ޞަމަދު ވީތަން ހޯދާ، އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިދިކޮޅުން ގޮވާލައިފި

ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް ޢަބްދުއްޞަމަދު ވީތަނެއް ހޯއްދަވައިދެއްވާ، އޭނާގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާ އަދި ޢާއިލާއަށް މިވަގުތު ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސަރުކާރަށް ގޮވާލައިފި އެވެ.
އެ ކަމާއި ގުޅޭގޮތުން އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް، ޢަބްދުއްޞަމަދު ބޭސް ފަރުވާއަށް ޢާއިލާއާއެކު އިންޑިއާގެ ބެންގަލޫރަށް ދަތުރު ކުރައްވާ، ބެންގަލޫރުގައި ހުންނަވަނިކޮށް އިއްޔެގެ ވަގުތެއްގައި ވީނުވީއެއް ނޭނގި އިންޑިއާގެ އިމިގްރެޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ޢަބްދުއްޞަމަދުގެ އެއްވެސް ޚަބަރެއް ޢާއިލާގެ އިތުރުން އެ ޕާޓީއަށްވެސް ލިބިފައި ނުވާކަމަށެވެ. 
އިއްޔެގެ ވަގުތެއްގައި ޢަބްދުއްޞަމަދު ފޭސްބުކް އަށް ދޫކޮށްލައްވާފައިވާ ވީޑިއޯއަކުން އެނގޭ ގޮތުގައި ޕާސްޕޯޓް މައްސަލައެއް އުޅޭކަމަށް ބުނެ އިންޑިއާގެ އިމިގްރޭޝަނަށް ހާޒިރު ކުރިކަން އެނގެން އޮތްކަމަށާއި، އިންޑިއާއިން މިއަދުގެ މެންދުރު މާލެ އަންނަ ފްލައިޓަކުން މާލެ ފޮނުވާލާކަމަށް ޢަބްދުއްޞަމަދުގެ ގާތް ރަޙުމަތްތެރިންގެ ފަރާތުން މަޢުލޫމާތު ލިބުނުކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
Advertisement
އެހެން ނަމަވެސް މިއަދުގެ އެއްވެސް ފްލައިޓަކުން މާލެ ގެނެވިފައެއް ނުވާއިރު ޢަބްދުއްޞަމަދު ވީނުވީއެއް ނޭނގި ގެއްލުމާގުޅިގެން އެ ކޯލިޝަންގެ ފަރާތުން ފޮރިން މިނިސްޓްރީއަށާއި، ޖެންޑަރ މިނިސްޓްރީއަށާއި ހިއުމަން ރައިޓްސްކޮމިޝަނަށް ސިޓީ ފޮނުވާފައިކަންވެސް އިިދިކޮޅުން ވަނީ ހާމަކޮށްފައެވެ. 
ޢަބްދުއްޞަމަދު އާއި ބެހޭ މަޢުލޫމާތު އިންޑިއާ ސަރުކާރާއި ގުޅިގެން ހޯއްދަވައިދެއްވައި ޞަމަދާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވީ އެންމެ އަވަހަކަށް އެ ޕާޓީއާއި ޙިއްސާކޮށްދެއްވުމަށް އެދިފައިވާނެކަމަށް އިދިކޮޅުގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. 
އިދިކޮޅުން ބުނީ ޢަބްދުއްޞަމަދު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދަރިފުޅު ބަލިވެގެން ހޮސްޕިޓަލަށް ދެއްކުމަށްޓަކައި ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލްގައި ހުއްޓާކަމަށް ޢާއިލާއިން ބުނާކަމަށެވެ. އަދި އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ވީނުވީއެއް ނޭނގިފައިވާއިރު، އަނބިކަބަލުންނާއި ދަރިފުޅަށްވަނީ ކުއްލި ސިހުމާއި ބިރުވެރިކަމާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ. 
އެ ކޯލިޝަނުން ވަނީ ސަމަދު ހައްޔަރު ކުރީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާ އެ ކޯލިޝަނުން ކުރިއަށް ގެންދާ އިޖްތިޖާޖުގައި އަޑުއުފުލަމުންދާ އެކި އެކި ފަރާތްތަކަށް އަމާޒުކޮށް އިންޑިއާ ސަރުކާރުން ހިންގާފައިވާ ލާއިންސާނީ ޢަމަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި އެ ހާދިސާއިން ދިވެހި ރާއްޖެއާއި ދިވެހި ރައްޔިތުން މިއަދު މިތިބީ އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައިކަން ވަރަށް ބޮޑަށް ސާފުވާކަމަށް އިދިކޮޅުން ބުނެފައިވެއެވެ.
އެކަން ފާހަގަކޮށް އިދިކޮޅުން ބުނީ ސަމަދު ހައްޔަރު ކުރުން އެ ކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި މިހާރުން މިހާރަށް ޢަބްދުއްޞަމަދު ދޫކޮށްލުމަށް އިދިކޮޅުން ވަނީ އިންޑިއާ ސަރުކާރަށް ގޮވާލާފަ އެވެ. 
ހަމަ އެއާއެކު ޢަބްދުއްސަމަދު ވީތަނެއް ހޯއްދަވައިދެއްވުމަށާއި، އޭނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، އޭނާއާއި ބެހޭ މައުލޫމާތު ޢާއިލާއަށް ޙިއްސާ ކޮށްދިނުމަށާއި، މިވަގުތު އިންޑިއާގައި މަގުމަތިވެފައިވާ އޭނާގެ ޢާއިލާއަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ދިވެހި ސަރުކާރަށްވެސް ގޮވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ