ރިޔާސީ އިންތިޚާބުގައި ސަރުކާރުން ބަހާ ފައިސާ ނެގިޔަސް ވޯޓު ނުދޭތި: މެމްބަރު ހުސެއިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ދިމާކޮށް ސަރުކާރުން ރައްޔިތުންެ ވޯޓު ގަތުމަށް ފައިސާ ބަހާނެކަމަށާއި، އެ ފައިސާ ނެންގެވި ނަމަވެސް ރައްޔިތުންގެ ވޯޓު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމަށް ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދައިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) ވިދާޅުވެއްޖެ އެވެ. 
ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަވަމުން ސެމްބެ ވިދާޅުވީ ރިޔާސީ އިންތިޚާބާއި ދިމާކޮށް ރައްޔިތުންގެ ވޯޓު ގަތުމަށް މިހާރު މި އޮތް ކޯލިޝަން ސަރުކާރުން ގެތަކަށް ދާނެކަމަށެވެ. އަދި ބޮޑެތި އަދަދުތައް ރައްޔިތުންނަށް ހުށައަޅާނެކަމަ ށެވެ. 
އެ ފައިސާ އަކީ މި ވެރިކަމުގައި ރައްޔިތުންގެ އަތުން ދައުލަތަށް އަތުލި ފައިސާ ކަމަށާއި، ފައިސާ ނެގިޔަސް އެމީހުންނަށް ވޯޓު ނުދިނުމަށް ސެމްބެ ވަނީ ގޮވާލައްވާފައެވެ. އަދި މި ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ވޯޓު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށް ދެއްވުމަށްވެސް ސެމްބެ ގޮވާލެއްވި އެވެ. 
Advertisement
"ފައިސާތަކަށް ދިވެހި ރައްޔިތުންނެއް ނުގުޑާނެ. އެހެން ބަހާ ފައިސާ ތަކަކީ ތިޔަ ރައްޔިތުންގެ ފައިސާ. ފައިސާ ދީފިއްޔާ ނަގާތި. ނަގާފަ ރައީސް ޔާމީންއަށް ތިޔަ ރައްޔިތުންގެ ވޯޓު ދެއްވާ"
މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު
ސެމްބެ ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެކަމުގެ ފުރިހަަމަ ޔަގީންކަން އޮތްކަމަށެވެ. އަދި އެމަނިކުފާނު އަނބުރާ ވެރިކަމަށް ވަޑައިގެން ތަރައްގީގެ އާ ސަފްހާއެއް ފައްޓަވާނެކަމަށް ސެމްބެ ވަނީ ވިދާޅުވެފައެވެ. 
ވ އާރަށުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. 
އެހެން ނަމަވެސް އެއީ ސިޔާސީ ނުފޫޒު ފޯރުވައިގެން އިއްވާފައިވާ "ހަރާން ހުކުމެއް" ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. އަދި އެ މައްސަލަ މަތީ ކޯޓުގައި އިސްތިއުނާފު ކޮށް ރައީސް ޔާމީން ކާމިޔާބު ކުރައްވާނެކަމުގެ ޔަގީންކަން އޮތްކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. 
އެއާއެކު އެމަނިކުފާނަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން މި މަހުގެ 6 އިން 10 އަށް އިދިކޮޅުން ނ. އަތޮޅަށް ދިއުމަށްވެސް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ