ބ.ގޮއިދޫ ކައުންސިލުން ފަތުރުވެރިކަމަށް ބިން ދިނީ މާލީ ގާބިލްކަމަށް ނުބަލައި: އޮޑިޓް

ބ.ގޮއިދޫ ކައުންސިލުން 2023 ވަނަ އަހަރު ފަތުރުވެރިކަމަށް ބިންތައް ދޫކުރުމުގައި މާލީ ގާބިލްކަމަށް ރިޔާއަތްކޮށްފައި ނުވާކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.
އޮޑިތަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ގޮއިދޫ ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ވަނީ ކައުންސިލް އިދާރާގެ މާލީ ގިނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ މާލީ ގާބިލްކަމަށް ނުބަލައި ފަތުރުވެރިކަމަށް ބިން ދޫކުރުމާއި، ކުއްޔަށް ދޫކުރި ބިންތަކުން ލިބެންޖެހޭ ފައިސާ ހޯދާފައިނުވާ މައްސަލައެވެ.
މާލީ ގާބިލްކަމަށް ނުބަލައި ބިންތައް ދޫކުރި މައްސަލާގައޮ އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ތިން ބިމެއް އެގޮތަށް ދޫކޮށްފައިވާކަމަށެވެ. ކައުންސިލް އިދާރާއިން 2023 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 14 ވަނަ ދުވަހު ފަތުރުވެރިކަމުގެ ބޭނުމަށް 11 ބިމެއް ކުއްޔަށްދޫކުރުމަށް އިއުލާނުކޮށް އަމިއްލަ 5 ކުންފުންޏަށާއި 6 ފަރުދަކަށް ވަނީ ބިން ދޫކޮށްފައެވެ. އެގޮތުން ގެސްޓްހައުސް ތަރައްޤީކުރުމަށް 5،000 އަކަފޫޓުގެ 5 ބިމާއި 10،000 އަކަފޫޓުގެ 5 ބިމެއް 50 އަހަރަށް ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން ވިލާ ނުވަތަ ސަރވިސް ރެސިޑެންސް ތަރައްޤީކުރުމަށް ވަނީ 200،000 އަކަފޫޓުގެ ބިމެއް 99 އަހަރަށް ކުއްޔަށްދޫކޮށްފައެވެ. 
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ބިން ކުއްޔަށް ހިފުމަށް ޕްރޮޕޯސަލްތައް ހުށަހެޅިއިރު އެއާ އެއްގޮތަށް ބިން ތަރައްޤީކުރެވޭނެކަން ވަޒަންކޮށްފައި ނުވާކަމަށެވެ. ޕްރޮޕޯސަލް ވަޒަންކުރުމުގައި ބަލާފައިވަނީ ހަމައެކަނި ބަލާފައިވަނީ ކުލީގެ އަދަދަށާއި، ތަރައްޤީކުރާ ކޮޓަރީގެ އަދަދަށާއި، ތަރައްޤީކޮށް ނިންމާ މުއްދަތާއި ސީއެސްއާރުގެ ދަށުން ދިނުމަށް ހުށަހަޅާފައިވާ އަދަދަށެވެ. 
ކުއްޔަށް ދޫކުރި ބިންތަކުން ފައިސާ ނުލިބޭ މައްސަލާގައި އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ބުނެފައިވަނީ، ބިންތަކުން ކުލީގެ ގޮތުގައި 346،032 ރުފިޔާ ނުލިބި  އެބައޮތްކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ފަތުރުވެރިކަމަށް ދޫކުރި 2 ބިމަކުން ލިބެންޖެހޭ 283،500 ރުފިޔާ، ވިޔަފާރި އުސޫލުން ދޫކުރި 2 ބިމަކުން ލިބެންޖެހޭ 29،453 ރުފިޔާގެ އިތުރުން ދޯނިއެހެލާ ސަރަހައްދުގައި ހުރި ކަރަންޓް ބޭނުންކުރާ ފަރާތްތަކުން ދައްކަންޖެހޭ 33،079 ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ