ޙަޤީޤީ ޙާދިސާ: ތަނަވަސް އަންހެނަކާ ގުޅުމުގެ ބޭނުމުގަ އަނބިމީހާ ބުރަ މަސައްކަތްކޮށްގެން ހޯދާ މުސާރަ އަނބިމިހާއަށް ވަގަށް އެއަންހެން މީހާއަށް ހޭދަކުރަމުން ދިއަ ފިރިއެއްގެ ވާހަކަ-

ކައިވެންޏަށްފަހުގައިވެސް ދެމަފިރިންވެސް އައީ މަސައްކަތްކުރަމުންނެވެ. އަޅުގަނޑު 2 ކުންފުންޏަކަށް މަސައްކަތްކޮށްދެމެވެ. އެހެންވެ 2 ކުންފުނިން މުސާރަ ޖަމާކުރަނީ 2 ބޭންކަކަށެވެ. އެއްތަނުން ބީއެމްއެލްއަށް ޖަމާކުރާއިރު އަނެއްތަނުން ޖަމާކުރަނީ އެމްއައިބީއަށެވެ. 
ކައިވެންޏަށް 3 އަހަރުވެފައިވަނިކޮށް އެއްދުވަހަކު ފިރިމީހާގެ ކާޑު ބްލޮކްވެގެން އަޅުގަނޑުގެ ކާޑަށް އެދުނީމާ ބީއެމްއެލްގެ ކާޑު ދިނީމެވެ. ދެން ފަހުން އަތުލާކަށްވެސް ހަނދާނެއް ނެތެވެ. އަތުގައި އޮތްކާޑުން އަޅުގަނޑަށް ފުދޭތީ ފިރިމީހާވީމާ އޭނާގެ އަތުގައި އަނެއްކާޑު އޮތުމަކީ މައްސަލައެއް ކަމަށް ނުދެކި ފަރުވާކުޑަކޮށްލެވުނީއެވެ. 
އެއިގެ 2 މަސްފަހެވެ. މަންމަ ބަލިވެގެން ބެންކޮކަށް ފުރަންޖެހިގެން އެކުއްޖެގެ އަތުގައި ހުރިވަރަކުން މަންމައަށް އެހީވާން ނިންމުމުން އަޅުގަނޑު ޤަޞްދުކުރީ ބީއެމްއެލްގައި ހުރި ފައިސާކޮޅު އެކުގައިދޭށެވެ. އެހެންވެ ކާޑަށް އެދުނީމާ ފިރިމީހާ ބުނީ 3 ދުވަސްކުރިން ކާޑު ގެއްލިފައިވާ ކަމަށާއި ބުނަން ހަނދާންނެތިފައި ހުރެވުނީ ކަމަށެވެ. 
ކާޑު ބްލޮކްކުރަން ވަޤުތުން ގުޅީމެވެ. ގުޅާފައި ބަލާލިއިރު ބްލޮކްކުރުމުގެ ބޭނުމެއް ނެތެވެ. އެކައުންޓުގައި އެންމެ ރުފިޔާއެއްވެސް ނެތެވެ. އެކައުންޓް ހުސްކޮށްލާފައިވަނީ އެކި ދުވަސްމަތިން ބާޒާރުކޮށްގެންނާއި އަންހެނެއްގެ އެކައުންޓަށް ޓްރާންސްފަރވެސް ކޮށްގެންނެވެ. އެކައުންޓުގައި އެއްވެސް ފައިސާއެއް ނެތްތާވެސް މަހަކަށްވުރެ ގިނަވެއްޖެއެވެ. ވީމާ 3 ދުވަސްކުރިން ކާޑުގެއްލުމާއި މިކަންކަމާއި ގުޅުމެއް ނެތްކަން އެބަ އެނގެއެވެ. 
ކޮންމެއަކަސް ފައިސާ ޓްރާންސްފަރކޮށްފައިވާ އަންހެނަކީ ކާކުތޯ ފިރިމީހާ ގާތު އެހުމުން ބުނީ އެއީ ކާޑު ވަގަށް ނަގައިގެން ކޮށްފައިހުރި ކަންކަން ކަމަށާއި ކާޑު ގެއްލުނު ތާރީޚު އޮޅުނީކަމަށެވެ. އަދި އެކަމާއި އަޅައިނުލުމަށާއި ފިރިމީހާ އަތަށް ކާޑުދިންފަހުން އެކައުންޓުން ނަގާފައިވާ ހުރިހާ ފައިސާއެއް އަނބުރާ ޖަމާކޮށްދޭނެ ކަމަށްވެސް ބުންޏެވެ. ނަމަވެސް އެވާހަކަ ޤަބޫލެއް ނުކުރެވުނެވެ. އެއީ އަނބުރާ ޖަމާކޮށްދެވޭނެ މީހަކު އަނބިމީހާގެ އެކައުންޓު ހުސްކޮށްލާނެ ކަމަށް ޤަބޫލުނުކުރެވޭތީއެވެ.
ކޮންމެއަކަސް ފައިސާގެ މައްސަލަ ބޭންކް މެދުވެރިކޮށް ފުލުހުންނަށް ހުށަހެޅީމެވެ. އެއީ ކާޑުވަގަށްނަގައިގެން ކޮށްފައިވާ ކަމެއް ކަމަށް ފިރިމީހާ ބުނާތީއެވެ. ފުލުހުން އެ އަންހެން މިހާ އާއި ބައްދަލުކުރުމުން ބުނީ ފައިސާ ޖަމާކޮށްދިނީ އޭނާގެ ލޯބިވެރިޔާ ކަމަށެވެ. އެލޯބިވެރިޔަކީ އަޅުގަނޑުގެ ފިރިމީހާއެވެ. 
އޭނާ އެހެން ބުނުމުން އެއީ ކާޑު ވަގަށް ނަގައިގެން ކޮށްފައިވާ މުޢާމަލާތެއްކަމަށް ފިރިމީހާ ބުނާކަމަށް ފުލުހުން ބުނީމާ ރުޅިގަދަވެފައި އެ އަންހެންމީހާ ފިރިމީހާއަށް ގުޅިއެވެ. "ފުލުހުން މިދައްކަނީ ރަނގަޅުވާހަކައެއްތަ؟ އަހަރެންގެ އެކައުންޓަށް ފައިސާ ޖަމާކުރަނީ ކަލޭނޫންތަ؟ އަހަރެން ކާކުކެ ކާޑެއްތަ ވަގަށްނެގީ؟ ކޮންމެ ދުވަހަކު އެއްޗެތި ގަނެގެން ތިއަ ގެންނަނީ ކަލޭ ނޫންތަ؟ ބަލަ ތިއައުޅެނީ އަނބިމީހާގެ ކާޑު ވަގަށް ނަގައިގެންދޯ؟ ތިއައީ ބޮޑު ވަގެއްނު؟ ތިއަ ވަރުގެ ބޮޑު ވަގެއް ދެން އަހަރެން ހޯދަން ނުގުޅާތި؟" 
ޙަޤީޤަތް އެނގުނީއެވެ. ބާރަށް ގެއަށް ގޮސް ހެދުންކޮޅު ހިފައިގެން ގެއިން ނުކުމެގެން ދިއައީއެވެ. ނޯޓެއް ބޭއްވީމެވެ. "އަނބިމީހާ ގެއްލުނީ އިނގޭ! ކޯޓުން ފެންނާނަން!" 
އެރޭ ފިރިމީހާ އަޅުގަނޑު ހޯދަން ގެއަށް އައެވެ. ނުވައްދަމެވެ. ފޯނެއްވެސް ނުނަގަމެވެ. އެއީ އިތުރަށް ދައްކާނެ ވާހަކައެއް ނެތީމައެވެ. އަނބިމީހާ ލައްވައި ގޭގެ މަސައްކަތްކުރުވަމުން އަނބިމީހާ ވަޒީފާއަދާކޮށްގެން ހޯދާ މުސާރަކޮޅު ހިލޭ އަންހެނުންނަށް ޚަރަދުކޮށްލި ފިރިއަކާއި ވާހަކަދައްކައިގެން ޙައްލުކުރެވޭނެ އެއްވެސް ކަމެއް އޮންނާނެ ކަމަށް ޤަބޫލުނުކުރެވޭތީއެވެ. 
އަދި އެނގޭ ހެއްޔެވެ؟ ފިރިމީހާ އަޅުގަނޑުގެ ފައިސާ ޚަރަދުމިކުރީ ފަޤީރު އަންހަނަކަށްވެސް ނޫނެވެ. ތަނަވަސް އަންހެނަކަށެވެ. ފިރިމީހާގެ ތަނަވަސްކަން ދައްކައިގެން އަންހެންމީހާގެ ތަނަވަސްކަމުގެ ތެރެއަށް ވަދެގަންނަންވެގެންނެވެ. ކޮންމެހެން އޭނާ ފިރިމީހާގެ ކިބައިން ކަމަކަށް އެދިގެނެއްވެސް ނޫނެވެ. 
ފިރިމީހާގެ މަކަރުވެރިކަން އެނގުމުން އޭނާވެސް ފިރިމީހާ އާއި ގުޅުން ކަނޑައިލީއެވެ. އަޅުގަނޑުވެސް އޭނާ ދޫކޮށްލާފައި ގެއަށް އައީއެވެ. ފަހުން އެނގުނު ގޮތުގައި އެއަންހެން މީހާއަށް ފިރިމީހާގެ ތަނަވަސްކަން ދައްކަން ޚަރަދުކުރަމުން ގޮސް ބޭންކުން އޮތީ އޭނާގެ ގެ މޯގޭޖްކޮށްފައި 3 މިލިއަން ރުފިޔާގެ ލޯނެއްވެސް ނަގައިފައެވެ. އެއީ އަޅުގަނޑު ވަރިކޮށްލާފައި އޭނާ އާއި ކައިވެނިކުރުމުން ލިބެން އޮތް ބޮޑު ތަނަވަސްކަމުގެ ދަހިވެތިކަމުގައި ކޮށްފައިވާ ކަންކަމެވެ. 
ފިރިމިހާއަށް ފަހުން ވީގޮތެއް އަޅުގަނޑަކަށް ނުއެނގެއެވެ. އަޅުގަނޑަށް ދިމާވީ ވަރަށް ނަޞީބު ރަނގަޅުކޮށެވެ. ފިރިމީހާގެ ޑްރާމާ އެއަންހެންމީހާއަށް އެނގުމުން ފިރިމީހާ އަޅުގަނޑުގެ ކާޑުން އޭނާއަށް ކުރި ޚަރަދު އަޅުގަނޑަށް އަނބުރާ ދިނެވެ. ބުނީ ދުވަހަކުވެސް ކަމަކު ނުއެދޭ ކަމަށާއި ނަމަވެސް އަމިއްލައަށް ކަންކަން ކުރަނީ ކަމަށެވެ. ފައިސާ ޓްރާންސްފަރކުރީ 2 ފަހަރު ކަމަށާއި އެކަންކުރީވެސް އަމިއްލައަށް ކަމަށެވެ. 
އަޅުގަނޑަށް ޤަބޫލުކުރެވެނީ ފިރިމީހާއަށާއި އެބާވަތަށް އުޅޭ ފިރިހެނުންނަށް މިވާހަކައިން ޢިބްރަތެއް ޙާޞިލުކުރެވޭނެ ކަމަށެވެ. އަޅުގަނޑު ދެކޭ ގޮތުގައި އެބާވަތުގެ ފިރިން އެކުރާ ކަމަކީ އެމީހުންގެ ބަނޑު ބޮޑުކުރަން އަނބިން ކަތިލައި ލޭބޮނީއެވެ. ތަނަވަސް އަންހެނަކު ހޯދަން ބޭނުންވީމާ ބުރަ މަސައްކަތްކޮށްގެން އަނބިމީހާ ހޯދާފައި ހުންނަ ފައިސާކޮޅު ވަގަށް ނެގުމަކީ އަނބިމީހާގެ ދިރިއުޅުން ކަތިލުން ނޫން ކަމަކަށް ނުވާނެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް ކަނބަލުންނަށް ބުނެލަން އޮތީ ފިރިއަކަށްވީނަމަވެސް ނަމަނަމަ ކޭޝް ކާޑާއި ބޭންކުގެ ތަފްޞީލް ނުދޭށެވެ. ދުނިޔޭގައި ހުންނާނީ އަޅުގަނޑުގެ ފިރިމީހާ ފަދަ މަކަރުވެރި އެންމެ ފިރިހެނަކު ނޫނެވެ. ބައިވަރު ފިރިހެނުން ތިބޭނެއެވެ.
 
- ވަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ