ރ. ދުވާފަރު ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައި، އެރަށު މަގުހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ރަސްމީކޮށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މި ކަމަށް ބޭއްވު ރަސްމިއްޔާތުތައް ބާއްވާފައިވަނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ދުވާފަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
މީގެ އިތުރުން، ދުވާފަރު މަގުހެދުމުގެ ތިންވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކުރުންވެސް ވަނީ މިއަދު ކުރިއަށް ގެންގޮސްފައެވެ. މި އެއްބަސްވުމުގައި ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވެސް ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ(ރޓ) އަހުމަދު ސައުދީއެވެ.
މަގުހެދުމުގެ މި ބިޔަ މަޝްރޫޢުގެ ދަށުން ޖުމުލަ 16.65 ކިލޯމީޓަރުގެ 75 މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތަކުގެ ތެރޭގައި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސަރވިސް ލައިން އެޅުމާއި، ޤުދުރަތީ ގޮތުން ފެން ހިނދޭ ނިޒާމެއް ހަރުކުރުމާއި، ޕޭވްމަންޓެއް ހެދުމާއި، ދުއްވާ ސަރަހައްދެއް ޤާއިމު ކުރުން ހިމެނެއެވެ. އަދި މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެއެވެ.
މި މަޝްރޫޢުތައް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 312.66 މިލިއަން ރުފިޔާއަށެވެ. އަދި މި މަސައްކަތްތައް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 810 ދުވަހެވެ.
5,047 މީހުންގެ އާބާދީއެއް އޮންނަ ދުވާފަރަކީ މިހާރުވެސް ޒަމާނީ ފެންވަރަށް ގިނަ މަގުތަކެއް ހެދިފައިވާ ރަށެކެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ދުވާފަރު ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް ފަށައި މަގުހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ