރާކަމެއް. އަދި މިއީ އަންހެނުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް ހުރަސްއެޅިގެން ދާނެކަމެއްކަމަށް ވެސް މިޕާޓީން ދެކެން،" އެމްޑީޕީން ބުންޏެވެ. އެމްޑީޕީ ތެރޭގައި އުފެދިގެން އުޅޭ ބައިބައިވުންތަކުގައި ރައީސް ނަޝީދަށް ތާއީދު ކުރާ މެންބަރުންނާއި ރައީސް ޞާލިހަށް ތާއީދު ކުރާ މެންބަރުންގެ މެދުގައި ކޮންމެ ދުވަހަކުމެ، އަންނަނީ ބަހުގެ ހަމަލާ ބަދަލުކުރަމުންނެވެ. އެފަދަ ދެބަސްވުންތަކުގައި ރައީސް ޞާލިޙުގެ ދިފާއުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއް ބޭފުޅަކީ ރޮޒައިނާއެވެ. އެކަމާ ގުޅިގެން އެމްޑީޕީ ވަޓްސްއެޕް ގްރޫޕްގައްޔާއި މީސްމީޑިއާ މެދުވެރިކޮށް ނަޝީދުގެ ފަޅީގައި ތިއްބެވި އެމަނިކުފާނަށް ވަފާތެރި މަޖިލީސް މެންބަރުންގެ ފާޑުކިޔުންތައް ރޮޒައިނާއަށް އަމާޒުވެއެވެ. ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު ކަމުގައި ހުންނެވުމަށްފަހު، ރޮޒައިނާ އެމްޑީޕީއަށް ސޮއި ކުރެއްވީ، 21 ނޮވެމްބަރު 2013ގައެވެ. ރޮޒައިނާ އެމްޑީޕީއާ ގުޅިވަޑައިގެންނެވި އިރު، އޭނާއާއެކު، އޭނާގެ ފިރިކަލުން އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވެސް އެޕާޓީއާ ގުޅިވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ