ކޮއްޓެފަރު ރިސޯޓުގެ ބާގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ރ.އަތޮޅު ކޮއްޓެފަރު ރިސޯޓުގެ ބާގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ނޮދަން އޭރިއާއަށް ރޭ ދަންވަރު 01:12 ހާއިރު ލިބުމާއެކު ނޮދަން އޭރިއާ ކޮމާންޑްގެ ޅ.ނައިފަރު ފަޔަރ ސްޓޭޝަނުން ވަނީ ހަރަކާތްތެރިވެފައެވެ. މިގޮތުން ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންނަށް ރޭ ދަންވަރު 02:46 ހާއިރު އެ ރިސޯޓަށް ދެވުނުއިރު އެ ރިސޯޓްގެ ފަޔަރ ސްކޮޑުން ވަނީ ރޮވެފައިވާ އަލިފާނުގެ 90 އިންސައްތަ ކޮންޓްރޯލްކޮށްފައެވެ.
އަދި ރިސޯޓްގެ ފަޔަރ ސްކޮޑާއި ޅ.ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ގުޅިގެން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 04:05 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް އަލިފާން ރޯވުމުގެ ސަބަބުން ބާ ހުންނަ އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ