ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެބިޓު ކާޑު ބޭނުންކޮށްގެން ބޭރު ގައުމުތަކުގައި ވިޔަފާރި ކުރެވޭ އަދަދު އިތުރުކޮށް އެ ބޭންކުގެ ޕީއޯއެސް މެޝިންތައް ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކުން ނަގާ މާޗަންޓު ފީ ކުޑަކޮށްފި އެވެ.
ބީއެމްއެލް އިން ޕީއޯއެސް މެޝިން ބޭނުންކުރަން ފެށީއްސުރެ މާޗަންޓު ފީ ހިފެހެއްޓިފައި ހުރީ 2.5 ޕަސެންޓުގަ އެވެ. އެ އަދަދު މާދަމާއިން ފެށިގެން އެއް ޕަސެންޓަށް ދަށްކުރަން ނިންމާފައިވާ ކަމަށް ބޭންކުން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.
މިއީ އެ ބޭންކުގެ 43 ވަނަ އަހަރީ ދުވަހާއި ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށް އެޅި ފިޔަވަޅެއް ކަމަށް ބީއެމްއެލް އިން ބުނެ އެވެ. މިކަމުގެ ސަބަބުން ބީއެމްއެލްގެ ޕީއޯއެސް މެޝިންގެ ހިދުމަތް ހޯދާ 7،000 އެެއްހާ ވިޔަފާރިތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވެސް އެ ބޭންކުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، ވިޔަފާރިތަކަށް އިތުރަށް ލުއިކޮށްދިނުމަށް އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ފެސިލިޓީ އެއް ތައާރަފުކުރުމަށް ވެސް ބީއެމްއެލް އިން ވަނީ ނިންމާފަ އެވެ. ރަހުނަކާއި ނުލާ ދޫކުރާ މި އެޑްވާންސް ފެސިލިޓީގެ ދަށުން ފާއިތުވެދިޔަ ހަ މަސްދުވަހުގެ މުއާމަލާތްތަކަށް ބަލައި ދެ މިލިއަނާއި ހަމައަށް ފައިސާ ލިބޭނެ ކަމަށްވެ އެވެ.
މީގެ އިތުރުން، މާދަމާއިން ފެށިގެން ބޭރު ގައުމުތަކުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ވިޔަފާރި ކުރެވޭ އަދަދު 1،000 ޑޮލަރަށް، އަދި އެއާލައިން ޓިކެޓާއި ހޮޓާތަކަށް ލާރި ދެއްކުމާށް ކާޑުން ދެއްކޭ އަދަދު 3,000 ޑޮލަރަށް އިތުރުކުރަން ވެސް ބީއެމްއެލް އިން ވަނީ ނިންމާފަ އެވެ.
ބޭންކުގެ އަހަރީ ދުވަހު މިކަން ކުރަން ނިންމާފައިވާކަން ސެޕްޓެމްބަރު 22، ގައި ފުރަތަމަ އިއުލާނުކުރެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
ބީއެމްއެލް ގެ ރުފިޔާ ޑެބިޓު ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ނެގޭ ޑޮލަރުގެ ލިމިޓު ޖޫން 30، ގައި ވަނީ ކުޑަކޮށްފަ އެވެ. ހަމަ އެ ދުވަހު ރުފިޔާ ޑެބިޓު ކާޑުތަކުން ކުރާ ބޭރު މުއާމަލާތްތަކުގެ ލިމިޓު އަންނަ މަހުން ފެށިގެން 500 ޑޮލަރަށް ބޮޑުކުރި އެވެ.
ޑޮލަރު ލިމިޓު 500 އަށް ބޮޑުކުރަން ބޭންކުން ނިންމީ ބައެއް މީހުން ވިޔަފާރިކުރަން މުދާ ގެންނަން ބީއެމްއެލް ޑެބިޓު ކާޑުތަކުން ފައިސާ ދެއްކުން ހުއްޓުވަން ކަމަށް ބުނެ، ދިވެހިންގެ ތެރޭގައި ވިޔަފާރިކުރަން މަގުބޫލު ބައެއް ސައިޓުތަކަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު 30 ޕަސެންޓުގެ ފީއެއް ނަގަން ނިންމުމާއެކު ކުރިމަތިވި ފާޑުކިޔުންތަކާއެކު އެވެ.
ބީއެމްއެލް ޑެބިޓު ކާޑުގެ ޑޮލަރު ލިމިޓު މަތިކޮށް، ކާޑު މެޝިނުން ނަގާ މާޗަންޓު ފީ ކުޑަކޮށްފި ބީއެމްއެލް ޑެބިޓު ކާޑުގެ ޑޮލަރު ލިމިޓު މަތިކޮށް، ކާޑު މެޝިނުން ނަގާ މާޗަންޓު ފީ ކުޑަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ