ދުނިޔެއަށް ފޮނުއްވެވުނު އެންމެ މާތް، އެންމެ އިތުރުކަންބޮޑު އިންސާނާއަށް ޙާޞިލުނުކުރެއްވެވުނު ކަމެއް ޙާޞިލުކުރަން ބޭނުންވުމަކީ މޮޔަކަމެއް!: ޝެއިޚް މުޙައްމަދު ބާޖޫރު

ޢާއިޝަތު ރަފާޙް ޢަލީ
 
މިއަދުގެ ޙިކުމަތަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ދަތިތަކާ ކުރިމަތިލާންޖެހޭ މައްސަލައެކެވެ.  
"މީސްތަކުންގެ ރުހުމަކީ ޙާޞިލުކުރަން ނުކުޅެދޭނެ ލަނޑުދަނޑދަނޑިއެކެވެ. އަދި ﷲގެ ރުހުމަކީ އިހުމާލުކޮށްލެވޭނެ ލަނޑުދަނޑިއެއް ނޫނެވެ. 
އެހެންކަމުން، ޙާޞިލުކުރަން ނުކުޅެދޭނެ ކަންތައް ދޫކޮށްލައި، އިހުމާލުކޮށްނެލެވޭނެ ކަންތަކަށް ސަމާލުކަން ދޭށެވެ. އެހެނީ އަޅުގަނޑުމެންނަށް ޙާޞިލުނުކުރެވޭނެ ކަމަށް ޤަބޫލުކުރެވޭ ހުރިހާ ކަމެއްގެ ވެރިފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ."
މިއީ ފުންކޮށް ވިސްނަންޖެހޭ ޙިކުމަތްތެރި ބަސްފުޅެކެވެ. އިން ޝާ ﷲ ތަޢާލާ. އަޅުގަނޑު މިކަން ތަފްސީލުކޮށްދޭނަމެވެ. 
އަޅުގަނޑުމެންގެ ދިރިއުޅުމުގައި ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ އެންމެ މުހިންމު ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ އަޅުގަނޑުމެން ޢަމަލުތައް ބިނާކުރުމުގައި މީސްތަކުންގެ ރުހުމަށް އިސްކަން ނުދިނުމެވެ.
އަޅުގަނޑުމެން ހިތް ބައިކޮށް، އެއްފަރާތުން މީސްތަކުން އުފާވެރިކުރަން މަސައްކަތްކޮށް، އަނެއްފަރާތުން ﷲ އުފާވެރިކުރަން މަސައްކަތްކުރާނަމަ، އަޅުގަނޑުމެން ހަމަގައިމުވެސް ދަތިތަކާ ކުރިމަތިލާންޖެހޭނެއެވެ. މި ބަސްފުޅުގެ ޙަޤީޤީ މާނައަކީ ހުރިހާ މީހުންގެ ރުހުން ހޯދުމަށް، އެންމެން ތިބާއާމެދު އުފަލުގައި ތިބުމަށް، އެންމެން ތިބާއަށް ލޯބިވުމަށް، އަދި އެންމެން ތިބާއަށް ތަޢުރީފުކުރުމަށް މަސައްކަތްކުރުމަކީ ޙާޞިލުކުރެވޭނެ ލަނޑުދަނޑިއެއް ނޫނެވެ. 
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އިންސާނުންގެ ތެރެއިން އެންމެ މާތް، އެންމެ ދީލަތި އަދި އެންމެ ރަޙުމަތްތެރި އިންސާނާކަމަށް ވެވަޑައިގެންނެވި ނަމަވެސް، ގިނަ ބަޔަކު އެކަލޭގެފާނާ ދެކޮޅުހަދައި އެކަލޭގެފާނާ ދެކޮޅަށް ދޮގު ވާހަކަތައް ފަތުރައި އެކަލޭގެފާނާމެދު ނުބައި ވާހަކަތައް ދެއްކިއެވެ، ސުބުޙާނަﷲ. 
އެހެންކަމުން، އެންމެންގެ ކިބައިން ލޯބިވުމާއި ތަޢުރީފު ހޯދުމަކީ އަޅުގަނޑުމެންގެ މައިގަނޑު ލަނޑުދަނޑިއަކަށް ވެގެން ނުވާނެއެވެ. އަޅުގަނޑުމެންގެ އެންމެ މުހިންމު ލަނޑުދަނޑިއަކަށް ވާންޖެހޭނީ ﷲ ތަޢާލާގެ ރުހުން ހޯދުމެވެ. އަޅުގަނޑުމެން ﷲގެ ރުހުމަށް އެދި މަސައްކަތްކުރާނަމަ، އެއީ އިހުމާލުކޮށްލެވޭނެ ކަމެއް ނޫނެވެ. 
ﷲ ތަޢާލާގެ ރުހުން ހޯދުމަކީ އަޅުގަނޑުމެންނަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެހެނީ އެއީ އަޅުގަނޑުމެންގެ ދުނިޔެވީ އަދި އުޚްރަވީ ކާމިޔާބީގެ މަގެވެ. މީސްތަކުންގެ ރުހުން ހޯދަން މަސައްކަތްކުރުމުގައި އަޅުގަނޑުމެން ވަރުބަލިވެ، ހިތްދަތިވެ، ކެތްމަދުވެ، ހިތާމަވެރިވެ، އަދި ބައެއްފަހަރު ﷲގެ ޙައްޤުތަކަށް އިހުމާލުވެވެއެވެ.
ބައެއް މީހުން ﷲގެ ޙައްޤުތަކަށްވުރެ މީސްތަކުންގެ ރުހުމަށް އިސްކަންދީ، ﷲގެ ޙުކުމްތަކާ ޚިލާފުވެ، ﷲއަށް ކިޔަމަންތެރިވުމަށްވުރެ މީސްތަކުންނަށް ކިޔަމަންތެރިވުމަށް އިސްކަންދެއެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. 
އަޅުގަނޑުމެން ހަނދާންކުރަންޖެހޭ މުހިންމު ޙަޤީޤަތަކީ މީސްތަކުންގެ ރުހުން ހޯދުމަކީ ޙާޞިލުކުރަން ނުކުޅެދޭނެ ލަނޑުދަނޑިއެކެވެ. ތިބާ ކިތަންމެ ރަނގަޅަށް ޢަމަލުކުރިޔަސް، ކިތަންމެ ހެޔޮކޮށް އުޅުނަސް، ހުރިހާ މީހުން ތިބާއާމެދު ހިތްހަމަޖެހިގެން ނުދާނެއެވެ. އެއީ އިންސާނީ ޠަބީޢަތެވެ. 
ﷲ ތަޢާލާ އަޅުގަނޑުމެންނަށް މި ޙިކުމަތްތެރި ނަސޭހަތުން މަންފާކުރައްވާށިއެވެ. އަޅުގަނޑުމެން އެންމެން ﷲގެ ރުހުން ހޯދުމަށް އިސްކަންދީ، މީސްތަކުންގެ ރުހުމަށް އެދިގެން ނުއުޅުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން.
 
                   
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ